ޚަބަރު

ކްލަބް މޯލްޑިވްސް ކަޕުގެ އެންމެ މަގުބޫލު ކުޅުންތެރިޔާ: އިޝާން ވައްޓާލުމަށްފަހު ހައްފާފް އެއްވަނައަށް


  • މަގުބޫލު ކުޅުންތެރިޔާ ހޮވުމަށް ޕީއެސްއެމް އެއަރ މެދުވެރިކޮށް ވޯޓުލުން 12 ނޮވެމްބަރާ ހަމައަށް

  • މަގުބޫލު ކުޅުންތެރިޔާގެ ލިސްޓުގެ އެއްވަނައަށް ހައްފާފް އެރީ 3،913 ވޯޓުން

ޔުނައިޓެޑް ބީއެމްއެލްގެ އިޝާން އިބްރާހީމް (ސައްޓު) ވައްޓާލުމަށްފަހު، ކުލަބު މޯލްޑިވްސް ކަޕް 2025 ގެ ފޭން ފޭވަރިޓް ޕްލެޔަރ ނުވަތަ ސަޕޯޓަރުންގެ އެންމެ މަގުބޫލު ކުޅުންތެރިޔާގެ ލިސްޓުގެ އެއްވަނައަށް މޯލްޑިވިއަންގެ ހައްފާފް ސިދުގީ އަރައިފިއެވެ.

ޕީއެސްއެމް އެއަރ މެދުވެރިކޮށް ހޮވާ އެންމެ މަގްބޫލު ކުޅުންތެރިޔާގެ ލިސްޓުގެ އެއްވަނައަށް ހައްފާފު އަރާފައިވަނީ 3،913 ވޯޓުން ކުރިހޯދައިގެންނެވެ. ދެވަނައިގައި އޮތީ ޔުނައިޑެޓް ބީއެމްއެލްގެ އިޝާންއެވެ.

ގައުމީ ފުޓްސަލް ޓީމުގައިވެސް މޮޅު ކުޅުމެއް ދައްކާ ބީއެމްއެލްގެ އިޝާންއަށް 2،676 ވޯޓު ލިބިފައިވާއިރު ލީޑަރބޯޑުގައި މިވަގުތު ތިންވަނައިގައި އޮތީ ފެނަކައިގެ ހާޒިމް ފައުޒީއެވެ. އޭނާއަށް 2،488 ވޯޓު ލިބިފައިވާއިރު 4 ވަނައިގައި އޮތީ ސްޓެލްކޯ ކްލަބްގެ ނާއިހް މުފީދެވެ. އޭނާއަށް ލިބިފއިވަނީ 818 ވޯޓެވެ.

ފަސްވަނައިގައި އޮތީ ޔުނައިޑެޓް ބީއެމްއެލްގެ އިބްރާހިމް ހަމްދާންއެވެ. ހަމްދާނަށް ސަޕޯޓަރުން ދީފައިވަނީ 747 ވޯޓެވެ. ހަވަނައިގައި އޮތީ ކުލަބު އެޗްޑީސީގެ ފައްޔާޒް ފަޔާޒެވެ. އޭނާއަށް 629 ވޯޓު ލިބިފައިވެއެވެ.

7 ވަނައިގައި އޮތީ ދުނިޔޭގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑު އެކި ފަހަރުމަތިން ހޯދާފައިވާ ކުލަބު އެޗްޑީސީއަށް ކުޅޭ ޕޯޗުގަލްގެ ތަރި ރިކާޑީނިއޯ ޕެލިޕޭއެވެ. 8 ވަނައިގައި ކުލަބް ޓީޓީއެސްގެ އަބްދުﷲ ނާސިހް އޮތްއިރު 9 ވަނައިގައި އޮތީ ގައުމީ ފުޓްސަލް ޓީމުގައިވެސް ހިމެނޭ ކުލަބް އެމްޓީސީސީގެ އަޔާޒް އަހުމަދެވެ. 10 ވަނައިގައި އޮތީ ސްޓެލްކޯ ކުލަބުގެ އިަސްމާއިލް ނަސީމެވެ.

ކުލަބު މޯލްޑިވްސް ކަޕްގައި އެންމެ ވާދަވެރި ޓީމުތަކުގެ ގޮތުގައި ނަގާކިޔާ ގިނަ ޓީމުތަކުގެ ކުޅުންތެރިން އެންމެ މަގްބޫލު ކުޅުންތެރިޔާގެ ލިސްޓުގެ ގަދަ 6 އެއްގައި ނެތްކަން ފާހަގަ ކުރެއެވެ. އެގޮތުން މި އަހަރުގެ މުބާރާތުގައި އެންމެ ސަޕޯޓަރުން ގިނަކޮށް އެންމެ ވަރުގަދަކޮށް ފެންނަ އެއް ޓީމު ކަމަށްވާ އާރްއާރްސީގެ ކުޅުންތެރިއަކު ގަދަ 10 އެއްގައިވެސް ހިމެނިފައެއް ނެތެވެ.

ކުލަބު މޯލްޑިވްސް ކަޕްގެ އެންމެ މަގްބޫލު ކުޅުންތެރިޔާ ނުވަތަ ފޭން ފޭވަރިޓް ޕްލޭޔަރ ހޮވުމަށް ޕީއެސްއެމް އެއާ މެދުވެރިކޮށް އަދިވެސް ވޯޓު ދެވޭނެއެވެ. ހުޅުމާލެ ރެހެންދި ޓާފްގައި ކުރިޔަށްދާ ކްލަބް މޯލްޑިވްސް ކަޕްގެ އެންމެ މަގްބޫލު ކުޅުންތެރިޔާ ހޮވުމަށް ޕީއެސްއެމް އެއަރ މެދުވެރިކޮށް ވޯޓުލުމުމުގެ ފުރުސަތު 12 ނޮވެމްބަރު 2025 އާއި ހަމައަށް ހުޅުވާލާފައިވާއިރު މިހާތަނަށް އެންމެ ގިނަ ވޯޓު ލިބިފައިވަނީ ބީއެމްއެލް އާއި ސްޓެލްކޯގެ ކުޅުންތެރިންނަށެވެ.