ކުޅިވަރު

މިއީ އަހަރެންގެ ކޯޗުކަމުގައި ހޯދި އެންމެ ރަނގަޅު މޮޅު: އަމޮރިމް


ލިވަޕޫލްގެ ދަނޑުގައި އެ ޓީމު އަތުން މޮޅުވުމަކީ މިހާތަނަށް އޭނާގެ ކޯޗުކަމުގައި ހޯދި އެންމެ ރަނގަޅު މޮޅު ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމް ބުނެފި އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން އަމޮރިމް ބުނީ މި މޮޅަކީ ވަރަށް ހާއްސަ މޮޅެއް ކަމަށެވެ.

"އަހަރެން ކޯޗުކަމާ ހަވާލުވި ފަހުން މިހާތަނަށް ޔުނައިޓެޑަށް ލިބުނު އެންމެ ރަނގަޅު މޮޅަކީ މިއީ. އެކަމަކު އަހަރެންނަށް މިއީ ހަމަ މޮޅެއް. އަހަރެން މިހާރު ފޯކަސް ކުރަނީ ކުރިއަށް އޮތް މެޗަށް. އެއީ މާދަމާ ވެސް ކަންކަން ބަދަލު ވެދާނެ. އެކަމަކު މިއީ ލިބުނު ވަރަށް މުހިންމު ތިން ޕޮއިންޓް،" މިދިޔަ ސީޒަނުގެ މެދުތެރެއިން ޓީމާ ހަވާލުވި ކޯޗު އަމޮރިމް ބުންޏެވެ.

އޭނާ ހަވާލުވި ފަހުން ކުޅުނު މެޗުތަކަށްވުރެ ޔުނައިޓެޑް ބަލިވި މެޗުތައް ގިނަ އެވެ. އަދި ހާއްސަކޮށް ނަތީޖާތައް ގޯސްވުމުން ވަރަށް ބޮޑަށް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ.

އޭނާ ބުނީ ޔުނައިޓެޑް ޓީމު މަޑުމަޑުން ކުރިއެރުން ހޯދަން ފަށައިފި ކަމަށާއި އެންމެ މުހިންމު ކަމަކީ އެކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރުން ކަމަށެވެ.

"އަހަރުމެން ޓީމެއް ބިނާ ކުރުމަށް ވަރަށް ގިނަ މަސައްކަތް ކުރަން ޖެހޭ. އެ ގޮތުން މަޑުމަޑުން ޓީމު މި އަންނަނީ ރަނގަޅު ވަމުން. އެކަމަކު މި ފަދަ ކުރިއެރުން އާއްމުކޮށް ފެނިގެންދާނީ ޖެހިގެން އަންނަ މެޗުތައް ވެސް ކާމިޔާބު ކުރާނަމަ. ފުޓްބޯޅައިގައި ނަތީޖާ ނުނެރެވޭނަމަ ވަރަށް އަވަހަށް ކަންކަން ބަދަލުވާނެ. މި މެޗުގައި ވެސް އަހަރުމެން ވަރަށް ރަނގަޅަށް ކުޅުނިން. އެކަމަކު ފަހު ހާފުގައި އަހަރުމެން އަތުން ކޮންޓްރޯލް ގެއްލުނު. އެކަމަކު ވެސް ޓީމުގައި މޮޅުވުމުގެ ރޫހު ހުރި. އެއީ މޮޅުވި ސަބަބަކީ،" އަމޮރިމް ބުންޏެވެ.

މި މޮޅާއެކު ޔުނައިޓެޑްގެ ދަށް ނަތީޖާތަކުގެ ހަނދާންނެތި، ކުރިއަށް ހުރި މެޗުތަކުން ކާމިޔާބު ހޯދާނެތޯ ނޫސްވެރިން ސުވާލު ކުރުމުން އަމޮރިމް ބުނީ އެހެން ބުނަން ނޭނގޭ ކަމަށެވެ.

މި މޮޅާއެކު ޔުނައިޓެޑް ވަނީ 8 މެޗުން 13 ޕޮއިންޓާއެކު ޓޭބަލުގެ ނުވަ ވަނަ އަށް ކުރިއަށް ޖެހިލައިފަ އެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ވަނީ 15 ޕޮއިންޓާއެކު ތިން ވަނަ އަށް ވެއްޓިފަ އެވެ. ލިވަޕޫލަށް ވުރެ ކުރީގައި މިވަގުތު އޮތީ 16 ޕޮއިންޓާއެކު މެންޗެސްޓާ ސިޓީ އާއި 19 ޕޮއިންޓާއެކު އެއްވަނާގައި އޮތް އާސެނަލް އެވެ.