ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން ފީފާއިންދޭ އެއްބާރުލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ޝުކުރު އަދާކުރައްވައިފިއެވެ.
ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން ފީފާއިންދޭ އެއްބާރުލުން ފާހަގަކުރައްވާ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އެސޯސިއޭޝަން ފުޓްބޯލް ،ފީފާ ގެ ރައީސް ޖިއަނީ އިންފަންޓީނޯ ރާއްޖެވަޑައިގަތުމުން އެކަމަށް އުފާކުރައްވާކަމަށާއި ޝުކުރު އަދާކުރެއްވިއެވެ.
އަދި ފީފާގެ ރައީސްއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ފުޓުބޯޅަ އިތުރަށް ކުރިއެރުވުމަށްޓަކައި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެއްބާރުލުމާއެކު މަސައްކަތް ކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އިއްޔެ ރާއްޖެއަށް ކުރެއްވި ދަތުރުފުޅަކީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް އަޙްމަދު ޠާރިޤުގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.
It was a pleasure to host the President of @FIFAcom, Gianni Infantino, in the Maldives. I conveyed my appreciation for FIFA’s continued support for football development in our country. We discussed strengthening cooperation with the Football Association of Maldives (FAM) to… pic.twitter.com/MwQ9tMHGzK
— Dr Mohamed Muizzu (@MMuizzu) October 25, 2025
މިއީ ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެއަށް ކުރެއްވި ފުރަތަމަ ޒިޔާރަތެވެ. މި ޒިޔާރަތުގައި ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތާއި ވަސީލަތްތައް ހުރިގޮތާއި އެހެނިހެން ކަންކަން އިންފަންޓީނޯ ވަނީ އޮޅުންފިލުއްވާފައެވެ.
ފީފާގެ ރައީސްގެ މި ދަތުރުފުޅު ވެގެންދާނީ ރާއްޖޭގެ ފުޓްބޯޅައަށް އަލުން ދިރުން ގެނެސް ފުޓްބޯޅަ ކުރިއެރުވުމަށް އެފްއޭއެމުން ކުރާ މަސައްކަތަށް ލިބިގެންދިޔަ އިތުރު ހިތްވަރަކަށެވެ. އަދި ރާއްޖޭގެ ފުޓްބޯޅައަށް އަލުން ރޫހު ގެނެސް، އެފްއޭއެމްގެ ހިންގުން ހަރުދަނާވެ، ކުލަބުތަކުގެ މާލީ ނިޒާމާއި، ކުޅުންތެރިންނަށް ލިބެންޖެހޭ ހައްގުތައް އަލުން ހޯދައިދީ، ފުޓްބޯޅައިގެ ތެރޭގައި ހުނަރުވެރިން ކުޅުންތެރިން ހިފެހެއްޓުމަށް ކުރާ މަސައްކަތަށްވެސް އިތުރު ބާރެއްލިބިގެންދާނެއެވެ.