ކުޅިވަރު

19 އަހަރުންދަށުގެ ފިރިހެނުންގެ އޭސީސީ ޕްރިމިއަރ ކަޕުގައި ރާއްޖޭގެ ގައުމީ ކުރިކެޓް ޓީމު ވާދަކުރާނެ


  • މިމަހުގެ ނުވަވަނަ ދުވަހު ގައުމީ ކުރިކެޓު ޓީމު ލަންކާއަށް ދިހަ ދުވަހުގެ ތަޖުރިބާ ދަތުރެއް ކުރާނެ

  • މި ދަތުރުގަ ލަންކާ ޓީމުތަކާއެކު ތިން މެޗު ކުޅުމަށްވަނީ ހަމަޖެހިފަ

  • "ޓާގެޓަކީ ރަނގަޅު ވަނައެއް ރާއްޖެއަށް ގެނައުން، ވަރަށް މަސައްކަތް ކުރެވިއްޖެ"

މިމަހުގެ 19 އިން 30 އަށް ޔުނައިޓެޑް އެރެބް އެމިރޭޓްސްގައި ބޭއްވުމަށް ހަމަޖެހިފައިވާ 19 އަހަރުންދަށުގެ ފިރިހެނުންގެ އޭސީސީ ޕްރިމިއަރ ކަޕުގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ކުރިކެޓް ޓީމު ތައްޔާރުވަމުން އެބަދެއެވެ.

މުބާރާތުގެ ތައްޔާރީތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން ޓީމުގެ ކޯޗެއްކަމަށްވާ އަހުމަދު ނީޝަމް ނާސިރު ބުނީ ތައްޔާރީތައް ދާގޮތާ ދޭތެރޭ ހިތްހަމަޖެހޭކަމަށެވެ. މުބާރާތް އިއުލާން ކުރީ ކުއްލިގޮތަކަށްކަމަށާ އެހެންކަމުން މުބާރާތާ ދޭތެރޭ ފަރިތަކުރުމަށް ލިބުނީ ގާތްގަނޑަކަށް ފަންސަވީހަކަށް ދުވަސްކަމަށް އޭނާ ފާހަގަކުރިއެވެ. މުބާރާތަށް ސްކޮޑް އެކުލަވާލުމަށް ފުވައްމުލައް ސިޓީއިންވެސް ކުޅުންތެރިން ގެނެސްފަވާކަމަށް އޭނާ މައުލޫމާތުދިނެވެ.

"ވަރަށް ކުއްލިގޮތަކަށް މުބާރާތް މި އިއުލާންކޮށްލީ. ގާތްގަނޑަކަށް ލިބުނީ ފަންސަވީހަކަށް ދުވަސް ޕްރެކްޓިސްކޮށްލަން. އަނެއްހެން ބުނަންނާ ބައެއް ކުދިން މިގެނައީ ފުވައްމުލަކުން. އެކުދިންނަށް އާދެވުނީ މިމަހުގެ އެއްވަނަ ދުވަހު. ވަރަށް ރަނގަޅޭ ބުނެވޭނީ ޕްރެކްޓިސް މިދާގޮތް" ނީޝަމް ބުންޏެވެ.

19 އަހަރުންދަށުގެ ގައުމީ ކުރިކެޓް ޓީމުގެ ފަރިތަކުރުންތައް ކުރިއަށްދަނީ ދެދުވަހުން އެއްދުވަހު ހަތަރުވަރަކަށް ގަޑިއިރަށެވެ. މިހާތަނަށް ކުޅުންތެރިންގެ ކިބައިން ކުރިއެރުންތައް ފެންނަމުންދާކަމަށް ކޯޗު ފާހަގަކުރިއެވެ.

މުބާރާތް މިމަހުގެ 21 ވަނަ ދުވަހު ރަސްމީކޮށް ފެށުމަށް ހަމަޖެހިފަވާއިރު ގައުމީ ކުރިކެޓު ޓީމުން މިމަހުގެ 9 ވަނަ ދުވަހު ސްރީލަންކާއަށް ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި ފުރުމަށް ހަމަޖެހިފަވާކަމަށް ނީޝަމް ބުންޏެވެ. އެދަތުރުގައި ސްރީލަންކާގެ ޓީމުތަކާއެކު ތިން މެޗު ކުޅުމަށް ރާވާފަވާއިރު ހަތަރު ދުވަހުގެ ޓްރެއިނިން ޕްރޮގްރާމެއްވެސް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

"ނުވަވަނަ ދުވަހު ޓުއަރ ކުރާނެ ސްރީލަންކާއަށް. އެއީ ޕްރެކްޓިސް ޓުއަރއެއް. ދިހަ ދުވަސް އެކޮޅުގަ ޓްރެއިންކޮށްފަ، ތިން މެޗު ކުޅޭނެ، ދެން ހަތަރު ދުވަހު ޕްރެކްޓިސްކުރާނެ" ނީޝަމް ބުންޏެވެ.

