ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕެރިޓޯނިއަލް ޑަޔަލިސިސް ހެދުމަށް ބޭނުންކުރާ ކެތީޓަރު ނުވަތަ ބަނޑަށް ހޮޅި ލައްވައިގެން ހަދާ ޑަޔަލިސިސްގެ ޚިދުމަތް އައިޖީއެމްއެޗްގައި ފަށައިފިއެވެ. މިއީ ރާއްޖޭގެ ސިއްޙީ ދާއިރާއަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެއްކަމަށް އެ ހޮސްޕިޓަލުން ފާހަގަކުރެއެވެ.
ރާއްޖޭގައި ގައިންގަޔަށް ނާރާ ބޮޑެތި ބަލިތަކުގެ ތެރޭގައި އެންމެ ގިނައިން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމަށް ދައުލަތުން ޚަރަދުކުރާ އެއް ބައްޔަކީ ކިޑްނީގެ ބަލިތަކެވެ. ކިޑްނީ ބަލީގެ ފަރުވާ ރާއްޖޭގައި ފުޅާކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. ކިޑްނީ ބަލީގެ ސަބަބުން ހަފްތާއަކު ދެތިން ދުވަހު ޑަޔަލިސިސްގެ ޚިދުމަތް ހޯދަންޖެހޭ މީހުންގެ ޢަދަދު އަންނަނީ އިތުރުވަމުންނެވެ.
މި ޚިދުމަތް މާލެއާއި އަތޮޅުތަކުގެ ރަށްތަކުގައި ފުޅާކުރުމަށް ސަރުކާރުންވަނީ މަޝްރޫޢެއް ފައްޓަވާފައެވެ. މާލެ ސަރަޙައްދުގައި ސިއްޙީ ފަރުވާދޭ ހުރިހާ ބޮޑެތި ހޮސްޕިޓަލުތަކުގައި ޑަޔަލިސިސްގެ ޚިދުމަތް ޤާއިމުކޮށްފައިވާއިރު ސަރުކާރު ހޮސްޕިޓަލުތަކުގައި މި ޚިދުމަތް ފުޅާކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.
ޑަޔަލިސިސް ހެދުމަކީ ބަލިމީހާއަށް އިތުރު ތަކުލީފުތަކެއް އުފުލަން ޖެހޭ ކަމެކެވެ. ހަފްތާއަކު 2 ދުވަސް ނުވަތަ 3 ދުވަހުވެސް ޑަޔަލިސިސް ހަދާ މީހުން މަދެއްނޫނެވެ. އެހެންނަމަވެސް ޒަމާނާއި އެއްގޮތަށް ބަލިމީހުންނަށް އިތުރު ތަކުލީފިތަކާއި ނުލާ ޑަޔަލިސިސްގެ ހެދުމުގެ މަގު މިވަނީ ފަހިވެގެންގޮސްފައެވެ. އެގޮތުން ރާއްޖޭގައި ޕެރިޓޯނިއަލް ޑަޔަލިސިސް ނުވަތަ ޑިވައިސެއްގެ އެހީގައި އަމިއްލައަށް ހެދޭ ޑަޔަލިސިސްގެ ޚިދުމަތް ވަނީ ދޭންފަށާފައެވެ.
އައިޖީއެމްއެޗްއިން މިހާރުވަނީ ފުރަތަމަ ފަހަރަށް ބަނޑަށް ހޮޅި ލައްވައިގެން ހަދާ ޑަޔަލިސިސްގެ ޚިދުމަތް ފަށާފައެވެ. މި ޚިދުމަތަކީ ބަލިމީހާއަށް އަމިއްލަ ރަށުގައި، އަމިއްލަ ގޭގައި، އެއްވެސް ވޭނަކާ ނުލައި، އަދި މެޝިނެއް ބޭނުންނުކޮށް ރައްކާތެރިކަމާއެކު ކުރެވޭ ފަރުވާއެކެވެ. މީގެ އިތުރުން، ފުރަތަމަ ފަހަރަށް އެ ހޮސްޕިޓަލުގައި ޕެރިޓޯނިއަލް ޑަޔަލިސިސްއަށް ބޭނުންކުރާ ބަނޑަށް ކެތީޓަރު ލެއްވުމުގެ ޚިދުމަތް ވަނީ ފަށާފައެވެ.
