ޚަބަރު

އައު ފްލެޓްތަކުގެ ބަސް ސްޓޮޕްތަކާއި ޕޭވްމަންޓުގެ މަސައްކަތް ޖެނުއަރީ އަށް ނިންމުމަށް މަސައްކަތްކުރަނީ!


  • އަލަށް ހަދާ 4 ބަސް ސްޓޮޕްގެ މަސައްކަތްވަނީ ނިންމާލެވިފައި

  • 4 ޒޯނެއްގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތްވަނީ ނިންމާލެވިފައި

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އައު ފުލެޓުތަކަށް މީހުން ބަދަލުވުމުގެ ކުރިން އެސަރަހައްދުގައި ބަސް ސްޓޮޕްތައް ހެދުމާއި، ޕޭވްމަންޓްހެދުމުގެ މަސައްކަތް އަންނަ ޖެނުއަރީމަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން ވިދާޅުވެއްޖެއެވެ.

އެޗްޑީސީން ވިދާޅުވީ، އެ ސަރަހައްދުގައި ބަސް ސޮޓޮޕްތައް ހަދަން ކުރާ މަސައްކަތުގެ ތެރެއިން އަލަށް ހަދާ 5 ބަސް ސްޓޮޕްގެ ތެރެއިން 4 ބަސް ސްޓޮޕެއްގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާކަމަށެވެ.

އައު ބަސް ސްޓޮޕްތައް ހެދުމުގެ މަސައްކަތް ކުރަމުންދަނީ އެ ސަރަހައްދަށް ދިރިއުޅުން ބަދަލުކުރާ މީހުންނަށް ފަސޭހައިން ދަތުރުކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށެވެ.

މީގެއިތުރުން، އެ ސަރަހަައްދުގެ މަގުތަކުގައި ޕޭވްމަންޓްހެދުމަށް އެޗްޑީސީން ކުރައްވާ މަސައްކަތުގެ ތެރެއިން
ޒޯން 1،2،3، އަދި 4ގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާކަމަށެވެ.

އަދި ޒޯން 5 ގައި މިހާރު ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، އެ މަސައްކަތުގެ %30 މަސައްކަތް ނިމިފައިވާކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

އައު ފްލެޓަށް މީހުން ބަދަލުވުމުގެ ކުރިން އެ ސަރަޙައްދުގައި ޢާންމުންނަށް ފަސޭހަވާނެހެން ވަސީލަތްތައް ޤާއިމްކުރުމުގެ މަސައްކަތް އެޗްޑީސީން މިހާރުވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން، އެ ސަރަހައްދުގައި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށޭނެކަމަށް އެޗްޑީސީން ވިދާޅުވެއެވެ.