ޚަބަރު

ފެމެލީ ކޯޓުގެ ޤާޟީގެ މަޤާމަށް 2 ބޭފުޅަކު އައްޔަންކުރައްވައިފި


  • ޤާޟީގެ މަޤާމަށް އައްޔަންކޮށްފައިވަނީ އަލްއުސްތާޛު އަޙްމަދު މަޢުޞޫމް އަދި އަލްއުސްތާޛު މުޙައްމަދު ޒާހިދު

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފެމެލީ ކޯޓުގެ ޤާޟީގެ މަޤާމަށް އައްޔަންކުރެއްވި 2 ބޭފުޅަކު މަޤާމުގެ ހުވާކުރައްވައިފިއެވެ.

ފެމެލީ ކޯޓުގެ ޤާޟީގެ މަޤާމަށް އައްޔަންކުރެއްވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައެޅުއްވި 2 ބޭފުޅުންނަކީ ލ.މާބައިދޫ ހަވީރީމަންޒިލް، އަލްއުސްތާޛު އަޙްމަދު މަޢުޞޫމް އަދި ރ.ހުޅުދުއްފާރު އިލާޒާ، އަލްއުސްތާޛު މުޙައްމަދު ޒާހިދުއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވިދާޅުވީ މި ދެ ބޭފުޅުން މަޤާމުގެ ހުވާކުރެއްވުން އޮތީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައިކަމަށެވެ. އަދި އެ ބޭފުޅުންނަށް މަޤާމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި ބޭއްވުނު ރަސްމިއްޔާތުގައި އެ ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޢާއިޝާ ޝުޖޫން މުޙައްމަދުއެވެ.

ފެމެލީ ކޯޓުގެ ޤާޟީގެ މަޤާމަށް އައްޔަންކުރެއްވި އަލްއުސްތާޛު އަޙްމަދު މަޢުޞޫމްއަކީ 2020 ޖަނަވަރީމަހުން ފެށިގެން ފެމެލީ ކޯޓުގެ ލީގަލް އޮފިސަރގެ މަޤާމު އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ ވަނީ އަލް އަޒްހަރު ޔުނިވަރސިޓީ އިން ބެޗެލަރ އޮފް އާޓްސް އިން ސޯޝަލް ސަރވިސް އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓް އާއި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއިން ބެޗެލަރސް އޮފް ޝަރީޢާ ވިތް އޮނަރސް އަދި ވިލާ ކޮލެޖް އިން ޕޯސްޓް ގްރެޖުއޭޓް ސަރޓިފިކެޓް އިން ޝަރީޢާ އެންޑް ލޯ އަދި މާސްޓަރ އޮފް ޝަރީޢާ ޙާސިލް ކުރައްވާފައެވެ.

ފެމެލީ ކޯޓުގެ ގާޞީގެ މަޤާމަށް އައްޔަންކުރެއްވި އަލްއުސްތާޛު މުޙައްމަދު ޒާހިދުއަކީ އަލް އަޒްހަރު ޔުނިވަރސިޓީއިން ބެޗެލަރ އޮފް އާޓްސް އިން ޝަރީޢާ އެންޑް ލޯ އަދި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއިން މާސްޓަރ އޮފް ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ފޮލިސީ ޙާސިލްކުރައްވާފައެވެ. މީގެއިތުރުން އޭނާ ވަނީ ޑެޕިއުޓީ ސްޓޭޓް އެޓާރނީ އެއްގެ ގޮތުގައި 2011 ޖޫން 22 އިން 2013 އޮގަސްޓް 14 އަށް އަދި ޕްރިންސިޕަލް ކައުންސެލްގެ ގޮތުގައި 2016 އޮގަސްޓް 11 އިން 2018 ނޮވެންބަރު 17 އަށް އެޓަރނީ ޖެނެރަލް އޮފީހުގައި މަސައްކަތް ކުރައްވާފައިވާފައެވެ. އަދި އަލްއުސްތާޛު މުޙައްމަދު ޒާހިދުވަނީ ބ.ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ ހައިސިއްޔަތުން 2013 އޮގަސްޓް 15 އިން 2016 މާރިޗު 08 އަށް ފަނޑިޔާރުކަން ކުރައްވާފައެވެ. މީގެ އިތުރުން ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން 6 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވެއެވެ.