މާލީ ތަނަވަސްކަން ހުރި ނަމަވެސް، ދާއިމީ ބައްޔަކަށް ބޭސްފަރުވާކުރަން ޖެހުމުން ޖިސްމާނީ ގޮތުން ނުކުޅެދުންތެރިވާނަމަ، ބަދަލުގައި އެހެން މީހެއް ޙައްޖަށް ފޮނުވޭ ގޮތް ހެދުމަށް މަޝްވަރާކުރައްވަމުންދާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ބޮޑެތި ދާއިމީ ބަލިތައް ތަޙައްމަލުކުރާ މީހުން ޙައްޖަށް ނުފޮނުވުމަކީ ސަޢުދީ ޢަރަބިއްޔާއިން އަބަދުވެސް ގެންގުޅޭ އުޞޫލެއް ކަމަށެވެ. މިދިޔަ ސަރުކާރުން ޙައްޖު ކޯޓާއިން ބޮޑެތި ބަލިތައް ތަޙައްމަލުކުރާ މީހުންނަށް 5 އިންސައްތަ ޚާއްސަކުރަން ނިންމީ އެ އުޞޫލާ ޚިލާފަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ބޮޑެތި ދާއިމީ ބަލިތައް ތަޙައްމަލުކުރާ މީހުން ޙައްޖަށް ނުފޮނުވުމަށް އަންގާފައި އޮންނަނީ ބަލި މީހާގެ ފުރާނަ ސަލާމަތްކުރުމުގެ މަޤުޞަދުގައި ކަމަށެވެ.
"ކިޑްނީ ފެއިލްވެގެން ޑަޔަލިސިސް ހަދައި ފަރާތްތަކާއި އޮކްސިޖަން ގުޅައިގެން އުޅޭ ފަރާތްތައް މި ފަރާތްތަކަކީ ޙައްޖުގެ އަޅުކަން އަދާކުރުމަށް ޖިސްމާނީ ގޮތުން ނުކުޅެދިފައިވާ ފަރާތްތައް. ފުރާނައަށް ރައްކާތެރިކަން ދިނުމުގެ ގޮތުން އޮންނަނީ އަންގާފައި." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މާލީ ޤާބިލުކަން ހުރެ، ދާއިމީ ބައްޔަކަށް ފަރުވާކުރަން ޖެހުމުން ޖިސްމާނީ ގޮތުން ޙައްޖަށްދާން ނުކުޅެދޭ މީހުންގެ ބަދަލުގައި ޙައްޖު ކޮށްދިނުމަށް އެހެން މީހަކު ފޮނުވިދާނެކަމަށް ޢިލްމުވެރިން ބަޔާންކުރައްވާފައިވާ ކަމަށެވެ. އެހެންކަމުން އެ ފުރުޞަތު ފަހިކޮށްދިނުމަށް މަޝްވަރާކުރައްވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ބަލިމީހާއަށާއި ނުކުޅެދޭ މީހުންނަށްވެސް ޚިދުމަތް ލިބޭނެ ގޮތަކަށް ހަމަހަމަ އުޞޫލެއްގެ ތެރެއިން މަސައްކަތް ކުރިއަށް ގެންދަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.