ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ތެރޭގައި ލުބުނާނަށް ޙަމަލާ ދިނުން ހުއްޓައިލުން ނުހިމެނޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް މިހެން ވިދާޅުވެފައި މި ވަނީ އެއްބަސްވުން އެކުލަވާލުމުގައި މެދުވެރިއެއްގެ ދައުރު ޢަދާކުރި ޕާކިސްތާނުން، އެ އެއްބަސްވުމުގެ ތެރޭގައި ލުބުނާނަށް ޙަމަލާ ދިނުން ހުއްޓައިލުން ވެސް ހިމެނޭ ކަމަށް ބުނެފައިވަނިކޮށެވެ.
އެއްބަސްވުން ޤާއިމްކުރި ފަހުން ޔަހޫދީން ވަނީ ލުބުނާނަށް ވަަރުގަދަ ޢުދުވާނީ ޙަމަލާތަކެއްދީ، އެތައް ސަތޭކަ ބަޔަކު ޝަހީދުކޮށްލައިފައެވެ. އެ ޙަމަލާތައް ދީފައި ވަނީ ލުބުނާނުގެ އެންމެ ބައިބޯ ސަރަޙައްދުތަކަށެވެ. ޓްރަމްޕް ވަނީ ޔަހޫދީން ލުބުނާނުގެ ޙިޒްބުاللهއަށް ދެމުންދާ ޙަމަލާތަކަކީ ވަކި ކޯޅުމެއް ކަމަށް ވިދާޅުވެފައެވެ. އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްއިން ވެސް ވަނީ ލުބުނާނަށް ޙަމަލާ ދިނުން ހުއްޓައިލުމަކީ އެއްބަސްވުމުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށް ބުނެފައެވެ.
ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް ވެފައިވާ އެއްބަސްވުމުގެ ތެރޭގައި ލުބުނާނު ނުހިމެނުމަކީ އެއްބަސްވުން ދެމެހެއްޓުމަށް ނުރައްކާވާނެ މައްސަލައެކެވެ. ލުބުނާނަށް ޔަހޫދީން ދެމުންދާ ޙަމަލާތަކާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާނެ ކަމަށް އީރާނުން ދަނީ ބުނަމުންނެވެ. އީރާނުގެ ސަރުކާރާ ގުޅުންހުރި ނޫސްތަކުން ވަނީ ޙަމަލާތަކާ ގުޅިގެން ހުރުމުޒު ކަނޑުއޮޅިން ތެޔޮ ޓޭންކަރުތައް ދަތުރުކުރުމަށް އަނެއްކާ ވެސް އެ ޤައުމުން ހުރަސް އަޅާފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ. ނަމަވެސް ރަސްމީ ސިފައެއްގައި އެ ކަން މިހާތަނަށް ކަށަވަރުކުރެވިފައެއް ނުވެއެވެ.
ޔަހޫދީން ލުބުނާނަށް ޙަމަލާ ދިނުން ހުއްޓައިނުލާ ނަމަ އީރާނުން އެއްބަސްވުމަށް ޢަމަލު ނުކުރާނެ ކަމަށް ވެސް ބައެއް ނޫސްތަކުން ބުނެފައިވެއެވެ.