އައިޖީއެމްއެޗްއިން ވިދާޅުވީ އެ ހޮސްޕިޓަލުން ޕެރިޓޯނިއަލް ޑަޔަލިސިސްގެ ޚިދުމަތް ފޯރުކޮށްދޭތާ 3 އަހަރުވެފައިވާކަމަށެވެ. އެހެންނަމަވެސް މި ޚިދުމަތް މީގެ ކުރިން ފޯރުކޮށްދެމުންއައީ އިންޑިއާގެ އެންޔޫ ހޮސްޕިޓާލާއި ގުޅިގެންކަމަށް ވިދާޅުވިއެވެ. މީގެ ކުރިންވެސް ޕެރިޓޯނިއަލް ޑަޔަލިސިސްގެ ފަރުވާ ބައެއް ފަރާތްތަކުން ރާއްޖެއިން ބޭރުން އެ ޚިދުމަތް ހޯދައިފައިވާކަމަށް ވިދާޅުވިއެވެ.
އައިޖީއެމްއެޗްއިން ވިދާޅުވީ، މި އޮކްޓޫބަރު މަހުގެ ކުރީކޮޅު، ފުރަތަމަ ޓެންކޮފް ޕެރިޓޯނިއަލް ޑަޔަލިސިސް ކެތީޓަރު ލެއްވުމުގެ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފައިވާކަމަށެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ސަރޖަރީ، ޔޫރޮލޮޖީ، އެނެސްތީސިއާ އަދި ނެފްރޮލޮޖީގެ ދާއިރާތަކުން ތަމްރީނު ލިބިފައިވާ ޚާއްޞަ ދިވެހި ޑޮކްޓަރުންގެ ޓީމަކުންކަމަށް ވިދާޅުވިއެވެ.
މިހާރު މި ޚިދުމަތާ ގުޅުންހުރި އިތުރު ތަމްރީނު ޕްރޮގްރާމްތައް އައި.ޖީ.އެމް.އެޗްގައި ކުރިއަށްދާކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ. އެގޮތުން ތަމްރީންވެފައިވާ 8 ނަރުހުން މިހާރުވެސް އެބަތިބިކަމަށް ވިދާޅުވިއެވެ. އަދި މިއީ ސިއްޙީ ދާއިރާއިން ރާއްޖެއަށް ލިބުނު މުހިންމު ކުރިއެރުމެއްގެ ގޮތުގައި އައިޖީއެމްއެޗްއިން ފާހަގަކުރެއެވެ.
ޕެރިޓޯނިޔަލް ޑަޔަލިސިސްއަކީ ޑިވައިސެއްގެ އެހީގައި އަމިއްލަ ހެދޭ ޑަޔަލިސިސްއެކެވެ. މި ޑަޔަލިސިސް ހެއްދުމަށް ބަނޑަށް ކެތީޓަރު ހޮޅިއެއް ލައްވަން ޖެހެއެވެ. މި ފަރުވާއަކީ ބަލި މީހުން ޑަޔަލިސިސް ހެދުމަށް ހޮސްޕިޓަލުގައި އެތައް ވަގުތެއް ހޭދަކުރުމުގެ ބަދަލުގައި ގޭގައި ކުޑައިރުކޮޅެއްގެ ތެރޭގައި ކުރެވޭކަމެވެ. މިއީ ބަލިމީހުންނަށް ލިބޭ ވަރަށް ބޮޑު ލުޔެކެވެ.