ކުޅިވަރު

ލީގުގެ ދެވަނަ ބުރުވެސް އެއްވަނައިގައި އޮވެ މާޒިޔާ ނިންމާލައިފި


އީގަލްސް ބަލިކޮށް އުރީދޫ ދިވެހި ޕްރިއާރ ލީގްގެ 2ވަނަ ބުރުވެސް އެއްވަނައިގައި އޮވެ މާޒިޔާއިން ނިންމާލައިފިއެވެ. 

އުރީދޫ ދިވެހި ޕްރިމިއާރ ލީގްގެ 2ވަނަ ބުރުގެ ފަހު މެޗްގައި ރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާ ކުލަބާ އީގަލްސް ވާދަކުރި މެޗް މާޒިޔާ ކާމިޔާބުކޮށްފައިވަނީ 1 ލަނޑު 0 ލަނޑުންނެވެ. މެޗްގެ ފުރަތަމަ ހާފްގެ ކުރީ ކޮޅުގައި ދެ ޓީމްގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. އަދި އީގަލްސްއިންވަނީ މާޒިޔާގެ ގޯލްއަށް ނުރާއްކާތެރި 2ތިން ހަމަލާއެއްވެސް ފޮނުވާލާފައެވެ. މެޗްގެ ކުރީކޮޅުގައި އީގަލްސްގެ ބިދޭސީ ކުޅުންތެރިޔާ ރިސްޓޭ ގޯލެއް ކާމިޔާބުކުރި ނަމަވެސް، އޭނާ އޮފްސައިޑްގައި ހުރުމުން އެއީ ގޯލްއެއްކަމަށް ރެފްރީ ނިންމާފައެއްނުވެއެވެ. އަދި މެޗްގެ ފުރަތަމަ ހާފްގައި މުހައްމަދު އުމެއިރަށް ގޯލް ޖެހުމަށް ލިބުނު ދެ ފުރުސަތުވެސް ކާމިޔާބުކުރެވޭގޮތްވަނީ ނުވެފައެވެ. މެޗްގައި މާޒިޔާގެ ހަމައެކަނި ލަނޑު ފުރަތަމަ ހާފް ނިމެން 4 މިނެޓްއަށް ވެފައިވަނިކޮށް އަހުމަދު އިމާޒްއެވެ. މިއީ މިސީޒަނުގައި އީގަލްސް ބަލިވި ފުރަތަމަ މެޗެވެ.

img:http://s2.psmnews.mv/images/660x400/14718931644826.jpg|އުރީދޫ ދިވެހި ޕްރިމިއާރ ލީގްގައި މާޒިޔާއާ ކުލަބް އީގަލް ވާދަކުރު މެޗްގެ ތެރެއިން (ފޮޓޯ: ޕީއެސްއެމް - ވަހީދު)

މާޒިޔާއިން މިމެޗް ކާމިޔާބުކުރުމާ ގުޅިގެން އެޓީމް 2ވަނަ ބުރު ނިންމާލާފައިވަނީ ލީގް ތާވަލްގެ 1ވަނާގައި އޮވެ، 31 ޕޮއިންޓްއާއެކުއެވެ. ތާވަލްގެ 2ވަނާގައިވާ ކުލަބް އީގަލްސް އޮތީ މާޒިޔާއަށް ވުރެއް 4 ޕޮއިންޓް ފަހަތުގައެވެ. އެއީ 27 ޕޮއިންޓްއާއެކުއެވެ. ލީގްގެ 3ވަނާގައިވާ ޓީސީ ސްޕޯޓް ކުލަބްއަށް 24 ޕޮއިންޓް ލިބިފައިވާއިރު، 19 ޕޮއިންޓްއާއެކު ތާވަލްގެ 4ވަނާގައި އޮތީ ކުލަބް ވެލެންސިޔާއެވެ. ލީގުގެ ދެވަނަ ބުރު ނިންމާލިއިރު، ތާވަލްގެ އެންމެ ފުލުގައި އޮތީ 7 ޕޮއިންޓްއާއެކު ބީޖީ ސްޕޯޓްސް ކުލަބެވެ.