ޚަބަރު

ވޯލްޑް ކަލިނަރީ އެވޯޑްސްގައި ދުނިޔޭގެ އެންމެ މަޤުބޫލު ސަޤާފީ ކެއުމުގެ މަންޒިލަކަށް ރާއްޖެ


  • އެވޯޑް ރާއްޖެއަށް ލިބިފައިވަނީ މަގްބޫލު ގައުމުތަކާއި ވާދަކޮށްގެން

ވޯލްޑް ކަލިނަރީ އެވޯޑްސް 2025ގައި ދުނިޔޭގެ އެންމެ މަޤުބޫލު ސަޤާފީ ކެއުމުގެ މަންޒިލްގެ ލަގަބު ރާއްޖެއަށް ލިބިއްޖެއެވެ.

މިއެވޯޑް ރާއްޖެއަށް ލިބިފައިވަނީ ޖަރުމަނުވިލާތާއި، ޕެރޫ، ސޭޝެސްލް އަދި ސިންގަޕޫރާ ވާދަކޮށްގެންނެވެ. މިމަޤާމު ރާއްޖެއަށް ލިބިފައިވަނީ އިންޑިއާ ކަނޑުގެ އެންމެ މަޤުބޫލު ސަޤާފީ ކެއުމުގެ މަންޒިލްގެ އެވޯޑު ކަށަވަރުކުރުމަށް ފަހުއެވެ.

މިގެއިތުރުން ރާއްޖެއިން ވަނީ އިންޑިއާ ކަނޑުގެ ސަރަހައްދުންވެސް ތަފާތު ގިނަ އެވޯޑުތަކެއް ހޯދާފައެވެ. އެގޮތުން ވެރިރަށް މާލެ ވަނީ "އިންޑިއަން އޯޝްންސް ބެސްޓް ކަލިނަރީ ސިޓީ ޑެސްޓިނޭޝަން"ގެ މަޤާމު ހޯދާފައެވެ. ހަމަ އެހެންމެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްވަނީ މިސަރަހައްދުގެ އެންމެ މޮޅު ކަލިނަރީ ޓްރެއިނިންގް އިންސްޓިޓިއުޓުގެ މަޤާމުވެސް ހޯދާފައެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވީ މި ޝަރަފުތަކަކީ މުއްސަނދި ސަޤާފަތާއި ކެއިންބުއިމުގެ އުކުޅުތަކާއި ރަހަތަކަކީ މުޅި ދުނިޔެވެސް ބަލައިގަންނަ ފުރިހަމަ ރަހަތަކެއްކަން ދައްކުވައިދޭ އަގުހުރި ރަމްޒެއްކަމަށެވެ. ސަޤާފީ ކެއުންތަކާއެކު، ޒަމާނީ ކެއިންބުއިމުގައި ދުނިޔޭގެ ފެންވަރުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ހިމެނިގެން ދިއުން މިއީ ފަތުރުވެރިކަމުގެ ސިނާޢަތުގެ އިތުރުން ދިވެހިވަންތަކަމާއި ޤައުމީ ފަޚުރުކަމަށްވާ މަސްވެރިކަމާއި ކަނޑުގެ ރޯއްޖާއި ދިވެހީންގެ ދިރިއުޅުން ގުޅި ލާމެހިފައިވާ މިންވަރު މުޅި ދުނިޔެއަށް ދައްކާލަދިނުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއްގެ ގޮތުގައި ޝިއުރީ ވަނީ ފާހަގަކުރައްވާފައެވެ.

ވޯލްޑް ކަލިނަރި އެވޯޑަކީ ވޯލްޑް ޓްރެވަލް އެވޯޑްސްގެ އެއް ބާބެވެ. ވޯލްޑް ޓްރެވަލް އެވޯޑްސްގައި މިއަހަރުވެސް ރާއްޖެ އަންނަނީ ދުނިޔޭގެ އެންމެ މަޤުބޫލު ފަތުރުވެރިކަމުގެ މަންޒިލްގެ މަޤާމު ވިދިވިދިގެން ހަވަނަ ފަހަރަށް ދިފާޢުކުރުމަށް މަސައްކަތް ކުރަމުންނެވެ. މީގެއިތުރުން ވޯލްޑްސް ލީޑީންގް ގްރީން ޑެސްޓިނޭޝަންގެ މަޤާމުވެސް ދެވަނަ ފަހަރަށް ދިފާޢުކުރުމަށް ރާޢްޖެއިން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.