ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރު މުއްދަތެއްގެ ތެރޭގައި ވަޑައިގެން އެ ރަށްރަށުގައި ދިރިއުޅުއްވާ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަކީ ދިވެހި ތަރީޙުގެ ފަތްފުއްތަކުން އެމަނިކުފާނު ޖާގަ ހޯއްދަވާނެ ކަމެކެވެ. މިކަން އެންމެ ބޮޑަށް ޚާއްސަ ވެގެން ދަނީ އެމަނިކުފާނު މި ލަނޑުދަނޑި ހާސިލް ކުރެއްވި ކުރުމުއްދަތުގެ ސަބަބުންނެވެ.
ދިވެހިރާއްޖެއަކީ ކުދި ޖަޒީރާ ރަށްތަކެއް މައްޗަށް ބެހިފައިވާ ޤައުމެކެވެ. ޤައުމުގެ ވަލިއްޔުލް ޢަމްރުގެ މަޤާމު އަދާކުރައްވާ ބޭފުޅުން ވެރިކަމުގެ 5 އަހަރުގެ ދައުރެއްގެ ތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތް ކުރުމަކީ ތާރީޙަށް ބަލާއިރު މީގެކުރިން ވެފައި އޮތް ކަމެއް ނޫނެވެ.
ރަދުންގެ ރަސްކަންތަކުން ޖުމްހޫރިއްޔަތަކަށް ދިވެހިން ވެރިކަމުގެ ނިޒާމު ބަދަލުވިނަމަވެސް. ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމާއި ހަމައަށް ވެރިކަމުގެ ތަފާތު އެކި ސަޤާފަތްތައް ތަރުތީބުވެފައި އޮތީ، ރައްޔިތުންނާއި ދުރުން "މާލޭގެ ފިނި ކޮޓަރީގައި" ތިބެގެން ކަންކަން ނިންމާ އުސޫލަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރާއްޖޭގެ ވެރިކަމުގެ މިފަދަ ސަޤާފަތްތައް ބަދަލުކުރުމަށެވެ. ވެރިކަމުގެ ދައުރުގައި ސިޔާސީ ވެރިން "ކުޑަ ގޮޅިއަށް" ލުން ފަދަ ކަންކަމާއި އެމަނިކުފާނު ދުރުހެލިވެވަޑައިގަތެވެ. އެމަނީކުފާނު އިސްކުރެއްވީ ވެވަޑައިގެންނެވި ވައުދުތައް ފުއްދަވައި، ރައްޔިތުންނާ ގާތުން ޚިދުމަތް ދެއްވުމަށެވެ. ވެރިކަމުގެ ދައުރު ނިމުމުގެ ކުރިން ކޮންމެ ރަށަކަށް ދެ ފަހަރު ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރެއްވުމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދެކެވެ.
މީގެ ކުރިން ރައީސުން ރަށްރަށަށް ވަޑައިގެންނެވީ ކޮންމެވެސް މުނާސަބާއަކާއި ދިމާކޮށް ކަމީ، ރަށްރަށުގައި ދިރިއުޅުއްވާ ރައްޔިތުން ދަންނަ ކަމެކެވެ. ކޮންމެވެސް މުހިންމު ދުވަހެއް އެ ރަށުގައި ފާހަގަކުރުން، ނުވަތަ ސަރުކާރުގެ މަސައްކަތެއް އިފްތިތާޙްކޮށްދެއްވަން ވަޑައިގަންނަވައެވެ. އެނޫނީ ދެން ފެންނާނީ އަބަދުވެސް އިންތިޚާބެއް ބޯމަތިވެފައި އޮތްވާ ވެރިން ރަށްރަށަށް ވަޑައިގަންނަވާ މަންޒަރެވެ. ބައެއް ރަށްތަކަށް އެއްގޮތަކަށްވެސް ވަޑައިނުގެންވެސް ބައެއް ވެރިންގެ ވެރިކަމުގެ ދައުރު ނިމިގެންގޮސްފައި އެބަހުއްޓެވެ.
މި ސަޤާފަތް ބަދަލު ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަތުމުގެ ދަތުރު ފެއްޓެވީ ރައްޔިތުންނާއި ގާތުން ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްޤީ ގެނެސްދެއްވުމަށެވެ. އެކަން ސާބިތުކޮށްދެއްވައި، ވެރިކަމާއި ހަވާލުވެވަޑައިގަތްތާ އަހަރަކާއި 11 މަސް ދުވަހުގެ ތެރޭގައި ހުރިހާ ރަށަކަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމުން ދައްކުވައިދެނީ ސަރުކާރުން ރާއްޖޭގެ ތަރައްޤީގެ ދުވެލި ހަލުވި ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތެވެ.
ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ މީހުން ދިރިއުޅޭ 187 ރަށަށް ވަޑައިގަންނަވައި، ރަށްރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާފައިވާއިރު އެމަނިކުފާނު މީގެ ތެރެއިން 64 ރަށަކަށް ދެފަހަރެއްގެ މަތިން މިހާރު ވަޑައިގެންފައެވެ. އަދި އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކާއި އަދި ރަށު ކައުންސިލްތަކުގެ އިތުރަށް އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ ހިމެނޭހެން އެމަނިކުފާނު ވަނީ 148 ކައުންސިލާއި ދެވަނަ ފަހަރަށް ބައްދަލުކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުތަކުގައި، ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. އަދި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާ، އެކި ކަންކަމުގައި ރައްޔިތުންގެ ފަރާތުން ހިއްސާކުރެއްވި ވާހަކަތައް އަޑުއެއްސެވިއެވެ.
ސަރުކާރުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރީންގެ މައްޗަށް އެކުލެވޭ ވަފުދުތައް، މި ދަތުރުފުޅުތަކުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެ ވަފުދުތަކުން ވަނީ، ކޮންމެ ރަށެއްގައި މިހާރު ފަށާފައިވާ އަދި ފެށުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭ އަދާހަމަ މަޢުލޫމާތު ފޯރުކޮށްދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުތަކުގެ ސަބަބުން، މީގެ ކުރިން ރަށްރަށުން މާލެއަށް ދަތުރުކޮށް، އެކި ވުޒާރާތަކާ ވަކިވަކީން ބައްދަލުކުރައްވައިގެން ދިގުލާ މަޝްވަރާތަކާއި، އެކި މަރުޙަލާތަކުގައި ޖަވާބު ނުލިބިވާ ސިޓީތަކަށް ޖަވާބު ހޯއްދެވުމުގެ ބަދަލުގައި، ސީދާ ރައީސުލްޖުމްހޫރިއްޔާއާއެކު އެއްމޭޒެއްގެ ދޮށުގައި މަޝްވަރާތައް ކުރިއަށް ގެންދެވުމުގެ ފުރުޞަތު ފަހިވެ، ތަރައްޤީގެ ދުވެލި ހަލުވިވެ، ރައްޔިތުންގެ ހުވަފެންތަކުގައި ޙަޤީޤީ ކުލަޖެހިގެންދާކަން ފާހަގަކުރެވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުތަކުގެ ސަބަބުން ރައްޔިތުންނަށް އެތަކެއް ފައިދާތަކެއް ވަމުންދާއިރު، އެމަނިކުފާނުގެ ރިޔާސީ ވަޢުދު ކަމުގައިވާ ދައުރުގެ ތެރެއިން ދެފަހަރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކާށް ވަޑައިގަތުން، ދައުރު ދެބައި ނުވަނީސް ފުއްދަވާނެކަމާމެދު މިހާރު ޝައްކެއް ނެތެވެ.