ޚަބަރު

ބޯހިމެނުމުގެ މަސައްކަތްތައް ޑިޖިޓަލްކޮށް ކުރުމަށް މަގުޗާޓެއް އެކުލަވާލަނީ


  • އެސެސްމެންޓެއް ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން

  • މި މަސައްކަތުގެ މައިގަނޑު އަމާޒަކީ ބޯހިމެނުމުގެ ޑޭޓާގެ ފެންވަރު ރަނގަޅުކުރުން

ރާއްޖޭގައި ކުރިމަގުގައި ކުރެވޭ ބޯހިމެނުންތަކަކީ ޑިޖިޓަލްކޮށް ކުރެވޭކަމަކަށް ހެދުމަށްޓަކައި އެސެސްމެންޓެއްގެ އިތުރުން މަގު ޗާޓެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާކަމަށް ދިވެހިރާއްޖޭގެ ތަފާސްހިސާބާ ބެހޭ އިދާރާ، އެމްބީއެސްއިން ވިދާޅުވެއްޖެއެވެ.

އެމްބީއެސްއިން ވަނީ، ރާއްޖޭގައި ކުރިމަގުގައި ކުރެވޭ ބޯހިމެނުންތަކަކީ ޑިޖިޓަލްކޮށް ކުރެވޭކަމަކަށް ހެދުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ފަށާފައެވެ. މި މަސައްކަތުގެ މައިގަނޑު އަމާޒަކީ ބޯހިމެނުމުގެ ޑޭޓާގެ ފެންވަރު ރަނގަޅުކޮށް، ދުރު މުސްތަޤްބަލުގައި މިކަމަށް ކުރާ ހޭދަ ކުޑަކުރުމެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ތަފާސްހިސާބާއި ބެހޭ އިދާރާގެ ޗީފް ސްޓެޓިސްޓީޝަން އައިޝަތު ހަސަން ވިދާޅުވީ، ރަޖިސްޓަރތައް ތަރައްޤީވާ މިންވަރަކުން ބޯހިމެނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތްތަކަށް ބަދަލުތައް ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

"ރާއްޖޭގައި ކުރިމަގުގައި ކުރެވޭ ބޯހިމެނުންތަކަކީ ހައިބްރިޑްކޮށް ކުރެވޭނެކަމަކަށް ހެދުމަށް ދަނީ މަސައްކަތްތަކެއް ކުރެވެމުން. އެގޮތުން ރަޖިސްޓަރތައް ތަރައްޤީވާ މިންވަރަކުން ދޮރުން ދޮރަށް ގޮސް މައުލޫމާތު ދޭ މިންވަރަކުން ކުރެވި، ޑިކްޓޭޓަރ ފަދަ އަލްޓަނޭޓިވް ސޯސްތައް ބޭނުންކޮށްގެން ބޯހިމެނުމުގެ ޑޭޓަރގެ ކޮލިޓީ ދެނެގަނެ އިތުރަށް ފެންވަރު ރަނގަޅުކޮށް، އޭގެ ސަބަބުން ދުރު ރާސްތާގައި މިކަމަށް ކުރެވޭ ހޭދަ ކުޑަކުރެވޭނެ." އައިޝަތު ހަސަން ވިދާޅުވިއެވެ.

ބޯހިމެނުމުގެ މި އައު ނިޒާމަށް ބަދަލުވުމުގެ ގޮތުން، އެމްބީއެސްއިން މިހާރު ދަނީ ބަޔަކާ އެކީގައި އެސެސްމެންޓެއް ހަދާ، މި މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ މަގު ޗާޓެއް އެކުލަވާލުމަށް މަސައްކަތް ކުރަމުންނެވެ. މިގޮތުން ހައިބްރިޑް ބޯހިމެނުމުގެ ނިޒާމަކަށް ބަދަލުވުމުގެ މަސައްކަތްތައް ކުރާނެ ގޮތްތައް މި މަގު ޗާޓުގައި ބަޔާންކުރެވިގެންދާނެ ކަމަށް އެއިދާރާއިން ވިދާޅުވެއެވެ.

ރާއްޖޭގެ ތަފާސްހިސާބުތަކުގެ ދާއިރާގެ ދުރު ރާސްތާ ތަސައްވުރުގެ އަމާޒަށް ވާސިލުވުމަށްޓަކައި، އެމްބީއެސްއާއި ދައުލަތުގެ ތަފާސްހިސާބުތަކުގެ އިދާރާތަކުގައި މަސައްކަތްކުރާ ފަރާތްތަކާ ގުޅިގެން މުހިންމު ޕްލޭންތަކެއް ވަނީ އެކުލަވާލާފައެވެ.

އެގޮތުން، 2025 އިން ފެށިގެން 2027 އާ ހަމައަށް ސެކްޓޯރިއަލް ޕްލޭނެއް ވަނީ އެކުލަވާލާފައެވެ. އަދި ޖެންޑަރ ސްޓެޓިސްޓިކްސް އަށްޓަކައި 'ޕެރިސް 21' އާ ގުޅިގެން ނޭޝަނަލް ސްޓްރެޓެޖީ ފޯރ ޑިވެލޮޕްމެންޓް ފޯރ ޖެންޑަރ ސްޓެޓިސްޓިކްސް އެންއެސްޑީއެސްޖީއެސް ވެސް ވަނީ އެކުލަވާލާފައެވެ.

މި މަސައްކަތްތައް ކުރިއަށްދާއިރު، ރާއްޖޭގެ ތަފާސްހިސާބުތަކުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ، އަދި އިޤްތިޞާދީ ގޮތުން ފައިދާހުރި ގޮތަކަށް ބޯހިމެނުމުގެ މަސައްކަތްތައް ކުރިއަށްގެންދެވޭނެ ކަމަށް އެމްބީއެސްއިން ވިދާޅުވެއެވެ.