މެންޗެސްޓާ ޔުނައިޓެޑުން ލިވަޕޫލް އަތުން ކުޅުނީ އަމިއްލަ ހާފުތެރެ ބައްދައިގެން ތިން ދިގު ބޯޅަތަކެއް ޖަހައިގެން ކަމަށް ބުނެ އެއީ ފޫހި ފުޓްބޯޅަ އެއް ކަމަށް ލިވަޕޫލްގެ ކޯޗު އާނޭ ސްލޮޓް ސިފަކޮށްފި އެވެ.
އޭނާ ބުނީ ޔުނައިޓެޑުން މުޅި މެޗުގައި ވެސް ތިބީ އެންމެ ފަހަތަށް ފައިބައި ޑިފެންސް ކުރުމުގައި ކަމަށެވެ.
"މި ގޮތަށް އެ މީހުން ދިގު ބޯޅަ ޖަހައިގެން ކުޅޭއިރު މެޗު ފަށައިގެން ގޯލެއް ވަނީމަ އަމުދުން ކުޅެން އުނދަގޫވާނެ. އެކަން ފެނިގެން މިދިޔައީ. އެކަމަކު އަހަރުމެން ޖެހޭ މިކަންކަން ވިސްނަން. ލިވަޕޫލަށް އުނދަގޫވޭ މި ގޮތަށް ކުޅޭ ޓީމުތައް އަތުން މޮޅުވާން،" ސްލޮޓް ބުންޏެވެ.
މި ބައްޔަކީ 400 ދުވަހުގެ ތެރޭގައި އަމިއްލަ ދަނޑުގައި ޔުނައިޓެޑް އަތުން ލިވަޕޫލް ބަލިވި ފުރަތަމަ މެޗެވެ. އަދި މިއީ މި ސީޒަނުގައި ވިދިވިދިގެން ލިވަޕޫލް ބަލިވި ހަތަރު ވަނަ މެޗެވެ. މީގެ ކުރިން ލިވަޕޫލް ޖެހިޖެހިގެން ހަތަރު މެޗުން ބަލިވީ 2014 ވަނަ އަހަރު އެވެ.
މި މެޗުގައި ފުރަތަމަ ގޯލު ޖެހީ މެޗުގެ ދެ ވަނަ މިނިޓްގައި ޔުނައިޓެޑްގެ އެމްބުއެމޯ އެވެ. މިއަށް ފަހު ލިވަޕޫލަށް ނަތީޖާ ހަމަހަމަކޮށްދިނީ 78 ވަނަ މިނިޓްގައި ކޯޑީ ގަޕޯ އެވެ. އޭގެ ހަ މިނިޓް ފަހުން ޔުނައިޓެޑް މޮޅުކޮށްދިން ލަނޑު ޖެހީ ޑިފެންޑަރު ހެރީ މެގުއާ އެވެ.
ސްލޮޓް ބުނީ ޔުނައިޓެޑްގެ ދެ ގޯލަކީ ވެސް ހިލޭ ޖެހުންތަކުން ލިބުނު ބޯޅަތަކެއް ޖެހި ދެ ގޯލު ކަމަށާއި ލިވަޕޫލްގެ ޑިފެންސް ވެސް ރަނގަޅު ކުރަން ޖެހޭ ކަމަށެވެ.
"އަހަރުމެންނަށް އުނދަގޫތަކެއް އެބަހުރި ފްރީކިކްތަކާއި ކޯނަރުތައް ޑިފެންސް ކުރުމުގައި. އެކަންކަން ރަނގަޅު ކުރަން ޖެހޭނެ. އެއީ ޔަގީންކަމެއް،" ކޯޗު ބުންޏެވެ.
އޭނާ އަދި ބުނީ މި ސީޒަނުގައި ލިވަޕޫލް ބަލިވި މެޗުތަކަށް ބަލާއިރު ޔުނައިޓެޑް މެޗުގައި ވެސް ފެނިގެންދިޔައީ އެއް ގޮތަކަށް މެޗުގެ އޮއިވަރު ބަދަލުވެ ބަލިވެގެންދިޔަ މަންޒަރު ކަމަށެވެ. އޭނާ އިޝާރާތް ކުރީ މެޗުގެ ފަހު ބައިގައޮ ބަލިވުމަށެވެ.
މި މޮޅާއެކު ޔުނައިޓެޑް ވަނީ 8 މެޗުން 13 ޕޮއިންޓާއެކު ޓޭބަލުގެ ނުވަ ވަނަ އަށް ކުރިއަށް ޖެހިލައިފަ އެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ވަނީ 15 ޕޮއިންޓާއެކު ތިން ވަނަ އަށް ވެއްޓިފަ އެވެ. ލިވަޕޫލަށް ވުރެ ކުރީގައި މިވަގުތު އޮތީ 16 ޕޮއިންޓާއެކު މެންޗެސްޓާ ސިޓީ އާއި 19 ޕޮއިންޓާއެކު އެއްވަނާގައި އޮތް އާސެނަލް އެވެ.