19 އަހަރުންދަށުގެ ގައުމީ ކުރިކެޓް ޓީމުގަ މިވަގުތު އުމުރުގެ ގޮތުން ވަރަށް ހަގު ކުދިން އެބަތިބިކަމަށް ކޯޗު ފާހަގަކުރިއެވެ. އެހެންނަމަވެސް މިކުދިންނަކީ ކުރިއަރަމުން އަންނަ އުންމީދީ ކުޅުންތެރިންތަކެއްކަމަށް އޭނާވަނީ ބުނެފައެވެ.

މިޓީމުގައި ތަޖުރިބާހުރި ސީނިއާ ކުޅުންތެރިންވެސް ތިބިކަމަށާ އެކުދިންގެ ސަބަބުން ޖޫނިއާ ކުޅުންތެރިންނަށްވެސް އިތުރު ކަންކަން ދަސްވެ ރަނގަޅު ތަޖުރިބާއެއް ލިބިގެންދާނެކަމަށް ގަބޫލުކުރާކަމަށް އޭނާ ބުންޏެވެ. 19 އަހަރުންދަށުގެ ގައުމީ ކުރިކެޓް ޓީމަށް ތަޖުރިބާ ހޯދަދިނުމަށް ގައުމީ ކުރިކެޓް ޓީމާއެކުވެސް ފަރިތަކުރުންތައް ބާއްވަމުން އަންނަކަމަށް ކޯޗުވަނީ މައުލޫމާތުދީފައެވެ.

19 އަހަރުންދަށުގެ ގައުމީ ކުރިކެޓް ޓީމުގެ ކެޕްޓަން މަބްސަރު ޢަބްދުﷲ އިބްރާހިމް ބުނީ ފަރިތަކުރުންތައް ވަރަށް ރަނގަޅަށް ކުރިއަށްދާކަމަށާ ޓީމާމެދު ކުރާ އުންމީދު ބޮޑުކަމަށެވެ. މިކުޅިވަރު ކުޅޭތާ ނުވަވަރަކަށް އަހަރުވެފައިވާ އުންމީދީ ކުޅުންތެރިޔާ ބުނީ މިފުރުސަތުގަ ކުރިކެޓް ބޯޑަށް ޚާއްސަ ޝުކުރެއް އަދާކުރާކަމަށެވެ.

މީގެ ކުރިން އެއްވެސް މުބާރާތެއްގެ ކުރިން ތަޖުރިބާ ހޯދުމުގެ ދަތުރެއްކުރުމުގެ ފުރުސަތު ލިބިފަނުވާއިރު، ސީބީއެމްއިން މިފަހަރު މިދިން ފުރުސަތަކީ ކުޅުންތެރިންގެ ކުރިއެރުމަށް މުހިންމު ދަތުރަކަށްވާނެ އޭނާ ފާހަގަކުރިއެވެ.

"އަޅުގަނޑަށް އެނގިފައެއް ނެތް އަންޑަރ 19 ކުދިންނަށް އެހެން ގައުމަކަށް ގޮސް ޕްރެކްޓިސްކޮށްލަން ފުރުސަތު މީގެ ކުރިން ލިބިފަ އިންކަމެއް. އެހެންވީމަ ކުރިކެޓް ބޯޑަށް ވަރަށް ބޮޑަށް ޝުކުރުއަދާކޮށްލަން ބޭނުން" މަބްސަރު ބުންޏެވެ.

މަބްސަރެކޭ އެއްގޮތަށް ޓީމުގެ ވައިސް ކެޕްޓަން މުހަންމަދު މިއުވާން ޝިފާއުވެސް ޓީމާމެދު ކުރާ އުންމީދު ފޮންޏެވެ. އޭނާ ބުނީ އަމާޒަކީ މުބާރާތުގައި ވާދަކޮށް ރަނގަޅު ވަނައެއް ހޯދުންކަމަށެވެ.

"ޓާގެޓަކީ ރަނގަޅު ވަނައެއް ގެނައުން ރާއްޖެއަށް. މިހާރު ވަރަށް މަސައްކަތްތައް ކުރެވިއްޖެ" މިއުވާން ބުންޏެވެ.

މިމުބާރާތަކީ އޭޝިއަން ކުރިކެޓް ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ. މީގެ ފަސް އަހަރުކުރިންވެސް ރާއްޖޭގެ 19 އަހަރުންދަށުގެ ގައުމީ ކުރިކެޓް ޓީމު މިމުބާރާތުގަވަނީ ވާދަކޮށްފައެވެ. އެއަހަރު ވަނައަކާ ހިސާބަށް ދަތުރުނުކުރެވުނަސް އެމުބާރާތްވެގެން ދިޔައީ ކުޅުންތެރިންގެ ތަރައްގީއަށް ލިބުނު ކުރިއެރުމަކަށްކަމަށް ނީޝަމް ބުންޏެވެ.