ބިސްބުރު ސްޕޯޓްސް އެކަޑަމީގެ 14 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމުން ތައިލޭންޑުގައި ބޭއްވި ދެ މުބާރާތެއްގައި ވާދަކޮށް ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަން، އަދި ދެވަނަ މުބާރާތުގެ ރަނަރަޕްކަން ހޯދައިފިއެވެ.
އެގޮތުން ބިސްބުރު އެކަޑަމީގެ 14 އަހަރުން ދަށުގެ ޓީމުން ވަނީ 'ތައިލޭންޑް އިންޓަނޭޝަނަލް ރެޑް ލިޓްލް ކަޕް 2025' ގެ ޗެމްޕިއަންކަން ހޯދާފައެވެ. ނޮވެމްބަރު 8 ގައި އޮތް މި ޓޯނަމަންޓުގައި ހަތަރު ޓީމު ވާދަކުރިއެވެ. މި ހަތަރު ޓީމުގެ މެދުގައި ޖުމްލަ 6 މެޗު ކުޅުނެވެ.
ބިސްބުރު ސްޕޯޓްސް އެކަޑަމީގެ ޓީމުން ވަނީ 9 ނޮވެންބަރުގައި ކުޅުނު ދެވަނަ މުބާރާތް ކަމަށްވާ 'ތައިލޭންޑް އިންޓަނޭޝަނަލް ޗެރިޓީ ކަޕް 2025' ގެ ރަނަރަޕްކަން ހޯދާފައެވެ.
ބިސްބުރު ސްޕޯޓްސް އެކަޑަމީން ތައިލޭންޑަށް ކުރާ ދަތުރުގެތެރެއިން މިއަދާއި މާދަމާ އެކުވެރިކަމުގެ 5 މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. އެކުވެރިކަމުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ތައިލޭންޑްގެ އެސްކޮޓް އެކަޑަމީގެ 12 އަހަރުން ދަށުގެ ޓީމާއި ސޮމާޕާ ފޯ ސްޕޯޓްސްގެ 12 އަހަރުން ދަށުގެ ޓީމާއެކުއެވެ.
12 ކުޅުންތެރިންނާއެކު ތައިލޭންޑަށް ބިސްބުރު އެކަޑަމީން ކުރާ މި ދަތުރަކީ އެ އެކަޑަމީގެ ކުދިންނަށް ބައިނަލްއަގްވާމީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް އެ އެކަޑަމީން ބުނެއެވެ.