ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) 19 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ ޗެމްޕިއަންޝިޕް 2025ގައި ބައިވެރިވާ ޓީމަށް، ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ހިތްވަރުދެއްވައިފިއެވެ.
ކާވާ 19 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރިންނަށް ޖޯޒީ ހަވާލުކުރުމަށް ހޮނިހިރު ދުވަހު ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ކުޅުންތެރިންނާއި އޮފިޝަލުންނަށް ޖާޒީ ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ސްޕޯޓްސް ޠަލާލެވެ.
ޖޯޒީ ހަވާލުކޮށްދެއްވުމަށްފަހު ޠަލާލްވަނީ ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާ މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. އެ ވާހަކަފުޅުގައި ރާއްޖޭގެ ކުޅުންތެރިން ކުޅިވަރުގެ ހަގީގީ ހަމަތައް ދަމަހައްޓައި ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެ ތަމްސީލުކުރަމުންދާކަން އަބަދުވެސް ހަނދާން ބެހެއްޓުމަށް ސްޕޯޓްސް ކޮމިޝަނަރ އިލްތިމާސް ކުރެއްވިއެވެ.
ޖޯޒީ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކާވާގެ ރައީސް އަދި ވީއޭއެމްގެ ރައީސް މުޙައްމަދު ލަތީފާއި ވީއޭއެމްގެ އިސްވެރިންނާއި ގައުމީ ޓީމުގެ ކުޅުންތެރިންގެ ބެލެނިވެރިން ވެސް ބައިވެރިވިއެވެ. ގައުމަށް ރީތިނަން ހޯދައިދިނުމުގެ އުންމީދުގައި 19 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ ޓީމު ވަނީ މިއަދު ކޮލަމްބޯއަށް ގޮސްފައެވެ. ރާއްޖޭގެ ގައުމީ ޓީމާއެކު ސްރީލަންކާއަށް ދިޔައީ ތަޖުރިބާކާރު ކޯޗު މުނާ މުނީރެވެ.
މި މުބާރާތް އޮންނާނީ 4-6 ނޮވެމްބަރަށް ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައެވެ. މި މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމު އެންމެ ފުރަތަމަ ކުޅޭނީ މުބާރާތް ހުޅުވާ މެޗުގައި ހޯސްޓް، ސްރީލަންކާއާއި ދެކޮޅަށެވެ. އެއަށްފަހު 5 ނޮވެމްބަރުގައި ރާއްޖެއިން ނިކުންނާނީ ކިރްގިސްތާނާ ދެކޮޅަށެވެ. 6 ވަނަ ދުވަހު ކުޅޭނީ ނޭޕާލާއި ދެކޮޅަށެވެ. އެއަށްފަހު 7 ވަނަ ދުވަހު އޮންނާނީ ރޭންކިން މެޗުތަކެވެ. ސެމީ ފައިނަލް މެޗުތައް އޮންނާނީ 8 ނޮވެމްބަރުގައެވެ. އަދި ފައިނަލް މެޗު އޮންނާނީ 9 ނޮވެމްބަރުގައެވެ.