މި ސަރުކާރުގެ ޒަޢާމަތުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް އޮތީ ކުރިއެރުން ގެނުވާނެ ފަހި ދުވަސްތަކެއްކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ޒަރީރު މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އައު ހެޑްކުއަރޓަރސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވީ، މިވީ ދުވަސްތަކުގައި ކަރެކްޝަނަލް ސަރވިސްގެ ޚިދުމަތަށް ވަޞީލަތްތަކުގެ ގޮތުން މާބޮޑު ކުރިއެރުމެއް އައިސްފައިނުވާ ކަމަށެވެ. އެގޮތުން ވޭތުވެދިޔަ ދުވަސްތަކުގައި ކަރެކްޝަނަލްގެ އޮފީސް ހިންގުމަށް 6 އިމާރާތެއް ކުއްޔަށް ނަގަންޖެހުނު ކަމަށާއި ފުރަތަމަ ފަހަރަށް މަސައްކަތްކުރުމަށް އަމިއްލަ އިމާރާތެއް ލިބިގެން މިދިޔައީ މި ސަރުކާރުގައިކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވިއެވެ.
"އެންމެ ފަހުން ޕީއެސްއެމްގެ އޭ ބްލޮކްގައި އޮފީސް ހިންގަމުންދިޔައީ. އޮފީސް ހިންގޭ ވަރުގެ ޖާގައެއް ނުލިބުނު. އެތަނުގެ މަރާމާތަށް ދައުލަތުން 11 މިލިޔަން ޚަރަދުކުރި." ޒަރީރު ވިދާޅުވިއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް ޒަރީރު ވިދާޅުވީ، ފުރަތަމަ ފަހަރަށް ކަރެކްޝަނަލްއަށް 5 ވެހިކަލަކާއި 2 އެމްބިއުލާންސް ހޯދުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާ ކަމަށެވެ. ހުޅުމާލޭ ޖަލުން މިހާރު ޤައިދީން ހޮސްޕިޓަލަށް އުފުލަމުންދަނީ ބަގީއެއްގައިކަން ފާހަގަކުރައްވަމުން ޒަރީރު ވިދާޅުވީ ވެހިކަލްތައް ލިބުމުން މިކަމަށް ހައްލު ލިބި، ޚިދުމަތް ދިނުމުގައި އިތުރު ފަސޭހައެއް ލިބޭނެ ކަމަށެވެ.
މިވަގުތު 3 ޖަލާއި އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގެ ސެކިއުރިޓީ ބަލަހައްޓަމުން ގެންދަނީ ކަރެކްޝަނަލް ސަރވިސްއިންނެވެ. ރާއްޖޭގައި 1718 ގައިދީން ޖަލުތަކުގައި ތިބިއިރު، އޭގެ ތެރެއިން 1591 ޤައިދީން ބަންދުކޮށްފައި ތިބީ ކަރެކްޝަނަލްއިން ބަލަހައްޓާ ޖަލުތަކުގައެވެ.