އޭޝިއަން ޔޫތް ގޭމްސްގައި ބައިވެރިވާ ރާއްޖޭގެ އެތުލެޓިކްސް ޓީމުން މިމުބާރާތުގެ މިޑްލޭ ރިލޭ އިވެންޓް ފުރިހަމަކުރާނެ ކަމަށާއި އުންމީދަކީ މި އުމުރުފުރާގެ ގައުމީ ރިކޯޑް އައުކުރުން ކަމަށް ޓީމާއެކު ބަޙްރެއިނަށް ދިޔަ ކޯޗު ހުސެއިން ހަލީމް ބުނެފިއެވެ.
ބަޙްރެެއިނަށް ފުރުމުގެ ކުރިން ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ކޯޗު ހުސެއިން ހަލީމް ބުނީ އުންމީދަކީ ހުރިހާ އެތުލީޓުންވެސް އެ ކުދިންގެ ޕާސަނަލް ބެސްޓް އައު ކުރުން ކަމަށެވެ. އިންޓަރ ސުކޫލު އެތުލެޓިކްސް މުބާރާތާއި ދިމާވުމުން އެންމެ ރަނގަޅަށް ފަރިތަކުރުންތައް ކުރިޔަށް ނުގެންދެވުނުނަމަވެސް ތައްޔާރުވެވުނު މިންވަރާއި ބަލާއިރު އެކުދިންގެ ޕާސަނަލް ބެސްޓް ދެއްކޭނެ ކަމަށް ކޯޗު ބުންޏެވެ.
"މި މުބާރާތުގައި އެބަ ވާދަކުރޭ މިޑްލޭ ރިލޭގައި. މިޑްލޭ ރިލޭގައި މި އުމުރުފުރާގެ ގައުމީ ރިކޯޑް އައުކުރުން އަޅުގަނޑުމެންގެ ޓާގެޓަކީ" ކޯޗު ހަލީމް ބުންޏެވެ.
މީގެ އިތުރުން އޭނާ ބުނީ އޭޝިއަން ޔޫތް ގޭމްސްގައި ބައިވެރިވާ ރާއްޖޭގެ އެތުލީޓުންނަށް މިއީ ވަރަށް ރަނގަޅު ތަޖުރިބާއަކަށްވާނެ ކަމަށާއި، މިކަން މިގޮތަށް ކުރިޔަށްދާނަމަ ސީނިއާ ގައުމީ ޓީމަށް ރަނގަޅު އެތުލީޓުން ލިބޭނެކަމަށް އުންމީދު ކުރާކަމަށެވެ.