ޚަބަރު

ވެލެންސިއާ ބަލިކޮށް ޓީސީއަށް ފުރަތަމަ މޮޅު


ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކުލަބު ވެލެންސިއާ ބަލިކޮށް، ޓީސީ ސްޕޯޓްސް ކުލަބުން ލީގުގެ ފުރަތަމަ ތިން ޕޮއިންޓް ހޯދައިފިއެވެ. ވެލެންސިއާގެ މައްޗަށް ޓީސީ ކުރި ހޯދީ 3-1 ގެ ނަތީޖާއަކުންނެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން ވެލެންސިއާގެ ޓީމުން ހަމަޖެހިލަން ފުރުސަތު ނުދީ ޓީސީން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. ވެލެންސިއާގެ ޕެނެލްޓީ އޭރިއާ ބޭރުން ޓީސީގެ މުޙައްމަދު އިޒާން އަލީ ހިފައިގެން ވަން ބޯޅަ އޭނާ ގޯލަށް ވައްދާލީ ގޯލުގެ ދުރުކަނަށް އަމާޒުކޮށް ފޮނުވާލައިގެންނެވެ.

މެޗުގައި ދެންވެސް ފެނިގެން ދިޔައީ ޓީސީ ލަނޑެކެވެ. ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި ޓީސީ ކުޅުންތެރިޔަކު ވެލެންސިއާގެ އޭރިއާ ތެރެއަށް ނަގައިދިން ބޯޅައެއް، އެޓީމުގެ ބިދޭސީ ފޯވާޑް ބޯއަޑޫ ޕްރިންސް ބޮލުގައި ޖެހިފައި ދިޔަ ބޯޅަ، އޭރިއާ ތެރޭގައި ހުސްކޮށް ހުރި އަހުނަފް މުޙައްމަދު ތަސްނީމް ވަނީ ގޯލުގެ ތެރެއަށް ވައްދާލާފައެވެ.

ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މެޗުގެ ފުރަތަމަ ހާފުގައި ވެލެންސިއާގެ ކެޕްޓަން އީތަން އިބްރާހީމް ޒަކީ ހަތަރު ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ގޯލްކީޕަރު ވަނީ ދިފާއުކޮށްފައެވެ. އޭގެ ފަހުން ވެލެންސިއާގެ ސްޕެއިން ފޯވާޑް އަބޫބަކުރް ސިއްލާ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއެއްވެސް ޓީސީގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މި މެޗު ފުރަތަމަ ހާފުގެ އިތުރު ވަގުތު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް މުޅި ދަނޑުގެ ލައިޓުތަކުން ކަރަންޓު ދިޔައިރު، ފުރަތަމަ ހާފު ނިންމާލީ ކަނު އަނދިރީގައެވެ. ދަނޑުގެ ލައިޓުތަކަށް ދިމާވި މަސައްލަ ހައްލުކޮށް ދެވަނަ ހާފުގެ ކުޅުން ފެށިއިރު، މި ހާފުގައި ދެ ޓީމަށްވެސް މާ އެދެވޭ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ.

މެޗުގެ 89 މިނެޓުގައި ވެލެންސިއާއަށް ލަނޑު ޖަހައިދިނީ އޭރިއާ ބޭރުން ނަގައިދިން ބޯޅައެއް ބޮލުން ގޯލަށް ވައްދާލައިގެން އަބޫބަކުރެވެ. އެކަަމަކު މެޗުގެ އިތުރު ވަގުތު ތެރޭގައި ޓީސީގެ ލީޑު ފުޅާކޮށްދިނީ ޕްރިންސް އޭރިއާ ތެރެއަށް ވަދެ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލި ބޯޅައަކުންނެވެ.

މި މެޗުން މޮޅުވެ ތިން ޕޮއިންޓް ލިބުނު ނަމަވެސް، ޓީސީ އަދިވެސް އޮތީ 10 ޓީމު ވަދަކުރާ ލީގުގެ ފުލުގައެވެ.