ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު މާލެ ވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ހައްދުންމަތީގެ މީހުން ދިރިއުޅޭ 11 ރަށަކަށް ވަޑައިގެންނެވިއެވެ. އެއީ އިސްދޫ، ކަލައިދޫ، ދަނބިދޫ، މާބައިދޫ، މުންޑޫ، ގަން، މާވަށް، ފޮނަދޫ، މާމެންދޫ، ހިތަދޫ، އަދި ކުނަހަންދޫއެވެ.
އެމަނިކުފާނުގެ މިދަތުރުފުޅުގައި ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ އަދި ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރަށާއި ރައްޔިތުންގެ ޙާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.
ސަރުކާރުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން އެކުލެވޭ ވަފުދެއް މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެ ވަފުދުން ވަނީ، ކޮންމެ ރަށެއްގައި މިހާރު ފަށާފައިވާ އަދި ފެށުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭ އަދާހަމަ މަޢުލޫމާތު ފޯރުކޮށްދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އަތޮޅުގެ އެކި ރަށްރަށަށް އަމާޒުކުރައްވައިގެން، މަސައްކަތްތައް ފައްޓަވައި، ތަރައްޤީގެ އެކި މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ވަނީ ސޮއިކުރައްވާފައެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގެ ތެރެއިން، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި، ތަޢުލީމާއި، ޞިއްޙަތާއި، ހަށިހެޔޮކަމާއި ގުޅުންހުރި ބައެއް މަސައްކަތްތަކާއި، ބޭންކިންގްގެ ޚިދުމަތް ލުއިފަސޭހަކޮށްދެއްވުމާ ގުޅޭ މަޝްރޫޢުތައް ފައްޓަވާފައިވެއެވެ.
މޫސުން ތަންނުދިނުމުގެ ސަބަބުން ފައްޓަވައި ދެއްވުމަށް ހަމަޖެހިފައިވާ ބައެއް މަޝްރޫޢުތަކާއި އިފުތިތާހު ކުރެއްވުމަށް ހަމަޖެފައިވާ ބައެއް ކަންކަން ކެންސަލް ކުރައްވަން ޖެހިވަޑައިގެންނެވި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ވަނީ، އެކަންކަން ކުރިއަށްގެންގޮސް ނިންމަވައިދެއްވާނެކަމުގެ ޔަގީންކަން، ރައްޔިތުންނަށް ދެއްވާފައެވެ. އަދި އެކި ދާއިރާތަކުން ރަށްރަށަށް ބޭނުންވާ ތަރައްޤީ ކަށަވަރުކޮށްދެއްވުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަންވެސް، އެމަނިކުފާނު ވަނީ ރައްޔިތުންނަށް ތަކުރާރުކޮށް ދެއްވާފައެވެ.
ހައްދުންމަތީގެ ރަށްރަށަށް ވަޑައިގެން، އެ ރަށްރަށުގެ ރައްޔިތުންނާ މުޚާޠަބުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުތަކަށް ބަލާއިރު، ރައީސުލްޖުމްހޫރިއްޔާ ވަނީ ލ. އަތޮޅަށް އިތުރު އެއަރޕޯޓެއް ބޭނުންވާކަން ފާހަގަކުރައްވައި، އެކަމުގައި ގެންގުޅުއްވާނެ ސިޔާސަތު ހާމަކުރައްވާފައެވެ. އެގޮތުން އެކަމުގައި އޮތް އެންމެ ފައިދާހުރި، ދެކޮޅުޖެހޭ، ގޮތެއް ބެއްލެވުމަށްފަހު، ވަރަށް އަވަހަށް ގޮތެއް ނިންމަވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު އަތޮޅުގެ ރައްޔިތުންނަށް ދެއްވިއެވެ. ހަމައެއާއެކު، ހައްދުންމަތީ ކައްދޫ އެއަރޕޯޓް ބައިނަލްއަޤްވާމީ އެއަރޕޯޓެއްގެ ގޮތުގައި ތަރައްޤީ ކުރެއްވުމުގެ މަސައްކަތް ގިނަވަގެން ތިން އަހަރުގެ ތެރޭގައި ނިންމަވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ޤައުމީ އެކި މައްސަލަތަކަށް އަލިއަޅުއްވާލައްވައި، އެކި ދާއިރާތަކުން އުންމީދު އައުކޮށްދޭ މަޢުލޫމާތުތައް ހާމަކުރައްވައި މުހިންމު ކަންކަން އިޢުލާން ކުރައްވާފައިވެއެވެ. އެގޮތުން، އަންނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އެކަނިވެރި މައިންނަށް ދޭ އެލަވަންސް އިތުރުކުރައްވައި، ތެލަސީމިއާ ޕޭޝަންޓުންނަށް ދޭ އެލަވަންސް ތަޢާރަފުކުރައްވާނެކަންވަނީ އިޢުލާންކުރައްވާފައެވެ.
ހަމަމިއާއެކު، ވަޢުދުވެވަޑައިގެންނެވި ގޮތަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރައްވައި ނިންމަވައި، އެކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީވެސް ހައްދުންމައްޗަށް ކުރެއްވި މި ދަތުރުފުޅުގެ ތެރޭގައެވެ.
މީގެއިތުރުން، އައްޑޫ ސިޓީގެ ތިން ރަށުގައި ކައުންސިލްތައް އުފައްދާނެ ގޮތާއިމެދު އަންނަ ހޮނިހިރު ދުވަހު ނަގާ ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރުން ހާސިލްކުރަން ބޭނުންވާ ވަކި ނަތީޖާއެއް ނެތްކަމުގެ ޔަޤީންކަންވެސް ދިވެހި ރައްޔިތުންނަށް އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރައްވައި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރައްވައި، ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ހާލު ބެއްލެވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމަނައިގެން އެމަނިކުފާނު ކުރެއްވި ދަތުރުފުޅެކެވެ.