ރަޝިޔާގެ ވަރުގަދަ ޑްރޯން އަދި މިސައިލް ޙަމަލާތަކެއް އަނެއްކާ ވެސް ޔޫކްރެއިނަށް ދީފިއެވެ.
އެންމެ ފަހުގެ ޙަމަލާތައް އަމާޒުކޮށްފައި ވަނީ ޔޫކްރެއިންގެ ތިން ސަރަޙައްދެއްގައި ހުރި ހަކަތައާބެހޭ މަޒުކަޒުތަކަކަށެވެ. އެ ޙަމަލާތައް ދިނުމަށް 450 ޑްރޯންއާއި 45 މިސައިލް ރަޝިޔާއިން ބޭނުންކޮށްފައިވާ ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރު ޒެލެންސްކީ ވިދާޅުވެއެވެ. އެ ޙަމަލާތަކުަގައި ތިން މީހުން މަރުވެ، އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.
ޔޫކްރެއިންގެ ކަމާބެހޭ އިދާރާތަކުން ބުނީ މަރުވި މީހުންގެ ތެރެއިން ދެ މީހުން މަރުވެފައި ވަނީ އެ ޤައުމުގެ ނީޕްރޯ ސިޓީއަށް ދިން ޙަމަލާއެއް މީހުން ދިރިއުޅޭ އިމާރާތަކަށް އަމާޒުވުމުން ކަމަށެވެ. އެ ހާދިޘާގައި 12 މީހުންނަށް ޒަޚަމްވެފައިވެއެވެ. އޭގެ އިތުރުން ޔޫކްރެއިންގެ ކާކިވް ސަރަޙައްދުން ވެސް މީހަކު މަރުވެފައިވެއެވެ.
ޔޫކްރެއިންގެ ބޮޑުވަޒީރު، ޔޫލިއާ ސީވިރިޑެންކޯ ވިދާޅުވީ ގެއްލުން ލިބިފައިވާ ތިން ހަކަތައާބެހޭ މަރުކަޒު ހުރީ ވެރިރަށް ކީވްގެ އިތުރުން ޕޮލްޓާވާއާއި ކާކިވްގައި ކަމަށެވެ. ސަރުކާރުގެ ހަކަތަ ކުންފުނި ކަމަށްވާ ސިންތްރައިނަގްރޯ ބުނީ އެ ޙަމަލާތަކަކީ 2022ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައި ޔޫކްރެެއިން-ރަޝިޔާ ހަނގުރާމަ ފެށުުނު ފަހުން އެ ކުންފުނީގެ މަރުކަޒުތަކަށް ދީފައިވާ އެންމެ ވަރުދަގަ ޙަމަލާތައް ކަމަށެެވެ. ކީވްއާއި ކާކިވްގައި އެ ކުންފުނިން ކުރަމުންދިޔަ މަސައްކަތްތައް މި ވަގުތަށް މަޑުޖައްސާލާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. ސަރުކާރާއި ހަކަތަ ކުންފުނި ތަކުން މިހާރު އަވަދިނެތި މަސައްކަތް ކުރަމުން ދަނީ އަލުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.