ދެމެހެއްޓެނިވި ގޮތުގައި ގޮޑުދޮށް ޙިމާޔަތްކުރުމުގެ ޤައުމީ ސިޔާސަތެއް އެކުލަވާލުމުގެ މަސައްކަތް ޖަޕާނުގެ އެހީގައި ފަށައިގެން ކުރިއަށްދާކަމަށް ފަތުރުވެރިކަމާ ތިމަވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެ ވުޒާރާއިން ވަނީ 4 ރަށެއްގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށް، އެކަމުގެ ކޮންސަލްޓަންސީ މަސައްކަތް ޖަޕާނުގެ ކުންފުންޏަކާ ހަވާލުކޮށްފައެވެ.
ދެމެހެއްޓެނިވި ގޮތުގައި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ކޮންސަލްޓެންސީ މަސައްކަތް ކުރިއަށްގެންދިއުމަށް އެއްބަސްވުން ޤާއިމުކޮށްފަވަނީ، އައްޑޫ ސިޓީ މީދޫ، ލ. ގަން، ލ. ފޮނަދޫ އަދި ލ. އިސްދޫގައި މަޝްރޫޢު ކުރިއަށްގެންދިޔުމަށެވެ. ޖަޕާނުގެ ޖައިކާގެ އެހީގައި ކުރިއަށްގެންދާ މި މަސައްކަތުގެ ކޮންސަލްޓެއްގެ ގޮތުގައި އެއްބަސްވުން ޤާއިމުކޮށްފަވަނީ ޖަޕާނުގެ ކުންފުންޏެއްކަމަށްވާ، ނިޕޮން ކޮއީ ކޯ.ލިމިޓެޑާއެވެ.
މި މަސައްކަތުގެ ދަށުން މަޝްރޫޢުތަކުގެ ޑީޓެއިލް ޑިޒައިންތައް ތައްޔާރުކުރުމާއި މަސައްކަތަށް ކޮންޓްރެކްޓަރެއް ހޯދުމަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކުރުން ހިމެނެއެވެ.
ފަތުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ޒިޔާދު ވިދާޅުވީ، މިއީ ތިމާވެށީގެ ގޮތުން ނާޒުކު އަދި ރަށްގިރުމުގެ މައްސަލަ ކުރިމަތިވާ ރަށްތަކަށް އެކަށީގެންވާ ދެމެހެއްޓެނިވި ޙައްލެއް ގެނައުމަށް ކުރިއަށްގެންދާ މަޝްރޫޢުއެއްކަމަށެވެ.
މިއީ "ކްލައިމެޓް ރެޒިލިއަންޓް ސޭފް އައިލެންޑް އިން ދަ މޯލްޑިވްސް" މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. ފޭސް 1ގައި ހިމެނެނީ މި 4 ރަށުގެ، ޑީޓެއިލް ޑިޒައިނާއި އެންވާރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް އަދި އިންސާނީ ވަސީލަތް ތަމްރީން ކުރުމުގެ މަސައްކަތްވެސް މި މަސައްކަތުގައި ކުރިއަށްދާނެކަށް ސްޓޭޓް މިނިސްޓަރ ޒިޔާދު ވިދާޅުވިއެވެ.
"މި ރަށްތަކުގައި ގިރާ ސަރަޙައްދުގެ ގޮތުގައި އިތުރު އޭރިއާތައްވެސް މި މަޝްރޫޢުގައި މިހާރު ވަނީ ހިމާނާފަ. އުއްމީދަކީ 6 މަސްތެރޭ ޑީޓެއިލް ޑިޒައިން ނިމި، ޓެންޑަރިން ފަށާ އަންނަ އަހަރުގެ ތެރޭގައި ޢަމަލީގޮތުން މަސައްކަތް ފެށުން." ސްޓޭޓް މިނިސްޓަރ ޒިޔާދު ވިދާޅުވިއެވެ.
ޖައިކާއާއެކު ކުރިއަށްދާ މަޝްރޫޢުގައި ރަށްގިރިމުގެ މައްސަލައަށް ދެމެހެއްޓެނިވި ޙައްލެއް ގެނައުމަށް ދިރާސާކުރެވި އެކަމާ ގުޅޭ ސިޔާސަތުތަކެއް އެކުލަވާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރަށުގެ ފެންވަރުގެ ޕްލޭންތައް ހެދުމާގުޅޭގޮތުންވެސް ސިޔާސަތުތައް ކަނޑައަޅާނެއެވެ.
މި މަސައްކަތް ކުރިއަށްގެންދާ ގްރީން ކްލައިމެޓް ފަންޑާއި ޖައިކާގެ އެހީތެރިކަމާއެކުގައެވެ.