ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި އަންނަ ހުކުރު ދުވަހު ކުލަބު ވެލެންސިއާއާ ދެކޮޅަށް ނިކުންނަ މެޗުގައި ޒުވާން ކުޅުންތެރިންނަށް ފުރުސަތުދޭނެ ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނެފިއެވެ.
މިހަފްތާގައި ގްރީން ސްޓްރީސްޓްސްއާއި ދެކޮޅަށް ކުޅުނު މެޗުގައި ހޯދި ބޮޑު މޮޅަށްފަހު ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ހެނާންޑޭޒް ބުނީ ފުރުސަތު ދޭނެ ކުޅުންތެރިން ނިންމާނީ ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބާއްވާ ފަރިތަކުރުންތަކާއި، އެ ދުވަހުގެ މެޗުގެ ކަންކަން ބެލުމަށްފަހުގައި ކަމަށެވެ.
ގްރީން ސްޓްރީޓްސްއާއި ދެކޮޅަށް ނިކުތީ، ވަރުގަދަ ޓީމެއް ކަމަށް ބަލައިގެން ކަމަށާއި، އެހެންނަމަވެސް އެ ކުލަބާއި ދެކޮޅަށް މާޒިޔާ ކުޅުނީ ފަސޭހަ މެޗެއްކަމަށް ކޯޗު ބުންޏެވެ. އެހެންކަމުން ސްކޮޑުގައި ހިމެނޭ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދެވުނު ކަމަށާއި ބަދަލުކުރި ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށްވެސް ހެނާންޑޭޒް ބުންޏެވެ. ހެނާންޑޭޒް ބުނީ ދެން އަންނަ މެޗެއްގައި ގްރީން ސްޓްރީޓްސްއިން ރަނގަޅު ކުޅުމެއް ދައްކާނެ ކަމަށް އުންމީދު ކުރާކަމަށެވެ.
ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިން ބެންޗުގައި ތިބޭ މާޒިޔާއިން އަންނަނީ އެކި މެޗުތަކުގައި އެޓީމުގެ ޒުވާން ކުޅުންތެރިންނަށް ފުރުސަތުދީ ސީނިއާ ޕްލޭޔަރުންނާއެކު މެޗު އެކްޕީރިއަންސް ހޯދުމުގެ ފުރުސަތު ދެމުންނެވެ.
ހެނާންޑޭޒް ބުނީ އަދިވެސް ގިނަ ކުޅުންތެރިންނަށް ފުރުސަތުދެވޭނެކަމަށާއި، އިތުރު ފުރުސަތުތަކެއް ލީގުގައި އަދިވެސް ފެންނާނެ ކަމަށް އުންމީދު ކުރާކަމަށެވެ. ކުރިޔަށް އޮތްތަނުގައި އައު ކުޅުންތެރިންނަށް ފުރުސަތު ދިނުމަށް އިތުރު ވަގުތު ބޭނުންވާކަމަށްވެސް އޭނާ ބުންޏެވެ.
އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އޮތީ ކުޅުނު ފަސް މެޗުގެ ތެރެއިން އެއްވެސް މެޗަކުން ބަލި ނުވެ 15 ޕޮއިންޓާއެކު ލީގުގެ އެއްވަނައިގައެވެ. އަންނަ ހުކުރު ދުވަހު މާޒިޔާ އާއި ކުލަބު ވެލެންސިއާ ބައްދަލުކުރާ މެޗު އޮންނާނީ 1600 ގައެވެ.