ޚަބަރު

ފޮނަދޫގައި އިސްލާމިކް ބޭންކުގެ އޭޓީއެމް ޚިދުމަތް ފަށައިފި


  • މި ޚިދުމަތް ފައްޓަވާދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު

  • ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމަކީ ސަރުކާރުގެ އަމާޒެއް

ހައްދުންމަތި ފޮނަދޫގައި މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީގެ އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.

މި ޚިދުމަތް ފަށާފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ފޮނަދޫއަށް ކުރެއްވި ޒިޔާރަތުގައެވެ.

ލ. ފޮނަދޫގައި އިސްލާމިކް ބޭންކްގެ އޭޓީއެމްގެ ޚިދުމަތް ފެށުމަށް އެރަށުގައި ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވާދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު އެމަނިކުފާނު ވަނީ ހަނދާނީ ބޭންކު ކާޑެއް އެރަށު ކައުންސިލާ ހަވާލުކުރައްވާފައެވެ.

ފޮނަދޫގައި ޤާއިމްކޮށްފައިވާ އެމްއައިބީ އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް ލިބިގެންދާނެކަމަށް އެމްއައިބީން ވިދާޅުވެއެވެ.

ސަރުކާރުގެ ޢަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމެވެ. މި އަމާޒު ހާސިލުކުރުމަށްޓަކާ ބޭންކް އޮފް މޯލްޑިވްސްއާއި މޯލްޑިވްސް އިސްލާމިކް ބޭންކާގުޅިގެން މިދިޔަ ނޮވެމްބަރުމަހު ސަރުކާރުން ވަނީ ޚާއްސަ މަސައްކަތްތަކެއް ފަށާފައެވެ.

އެމްއައިބީގެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ތެރެއިން މިއަހަރު އިތުރު 19 ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ ބޭންކުން ވަނީ ހާމަކުރައްވާފައެވެ. އެގޮތުން މި 19 ރަށުގައި ޑޮލަރު އޭޓީއެމް ހިމެނޭހެން 23 އޭޓިއެމްއެއް ބަހައްޓާނެއެވެ. މީގެ އިތުރުން 4 ރަށެއްގައި ސޭލްސް ސެންޓަރު ޤާއިމްކުރާނެ ކަމަށް ވަނީ އިޢުލާންކުރައްވާފައެވެ. އެ ރަށްތަކަކީ ރ. އުނގުފާރު، ށ. ފުނަދޫ، ކ. މާލެ އަދި ގއ. ވިލިނގިލި އެވެ.