ޚަބަރު

ކްރިމިނަލް ކޯޓުގެ ޤާޟީ ފާއިޒް ސަސްޕެންޑުކޮށްފި


  • ޤާޟީ ޙުސައިން ފާއިޒް ރަޝާދު ސަސްޕެންޑްކުރީ 60 ދުވަހުގެ މުއްދަތަކަށް

  • ފާއިޒް ރަޝާދާ ގުޅޭ މައްސަލައެއް ޖޭއެސްސީން ދަނީ ތަޙުޤީޤުކުރައްވަމުން

ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒް ރަޝާދު، ޖުޑިޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ސަސްޕެންޑްކޮށްފިއެވެ.

ޖޭއެސްސީން ވިދާޅުވީ ކްރިމިނަލް ކޯޓުގެ ގާޟީ ޙުސައިން ފާއިޒް ރަޝާދާ ގުޅޭގޮތުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާއި ގުޅިގެން، މައްސަލައިގެ ބާވަތަށާއި ތަޙުޤީޤަށް ހޯދިފައިވާ މަޢުލޫމާތަށް ބަލައި، ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ޤާޟީ ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އަދި ވަކި ގޮތެއް ކަނޑައަޅަންދެން ކްރިމިނަލް ކޯޓުގެ ޤާޟީ ފާއިޒް، ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އިއްޔެއިން ފެށިގެން އަންގާފައިވާކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.

ޖޭއެސްސީން ވިދާޅުވީ ޤާޟީ ފާއިޒް ސަސްޕެންޑްކޮށްފައިވަނީ 60 ދުވަހުގެ މުއްދަތަކަށް ކަމަށެވެ. މިއީ ޤާނޫނުގެ ދަށުން ފަނޑިޔާރަކު ސަސްޕެންޑްކުރެވޭނެ އެންމެ ދިގު މުއްދަތެވެ.

ޤާޟީ ފާއިޒާއި ގުޅޭގޮތުން ބަލަމުންދާ މައްސަލައިގެ އެއްވެސް މަޢުލޫމާތެއް މިހާތަނަށް ޖޭއެސްސީން ހާމަކުރައްވާފައެއް ނުވެއެވެ.