ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މި އަހަރު ފަށާ އެޓޯލް ޗެމްޕިއަންޝިޕްގެ މުބާރާތް ހުޅުވާނީ ހދ. ކުޅުއްދުއްފުއްޓާއި ހދ. ނެއްލައިދޫ ބައްދަލުކުރާ މެޗުން ކަމަށް ކަނޑައަޅައިފިއެވެ.
ނޮވެމްބަރު 1 ގައި ފަށާ މި މުބާރާތުގައި ޖުމްލަ 47 ޓީމުން ވާދަކުރާއިރު އެ މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ ގުރުއަތުލުން ބާއްވާފައިވަނީ މިއަދު އެފްއޭއެމްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
އަތޮޅުތަކާއި ހިސާބުން ފެށިގެން އައިސް އެންމެ ޓޮޕް ލީގަށް ޕްރޮމޯޓްވާނެ ނިޒާމެއް ގާއިމުކޮށް އިއުލާނުކުރި އެޓޯލް ޗެމްޕިއަންޝިޕް ކުރިޔަށް ގެންދަން ނިންމާފައިވަނީ ހަތަރު ޒޯނަކަށް ބަހާލައިގެންނެވެ.
އެޓޯލް ޗެމްޕިއަންޝިޕްގައި ދެ ޓީމަށްވުރެ ގިނަ ޓީމު ބައިވެރިވެފައިވާނަމަ މެޗުތައް ކުޅޭނީ އެއް ރަށެއްގައެވެ. ދެ ޓީމު ބައިވެރިވެފައިވާނަމަ ކުޅޭނީ ހޯމް އެންޑް އަވޭ އުސޫލުން ދެ ރަށުގައެވެ.
އަތޮޅު މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމު ޒޯނު ލެވެލަށް ކޮލިފައިވާނެ ކަމަށާއި، އެއީ ރީޖަނަލް ކޮލިފިކޭޝަންގައި ވާދަކުރާނެ ޓީމުތައް ކަމަށް އެފްއޭއެމުން ބުނެއެވެ. ރީޖަނަލް ލީގު ފަށާނީ ރޯދަމަހުގެ ފަހުންނެވެ.
ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ ރީޖަނަލް ލީގުގައި އެންމެ މޮޅު ދެ ޓީމަށް ޕްރިމިއާ ލީގަށް ކޮލިފައިވުމުގެ ފުރުސަތު އޮންނާނެއެވެ. ޕްރިމިއާ ލީގުގެ އެންމެ ފުލުގައި އޮންނަ ދެ ޓީމު އެ ޓީމުތަކާއެކު ކޮލިފިކޭޝަން ބުރުގައި ކުޅެން ޖެހޭނެ ގޮތަށް ހަމަޖެހޭނެއެވެ.
އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤް ވިދާޅުވީ މިހާރު ޕްރިމިއާ ލީގުގައި އޮތް 10 ޓީމުގެ ތެރެއިން އެންމެ ދަށް ދެޓީމު ދާނީ ދެވަނަ ޑިވިޝަނަށް ކަމަށާއި، އެހެންކަމުން އަތޮޅުތެރެއިން ރީޖަނަލް ލީގުން އަންނަ ޓީމުތަކަށް އަންނަ އަހަރުގެ ޕްރިމިއާ ލީގަށް ޕްރޮމޯޓުވުމުގެ ފުރުސަތު ވަރަށް ބޮޑުވާނެ ކަމަށެވެ.
އެފްއޭއެމުން ބުނީ ގުރުއަތުލުމުގައި ތަރުތީބު ކުރެވުނު ގުރޫޕުތަކާއި ވާދަކުރަންޖެހޭ ޓީމުތައް ވަރަށް އަވަހަށް އަންގާނެކަމަށެވެ. އަދި ޝެޑިއުލް އެފްއޭއެމްގެ ސޯޝަލް މީޑިއާ މަންސަތަކުގައި އާންމުކުރާނެއެވެ.