ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައްދުންމައްޗަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންވަނީ އަތޮޅުގެ ތަރައްޤީއާއި ގުޅުން ހުރި މުހިއްމު މަޝްރޫޢުތަކާއި، ރަށު ތަރައްޤީއަށްވެސް މުހިއްމު ގިނަ މަޝްރޫޢުތަކެއްގެ ޢަމަލީ މަސައްކަތް ފަށްޓަވާފައެވެ. މިދަތުރުފުޅުގައި ޢަމަލީ މަސައްކަތް ފެއްޓެވި ގިނަ މަޝްރޫޢުތަކަކީ، އެމަނިކުފާނު ރިޔާސީ އިންތިޚާބުގައި ހައްދުންމަތީގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައްކަމަށް ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ.
ހައްދުންމަތީގެ ރައްޔިތުންގެ ޙާލު ބައްލަވާ ރިޔާސީ އިންތިޚާބުގެ ތެރޭގައި ވެވަޑައިގެންނެވި ވަޢުދުތަކުގެ ޢަމަލީ މަސައްކަތް ފެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާވަނީ 3 ދުވަހުގެ ދަތުރުފުޅެއް ހައްދުންމައްޗަށް ކުރައްވާފައެވެ. މުޅި އަތޮޅުގެ ތަރައްޤީއާއި ގުޅިފައިވާ، ކައްދޫ އެއަރޕޯޓު ތަރައްޤީކުރުމަށްޓަކައި މުހިއްމު މަޝްރޫޢެއްވަނީ ފަށްޓަވާފައެވެ. އެގޮތުން ކައްދޫ އެއަރޕޯޓު އިންޓަރނޭޝަނަލް ފެންވަރަށް ތަރައްޤީކުރުމަށްޓަކައި ބޭނުންވާ ބިން ހިއްކުމަށާއި، އެއަރޕޯޓު ތަރައްޤީކުރުމަށްވަނީ އެމްއޭސީއެލްއާއި ހަވާލުކުރައްވާފައެވެ.
މިދަތުރުފުޅުގައިވަނީ އަތޮޅުގެ ދެ ކޯޒްވޭ ޤާއިމުކޮށް ރަށްތަށް ގުޅާލުމުގެ މަސައްކަތްވެސް ފައްޓަވާފައެވެ. އެގޮތުން ހިތަދު ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތާއި، ކަލައިދޫ ދަނބިދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތްވަނީ އެމްޓީސީސީއާއި ހަވާލުކުރައްވާފައެވެ.
މުޅި އަތޮޅުގެ ތަރައްޤީއަށް އިތުރު އެއަރޕޯޓެއް ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ. ލ.އަތޮޅުގެ ހުރިހާ ރަށަކުންވެސް އެރަށަކާ ކައިރިން އެއަރޕޯޓު ބޭނުންވާކަން ފާހަގަކޮށްފައިވާއިރު، އެކަން ނިންމަވާނީ މުޅި އަތޮޅުގެ ދުރުރާސްތާ ތަރައްޤީއަށް ބެއްލެވުމަށްފަހުގައިކަމަށް ރައީސްވަނީ ވިދާޅުވެފައެވެ. އެގޮތުން މާލީގޮތުން ސަރުކާރަށް ލުއި އަދި އިޤްތިޞާދީގޮތުން އަދި ފަތުރުވެރިކަން ފުޅާކުރެވޭނެ ފުރުސަތު އޮތް ސަރަޙައްދަކަށް ބައްލަވާނެކަމަށް ވިދާޅުވިއެވެ. އަދި ވަރަށް އަވަހަށް އެއަރޕޯޓު ތަރައްޤީކުރާނެ ސަރަޙައްދެއް ސަރުކާރުން ޢިއުލާންކުރައްވާފައިވާކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑަށް އެނގޭ ތި ހުރިހާ ބޭފުޅުން އެންމެ ބޮޑަށް ބޭނުންވަނީ އެއަރޕޯޓެއްކަން. މިއަތޮޅުގެ ތަރައްޤީއަށް އިތުރު އެއަރޕޯޓެއް އޮންނަންޖެހޭކަމަށް ޤަބޫލުކުރަން. ވަރަށް ސައުންޑް ޕްރޮޕޯސަލްތަކެއް ހުށައަޅާފައިވާކަންވެސް ފާހަގަކުރެވޭ. އަޅުގަނޑުމެން އަދި ނުނިންމަން އެއަރޕޯޓު ތަރައްޤީކުރާނެ ވަކި ސަރަޙައްދެއް. އެކަން ނިންމާނީ ދުރު ރާސްތާގައި މުޅި އަތޮޅުގެ އިޤްތިޞާދަށްވެސް ވިސްނާފައި." ރައީސް ވިދާޅުވިއެވެ.
