ޚަބަރު

ނަތަންޔާހޫގެ ޢަމުރަށް ޔަހޫދީ ފައުޖުން ޣައްޒާއަށް އަނެއްކާވެސް ޙަމަލާދޭން ފަށައިފި


ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ޢަމުރަށް ޔަހޫދީ ސިފައިން އަނެއްކާ ވެސް ޣައްޒާއަށް ޙަމަލާތަކެއް ދީފިއެވެ.

2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޔަހޫދީން ދިޔައީ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމުގެ މަޤްޞަދުގައި ދެ އަހަރު ވަންދެން ލާއިންސާނީ ޙަމަލާތައް ދެމުންނެވެ. ނަމަވެސް އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕްގެ އެހީތެރިކަމާއެކު ޔަހޫދީންނާއި ޣައްޒާގައި ވެރިކަންކުރާ ޙާމާސްއާ ދެމެދު މި އަހަރުގެ އޮކްޓޯބަރު މަހުގެ 9ވަނަ ދުވަހު ވަނީ ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމެއްގައި ސޮއިކޮށް، ޖެހިގެން އައި ދުވަހު އެ އެއްބަސްވުމަށް އަމަލުކުރަން ފަށައިފައެވެ.

މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ޔަހޫދީން ވަނީ އެއްބަސްވުމާ ޚިލާފަށް ޣައްޒާއަށް ޙަމަލާތައް ދީފައެވެ. އެއްބަސްވުމާ ޚިލާފަށް ޔަހޫދީން އެންމެ ފަހުން ދީފައިވާ ޙަމަލާތަކުގައި 26 މީހުން ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި މެދުތެރޭ ޣައްޒާގައި ހުންނަ ބުރީޖު ރެފިއުޖީ ކޭމްޕުގައި ހުރި ގެއަކުން ފަސް މީހުންނާއި ޣައްޒާ ސިޓީގެ ޞަބްރާ އަވަށުން ޝަހީދުވި ހަތަރު މީހުންނާއި ޚާން ޔޫނިސްގައި ދަތުރުކުރަމުންދިޔަ ކާރެއްގައި ތިބި ފަސް މީހުން ހިމެނެއެވެ. ސީދާ ނަތަންޔާހޫގެ ޢަމުރަށް އަންގާރަ ދުވަހު ދޭން ފެށި ޙަމަލާތައް ބުދަ ދުވަހުގެ ފަތިހުގެ ވަގުތުތަކާ ހަމައަށް ޔަހޫދީ އިސްތިޢުމާރީ ފައުޖުން ކުރިއަށް ގެންގޮސްފައިވެއެވެ.

ޔަހޫދީންނާއި ޙަމާސްއާ ދެ ފަރާތުން ވެސް ދަނީ ދެ ބައި މީހުން ވެސް އެއްބަސްވުމާ ޚިލާފުވަމުންދާ ކަމަށް ތުހުމަތު ކުރަމުންނެވެ. ނަމަވެސް އެ އެއްބަސްވުން ދަމަހައްޓަން ބޭނުންވާ ކަމަށާއި އެއްބަސްވުމާ ޚިލާފު ނުވާ ކަމަށް ޙަމާސުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. އެއާ ޚިލާފަށް މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ޔަހޫދީން ވަނީ އެއްބަސްވުމާ ޚިލާފަށް ޣައްޒާއަށް ޙަމަލާތައް ދީފައެފެ.