އިނގިރޭސި ޕްރެމިއާ ލީގު ކާމިޔާބު ކުރުމަށް މިވަގުތު އާސެނަލް އަށް ލިބިފައިވަނީ ވަރަށް ރަނގަޅު އެޑްވާންޓޭޖެއް ކަމަށް ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.
އޭނާ މިހެން ބުނީ ލީގުގައި މިއަދު ސަންޑަލޭންޑްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ. އާސެނަލް މި ވަގުތު ޓޭބަލުގެ ކުރީގައިވަނީ ހަތަރު ޕޮއިންޓްގެ ލީޑަކާ އެކުގަ އެވެ.
"އެހެން ޓީމުތަކަށްވުރެ ކުރީގައި އޮތުމަކީ ވަރަށް ބޮޑު އެޑްވާންޓޭޖެއް. އެކަމަކު އަހަރުމެން އެބަޖެހޭ ކޮންމެ މެޗެއްގައި ވެސް އާޖެންސީ ދައްކަން. ކޮންމެ މެޗެއްގައި ވެސް އަހަރުމެން މޮޅުވާން ޖެހޭ ކަމާއި އެ ކަމަށް އަހަރުމެން ބޭނުންވެފައިވާ މިންވަރު ދައްކަން. މިހާރު ލިބިފައި މި އޮތް އެޑްވާންޓޭޖް ހިފެހެއްޓޭނީ އޭރުން،" އާޓެޓާ ބުންޏެވެ.
އޭނާ ބުނީ އިނގިރޭސި ލީގަކީ ވަރަށް ވާދަވެރި ލީގެއް ކަމަށާއި ހާއްސަކޮށް އަލަށް ޕްރޮމޯޓްވި ޓީމުތަކުން ވެސް ލީގުގައި ވަރަށް ވަރުގަދަ މެޗުތަކެއް ކުޅެމުންދާ ކަމަށެވެ.
މި މެޗަށް ނުކުންނައިރު ސަންޑަލޭންޑް އޮތީ 17 ޕޮއިންޓާއެކު ޓޭބަލުގެ ހަތަރުވަނާގަ އެވެ. މިއީ އާސެނަލް އަށްވުރެ ފަސް ޕޮއިންޓް މަދު އަދަދެކެވެ. މިހެންވެ އާޓެޓާ ބުނީ ކޮންމެ މެޗެއްގައި ވެސް ވަރަށް ސީރިއަސްކޮށް ވިސްނަން ޖެހޭނެ ކަމަށެވެ.
އޭނާ އަދި ބުނީ ޓީމުގައި އަނިޔާގައި ތިބި ކުޅުންތެރިން މި މެޗުގައި ނުފެނުނަސް ކުރިއަށްހުރި މެޗުތަކުގައި ފެންނާނެ ކަމަށެވެ. އޭގެ ތެރޭގައި ކެޕްޓަން މާޓިން އޮޑެގާޑް އާއި ކައި ހަވަޓްޒް އަދި ގަބްރިއަލް މާޓިނެއްލީ ވެސް ހިމެނެ އެވެ.
"މި މެޗުގައި އެ މީހުން ނުފެންނާނެ. އެ ފުރުސަތު ވަރަށް ކުޑަ. ނަމަވެސް އެ މީހުން ދެން އަންނަ މެޗުގައި ބޭނުން ކުރެވިދާނެ. އަހަރެން އުއްމީދު ކުރަނީ އެ މީހުން މުޅިން ފިޓްވެގެން ކުޅެން ނުކުންނަން. މި މަހު އަންނަ އިންޓަނޭޝަނަލް ބްކޭކަށް ފަހު އެ ކުޅުންތެރިން ހިމަނައިގެން މެޗުތައް ކުޅެވޭނެ،" އާޓެޓާ ބުންޏެވެ.
ފާއިތުވެދިޔަ ތިން ސީޒަނުގައި ވެސް އާސެނަލް ލައްވާލީ ޓޭބަލުގެ ދެ ވަނާގަ އެވެ. މިހެންވެ މި ސީޒަނަށް ޓީމު ވަރުގަދަކޮށް އާސެނަލްގެ ޓާގެޓަކީ ޕްރެމިއާ ލީގު ކާމިޔާބު ކުރުމެވެ.