މަގު ހެދުމުގެ މަޝްރޫޢުތަކަށް ބަލާއިރު، މާވަށުގެ މަގުތަކާއި އިސްދޫ ކަލައިދޫގެ ބޮޑު މަގު ތާރުއަޅައިގެން ތަރައްޤީކުރުމުގެ މަސައްކަތްވެސްވަނީ ފަށާފައެވެ. ފޮނަދޫ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވާއިރު މާމެންދޫގައި ބިން ހިއްކުމުގެ މަޝްރޫޢުވަނީ ހަވާލުކުރައްވާފައެވެ. މީގެއިތުރުން ސިއްޙީ ޚިދުމަތް ފުޅާކުރުމަށްޓަކައި އެކި ރަށްރަށުގައި އިތުރު ޢިމާރަތްތައް ތަރައްޤީކުރުމާއި، ލެބޯޓްރީގެ ޚިދުމަތް ފެށުމާއި، ކުނި މެނޭޖްކުރުމަށްޓަކައި ވޭސްޓް މެނޭޖްމަންޓް ސެންޓަރު ތަރައްޤީކުރުމުގެ މަސައްކަތްތައް ޢަމަލީގޮތުންވަނީ ފައްޓަވާފައެވެ.
ހަމައެއާއެކު ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމާއި، ބީއެމްއެލް އަދި އެމްއައިބީގެ އޭޓީއެމްގެ ޚިދުމަތް ލ.އަތޮޅުގައިވަނީ ފުޅާކޮށްފައެވެ. މީގެއިތުރުން ސްކޫލްތަކަށް ބޭނުންވާ ޖާގަ އިތުރުކުރުމުގެ މަޝްރޫޢުތަކާއި، އަތޮޅުގައި އައިޔޫއެމްގެ ކެމްޕަހަކާއި، ފަތުރުވެރިކަމުގެ ސިނާޢަތަށް ބޭނުންވާ މީހުން ތަމްރީންކުރުމަށް ހޮޓެލް ސްކޫލެއް ތަރައްޤީކުރުމުގެ މަސައްކަތްވަނީ ފަށާފައެވެ. ހަމައެއާއެކު ރައްޔިތުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުޅިވަރުގެ ވަޞީލަތްތައްވެސް ހުރިހަ ރަށެއްގައިވަނީ ފައްޓަވާފައެވެ. އަދި ފޮނަދޫގައި 1200 މީހުންގެ ޖާގައިގެ ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްޤީކުރުމަށްވަނީ ނިންމަވާފައެވެ.
ރައީސްގެ މިދަތުރުފުޅާއެކު އަތޮޅުގެ ތަރައްޤީއަށް ބޭނުންވެފައިވާ މިނޫންވެސް މުހިއްމު އެތައް ކަމެއްގެ މަޢުލޫމާތު ހިއްސާކޮށް، އެކަންކަމަށް އުއްމީދީ ޖަވާބުތަކެއް ލިބިގެން ގޮސްފައިވާކަމަށް އަތޮޅުގެ ކައުންސިލްތަކާއި ރައްޔިތުންވަނީ ފާހަގަކޮށްފައެވެ.