އައްޑޫ ސިޓީ ކައުންސިލް އުފެދިފައިވާގޮތަށް ބަދަލުތައް ގެނެސް، އެ އަތޮޅުގެ ހުޅުދޫއާއި މީދޫ އައްޑޫ ސިޓީން ވަކިކޮށް، ވަކި ކައުންސިލްތައް އުފައްދަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. އެމަނިކުފާނު މިގޮތަށް ނިންނެވީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން އިޞްލާޙުކުރުމާ ގުޅޭގޮތުން ނެރުއްވި ޤަރާރަކުންނެވެ. 
ހުޅުދޫއާއި މީދޫގެ ގިނަބައެއްގެ ޝަކުވާތަކާ ގުޅިގެން މިދިޔަ މަހުގެ 25ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރެއްގެ ދަށުން އެ ދެ ރަށުގައި ވަކި ކައުންސިލްތައް އުފެއްދުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ވަނީ ނަގާފައެވެ. އެ ވޯޓުގައި ބައިވެރިވި ރައްޔިތުންގެ އަޣުލަބިއްޔަތުން ނިންމީ އައްޑޫސިޓީއާ އިދާރީގޮތުން ވަކިވެ، ދެ ރަށުގައި ރަށު ކައުންސިލްތައް ގާއިމްކުރުމަށް ފެންނަ ކަމަށެވެ. 
ރައްޔިތުންގެ މި ނިންމުމާއެކު ރައީސުލްޖުމްހޫރިއްޔާ ހޯމަ ދުވަހު ނެރުއްވި ޤަރާރެއްގައި ވަނީ މީހުން ދިރިއުޅޭ ވަކި ރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ "އައްޑޫ" އަކީ "އައްޑޫ ސިޓީ" ކަމުގައި ކަނޑައަޅުއްވައި، އެ ސިޓީގައި ހިމެނޭނީ އައްޑުއަތޮޅު ހިތަދޫއާއި މަރަދޫއާއި މަރަދޫފޭދޫ އަދި ފޭދޫ ކަމަށް ވަނީ ކަނޑައަޅުއްވާފައެވެ. އަދި އެ އަތޮޅުގެ އިޙްތިސާސްގެ ބައެއްގެ ގޮތުގައި މިހާތަނަށް އޮތް ހުޅުދޫ އާއި މީދޫ އަކީ މީހުން ދިރިއުޅޭ ވަކި ދެ ރަށުގެ ގޮތުގައި އެމަނިކުފާނު ވަނީ ކަނޑައަޅުއްވާފައެވެ. 
އައްޑޫސިޓީ އުފެދިފައިވާ ގޮތާ ގުޅޭގޮތުން ހުޅުދޫ އާއި މީދޫގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއެކު އެ ދެ ރަށުގެ ހުރިހާ ރައްޔިތުން ދެކޭގޮތް ބަލައި ބަދަލު ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންފައިވާ ވަޢުދުފުޅެކެވެ. 
		
										
			އައްޑޫސިޓީން އިދާރީގޮތުން ވަކިވުމަށް ހުޅުދޫ އަދި މީދޫގެ ރައްޔިތުން ނިންމީ އެ ދެރަށަކީ، ގުޅިފައިވާ އެހެން ރަށްތަކާ ވަކިން އޮންނަ ދެ ރަށަށް ވުމުން ކަމަށް ދެ ރަށުގެ ރައްޔިތުން ބުނެއެވެ. އަދި ސިޓީ ކައުންސިލެއް އޮތުމުން ދެ ރަށް ތަމްސީލުކުރަން އެކަށީގެންވާ ކައުންސިލަރުން ނުތިބޭ ކަމަށާއި ރަށުގެ ކުރިއެރުން އޭގެ ސަބަބުން ލަސްވާ ކަމަށް ހުޅުދޫ އަދި މީދޫގެ ރައްޔިތުންވެސް ގަބޫލުކުރެއެވެ. 
މި އިޞްލާޙަށް ޢަމަލުކުރަން ފަށާނީ، ދެން އެންމެ އަވަހަށް ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބެއްގައިކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައިވެއެވެ. އެހެންކަމުން އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫ ހުޅުދޫ އާއި އައްޑޫ މީދޫއަށް ކައުންސިލަރުން އައްޔަން ކުރާނީ ރަށު ކައުންސިލްތަކުގެ ގޮތުގައެވެ. 
ރައީސްގެ މި ނިންވެމާއެކު ކައުންސިލް އިންތިޚާބާ ހަމައަށް ހުޅުދޫ އާއި މީދޫ އޮންނާނީ އައްޑޫ ސިޓީ ކައުންސިލްގެ ބައެއްގެ ގޮތުގައެވެ. މިހާރު އެ ކައުންސިލްގައި ހުޅުދޫ އަދި މީދޫ ތަމްސީލް ކުރައްވަނީ ދެ ކައުންސިލަރުންނެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަންނަ އަހަރުގެ މާރޗް މަހުގެ 28ވަނަ ދުވަހު ބޭއްވު އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ. އެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އަންނަ އަހަރުގެ ޖެނުއަރީ މަހު ހުޅުވާލާނެ ކަމަށްވެސް އެ ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.