ޚަބަރު

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަނާއި ލީގަލް ޑިރެކްޓަރ މަޤާމުން ވަކިކޮށްފި


  • ޑެޕިއުޓީ ޗެއާޕާސަން އިދާރީގެ މަޤާމުގައި ހުންނެވީ އިބްރާހިމް ވަހީދު

  • ލީގަލް ޑިރެކްޓަރުގެ މަގާމުގައި ހުންނެވީ އަހުމަދު މައުރޫފް

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިދާރީ، އިބްރާހިމް ވަހީދު އާއި ޕާޓީގެ ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފް މަޤާމުން ވަކިކޮށްފިއެެވެ.

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިދާރީ، އިބްރާހިމް ވަހީދު އާއި ޕާޓީގެ ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފް މަޤާމުން ވަކިކުރިކަން އެ ބޭފުޅުންނަށް އަންގާފައިވަނީ މިއަދުއެވެ. ނަމަވެސް އެ ބޭފުޅުން މަޤާމުން ވަކިކުރި ސަބަބު އެމްޑީޕީން ހާމަކޮށްފައެއް ނުވެއެވެ.

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިދާރީ، އިބްރާހިމް ވަހީދު މަޤާމުން ވަކިކުރިކަން އަންގައި ފޮނުވި ސިޓީގައި ބުނެފައިވަނީ ޕާޓީގެ އަސާސީ ގަވާއިދުގެ 70 ވަނަ މާއްދާގައި ޕާޓީގެ ޗެއާޕާސަން ކަމަށް އިންތިހާބުވާ ފަރާތަކުން ޗެއާޕާސަންގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެހީތެރިވެދޭން ޗެއާޕާސަންގެ ނައިބް (އިދާރީ) އާއި ޗެއާޕާސަންގެ ނައިބް (މާލީ) ގައުމީ މަޖިލީހުގެ ރުމާއެކު އައްޔަންކުރެވޭނެކަމަށެވެ. އަދި އެ މާއްދާގައި ޗެއާޕާސަންގެ ދައުރުގެ ތެރޭގައި ޗެއާޕާސަންގެ ނައިބު ވަކިކޮށް ގައުމީ މަޖިލީހުގެ ރުހުމާ އެކު އެހެން ފަރާތެއް ޗެއާޕާސަންގެ ނައިބް ކަމަށް އައްޔަންކުރެވިދާނެކަމަށް ބުނާއިރު، އެ މާއްދާއާ ހަވާލާދީ ޗެއާޕާސަންގެ ނައިބްކަމުން ވަކިކުރާ ހާލަތުގައި ގައުމީ މަޖިލީހުގެ ރުހުން އޮންނަންޖެހޭ ކަމަށް ބުނެފައިނުވާކަމަށެވެ. އެހެންކަމުން އެ މާއްދާގެ ދަށުން ޕާޓީގެ އިދާރީ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުން ވަހީދު ވަކިކޮށްފައިވާކަމަށް ޕާޓީގެ ވަގުތީ ޗެއަރޕާސަން ފޮނުއްވި ސިޓީގައި ބުނެފައިވެއެވެ.

އެމްޑީޕީގެ ލީގަލް ޑިރެކްޓަރުގެ މަގާމުން އަހުމަދު މައުރޫފް ވަކިކުރިކަން އަންގައި އޭނާއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ލީގަލް ޑިރެކްޓަރުގެ މަގާމުން ވަކިކޮށްފައިވާ ކަމަށާއި، އަދި ޕާޓީއަށް ކޮށްދެއްވި މަސައްކަތްތަކަށް ޝުކުރު އަދާކުރާކަމަށެވެ.

އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިދާރީއާއި ޕާޓީގެ ލީގަލް ޑިރެކްޓަރު މަޤާމުން ވަކިކުރުމާއި ގުޅޭގޮތުން އެމްޑީޕީން ރަސްމީކޮށް އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ. ނަމަވެސް އެ ބޭފުޅުން ޕާޓީގެ މަޤާމުތަކުން ވަކިކޮށްފައިވަނީ ލޯކަލް ކައުންސިލް އިންތިޚާބަށްފަހު ޕާޓީގެ ތެރޭގައި މައްސަލަތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ރޭ ބޭއްވި އެމްޑީޕީގެ ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަދައްކަވަން ފުރުޞަތު ނުދެއްވިކަމަށް ބުނެ ޕާޓީގެ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އެމްޑީޕީގެ ލީޑަރޝިޕަށް ފާޑުކިޔަމުންނެވެ. އަދި ރޭގެ ޖަލްސާގައިވެސް ބައެއް މީހުން ވަނީ އެކަމާއި ގުޅިގެން އަޑުއުފުލައި ނުރުހުން ފާޅުކޮށްފައެވެ.