އިންޑިއާގެ ބޮޑުވަޒީރުގެ ޚާއްސަ މަންދޫބު އަދި އެ ޤައުމުގެ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު ކިންޖަރަޕް ރާމް މޯހަން ނައިޑު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ޒިޔާރަތުގެ ތެރެއިން ކުރިއަށްދިޔަ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިންޑިއާގެ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރަށް މަރުޙަބާ ދަންނަވައި، ރާއްޖޭގެ އިޖުތިމާޢީ އަދި އިޤުތިޞާދީ ކުރިއެރުމަށް އިންޑިއާއިން ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަން ފާހަގަކުރައްވާފައެވެ. އަދި ކޮންޓްރެކްޓްގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި ލަސްވުމެއް ނެތި ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކޮށް ނިންމުމުގަައި އިންޑިއާގެ ސަރުކާރުން ވެދެއްވި އެހީތެރިކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ރާއްޖެއަށް ތަރައްޤީ ގެނައުމުގައި އިންޑިއާއަކީ މުހިންމު ބައިވެރިއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އިންޑިއާގެ އެހީތެރިކަމާއެކު މިހާރު ކުރިއަށްދާ މަޝްރޫޢުތައް މުއްދަތުގެ ތެރޭގައި ނިންމުމަށް ދެ ޤައުމު ގުޅިގެން މަސައްކަތްކުރެވޭނެ ކަމާމެދު ފުރިހަމަ އިތުބާރު އެބައޮތްކަން ރައީސް ފާހަގަކުރައްވާފައިވެއެވެ.
މި ބައްދަލުވުމުގައި އިންޑިއާގެ ވަޒީރު ވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓް ހުޅުވިގެންދިއުމާއެކު އެކަން ފާހަގަކޮށް ސަރުކާރަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި މި މަޝްރޫޢު ކުރިއަށްދިޔަ ގޮތް އިންޑިއާގެ ބޮޑުވަޒީރު ވަރަށް ގާތުން ބައްލަވައި، ޚާއްސަ ސަމާލުކަމެއް ދެއްވިކަން ފާހަގަކުރެއްވިއެވެ. އަދި ސަރަހައްދީ ކުރިއެރުމަށް އިންޑިއާގެ ބޮޑުވަޒީރާއި ރައީސް ޑރ. މުޢިއްޒަކީ ގުޅިގެން މަސައްކަތްކުރައްވާ ދެ ލީޑަރުންކަމަށް މަދަނީ އުދުހުންތަކާބެހޭ ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން އިންޑިއާގެ އެހީތެރިކަމާއެކު ހިންގާ މަޝްރޫޢުތައް، ކޮންޓްރެކްޓްގައިވާ މުއްދަތަށް ނިންމުމުގައި އެ ޤައުމުގެ ސަރުކާރުންދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން އިންޑިއާގެ ބޮޑުވަޒީރުގެ ޚާއްސަ މަންދޫބު ދެއްވިއެވެ.
މި ބައްދަލުވުން ނިންމަވާލައްވަމުން ދެ ބޭފުޅުންވެސް ވަނީ ދެ ޤައުމަށްވެސް މަންފާކުރާނެ ގޮތަށް ދޭދޭގުޅުން ވަރުގަދަކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.