ޚަބަރު

އީގަލްސްއަށް މިވަގުތު އެންމެ މުހިންމީ އަމިއްލަ އިތުބާރު: ކޯޗު ހަނީފް


ކުލަބު އީގަލްސްއަށް މިވަގުތު އެންމެ މުހިންމީި ކުރީގެ އީގަލްސްގެ ގޮތުގައި އެނބުރި އައުން ކަމަށާއި، އަމިއްލަ އިތުބާރު އަލުން ގެނައުން ކަމަށް އެ ކުލަބުގެ ކޯޗުގެ މަގާމާއި އަލަށް ހަވާލުވި އަބުދުﷲ ހަނީފް (ބެންޖޯ) ބުނެފިއެވެ.

ގައުމި ޓީމުގެ ބައިނަލްއަގްވާމީ ދެ މެޗަށް ލީގުގެ ކުޅުން މެދުކަނޑާލުމަށްފަހު އަލުން ކުޅުން ފެށުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަނީފް ބުނީ އިރާދުކުރެއްވިއްޔާ އަލުން ކުރީގެ އީގަލްސްގެ ގޮތުގައި އެޓީމު ފެންނާނެ ކަމަށެވެ.

އީގަލްސްއަށް ކުރިން ކުޅެފައިވާ ހަނީފް ބުނީ މިވަގުތު އީގަލްސް އޮތް ހާލަތަކީ އެންމެ ރަނގަޅު ހާލަތެއް ނޫން ކަމަށާއި، މަސައްކަތް ކޮށްގެން އީގަލްސްގެ ހާލަތު ބަދަކުރާނެކަމަށެވެ.

”ކޮންމެ ގޮތެއްވިޔަސް މިއޮތް ހާލަތަކީ އެންމެ ރަގަނޅު ހާލަތެއް ނޫން އީގަލްސްއަށް ބަލާއިރު. މީގަ އޮންނާނެ ގޮތަކީ ދެން ހަމަ މަސައްކަތް ކޮށްގެން މި ހާލަތުން އަރައިގަތުން. ދެން އެ މަސައްކަތް މިހާރު މިކުރަނީ. އިރާދުކުރެއްވިއްޔާ އަޅުގަނޑުމެން އީގަލްސްގެ މި ހާލަތު ބަދަލުކުރާނަން“ ހަނީފް ބުންޏެވެ.

ކުރީގެ ދެ ކޯޗުންނަށްވެސް ޝުކުރު އަދާކުރާކަމަށާއި، އީގަލްސް ރަނގަޅު ކުރުމުގެ މަސައްކަތް ފަށާއިރު ބަދަލުތައް އަންނާނެ ކަމަށްވެސް ހަނީފު ބުންޏެވެ. ޓޭބަލްގައި ފެންނަނީ އެންމެ ޕޮއިންޓެއް ކަމަށާއި، އެކަން ބަދަލުކުރުމުގެ މަސައްކަތް ފަށާއިރު އީގަލްސް ސްކޮޑްގައި ތިބި ގިނަ ކުޅުންތެރިންނަކީ އޭނާއާއެކު ކުޅެފައިވާ ކުޅުންތެރިކަންކަމުން މިއީ އެޑްވާންޓޭޖެއް ކަމަށް ހަނީފް ބުންޏެވެ. އެހެންކަމުން ސީނިއާ ކުޅުންތެރިންނާއި ގުޅިގެން ޓީމުގެ ހާލަތު ބަދަލުކުރަން ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ހަނީފު ބުންޏެވެ.

އީގަލްސް މިއޮތް ހާލަތުން ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި އެންމެ ބޮޑަށް ބޭނުންވަނީ ސީނިއާ ކުޅުންތެރިންގެ އެހީތެރިކަންކަމަށް ހަނީފް ބުންޏެވެ.

”އަޅުގަނޑުމެންގެ ބޭނުންވަނީ އެމީހުންގެ ހިތްވަރު އަސްލު. އެމީހުންނަށް މީތި ބޮޑަށް ރަނގަޅު ކުރެވޭނީވެސް އަޅުގަނޑާއި އެއްކޮށް. އެހެންވީމަ ލިބޭ ވަރަށްބޮޑު އެޑްވާންޓޭޖެއް އެމީހުން އަޅުގަނޑާއި އެއްކޮށް ތިބުން. އެހެންވީމަ އެމީހުން ގޮވައިގެން މީތި ބަދަލުކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް އެބައޮތް“ ހަނީފް ބުންޏެވެ.

ނަތީޖާ ނުނެރެވުމުގެ މައްސަލައިގެ އިތުރުން އެންމެ ބޮޑު މައްސަލައަކީ މުހިންމު ކުޅުންތެރިންތަކެއް ދިގު މުއްދަތަކަށް އަނިޔާގައި ތިބެން ޖެހުންކަމަށްވެސް ހަނީފު ފާހަގަކުރިއެވެ.

އީގަލްސްގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އާއި އިމްރާން ނަޝީދު (އިންމަ) އަނިޔާގައި ހުރިކަން ފާހަގަކުރަމުން ހަނީފު ބުނީ އެއީ ޝަކުވާއެއް ނޫން ކަމަށާއި، ދިގު ސީޒަނެއް ކުޅޭއިރު އަނިޔާގެ މައްސަލަތައްވެސް އަންނާނެކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ.

އީގަލްސްއިން މި ސީޒަނާއި ކުރިމަތިލީއިރު ޕްރީ ސީޒަން ފަރިތަކުރުންތަކުގައި އެކުލަބުގެ ކޯޗެއްގެ ދައުރު އަދާކުރީ މުހައްމަދު ޝިޔާޒް (މޯހަން) އެވެ. އެހެންނަމަވެސް ގައުމީ ޓީމުގެ ހެޑް ކޯޗުކަމަށް އޭނާ ހަމަޖެއްސުމާއި ގުޅިގެން ދެން އީގަލްސްގެ ކޯޗަކަށް ހަމަޖެއްސީ އަހުމަދު ނިމާދެވެ. ނިމާދަށްފަހު ހަނީފް އާއި ކޯޗުކަން ހަވާލުކޮށް އީގަލްސްއިން ކުރިޔަށް ހުރި މެޗުތަކަށް ނިކުންނައިރު އެ ކުލަބުން އެންމެ ބޮޑަށް ބޭނުންވަނީ ކުރިން އީގަލްސް އޮތް މަގާމަށް އެނބުރި އައުމަށެވެ. އަދި އަމިއްލަ އިތުބާރު ދަމަހައްޓާ ތާވަލުގެ މައްޗަށް ޖެހިލުމަށެވެ.