ޚަބަރު

މައްސަލަ ޙައްލު ކުރުމުގެ މަޝްވަރާތަކަށް އަފްޣާނިސްތާނާއި ޕާކިސްތާނުގެ ވަފުދުތައް ޤަޠަރަށް


ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުން އިތުރު 48 ގަޑިއިރަށް ދިގު ދަންމައިލުމަށް ނިންމައި، ސުލްޙައިގެ މަޝްވަރާތައް ފެށުމަށް އަފްޣާނިސްތާނާއި ޕާކިސްތާންގެ ވަފުދުތައް ޤަޠަރަށް ދަތުރު ފަށައިފިއެވެ. ދެ ޤައުމުގެ ސަރަޙައްދީ ރޮނގު ކައިރީގައި ބަދަލު ކުރަމުންދާ ޙަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުން އިތުރު 48 ގަޑިއިރަށް ދަންމައިލުމަށް ދެ ޤައުމުން ނިންމާފައި ވަނީ އޮކްޓޫބަރު 17ވަނަ ދުވަހުއެވެ.

ދެ ފަރާތުގެ ދެމެދުގައި މަޝްވަރާތަކުގައި ބައިވެރިވާ ޕާކިސްތާންގެ ވަފުދުން މިހާރު ވަނީ ޤަޠަރުގެ ވެރިރަށް ދަވްޙާއަށް ދަތުރު ކޮށްފައެވެ. އަދި، އޮކްޓޫބަރު މަހު 19ވަނަ ދުވަހު އަފްޣާނިސްތާންގައި ވެރިކަން ކުރާ ނިރުބަވެރި ޖަމާޢަތް، ޠާލިބާނުންގެ ވަފުދުން ދަވްޙާއަށް ދާނެއެވެ. ދެ ފަރާތުގެ ދެމެދުގައި މަޝްވަރާތައް ފެށުމަށް ތައްޔާރު ކުރަމުންދާ ކަން ދެ ޤައުމުގެ މަޞްދަރުތަކުން ވަނީ ކަށަވަރު ކޮށްދީފައެވެ.

ދެ ފަރާތުގެ ދެމެދުގައި ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލާފައި ވަނީ، ދެ ޤައުމު ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި ޕާކިސްތާންގެ ސަރަޙައްދީ ރޮނގު ބަލަހައްޓާ ސިފައިންނަށް އަމާޒުކޮށް ނުރައްކާތެރި ބޮމުގެ ޙަމަލާއެއް ދިން ފަހުންނެވެ. ހަނގުރާމަވެރިއަކު އަމިއްލަ ފުރާނަ ނަގައިލައިގެން ދީފައިވާ ޙަމަލާގައި ޕާކިސްތާންގެ ސިފައިންގެ ހަތް މީހުން މަރުވެ، އިތުރު 13 މީހުން ޒަޚަމުވިއެވެ. ދެ ފަރާތުގެ ދެމެދުގައި ބަދަލު ކުރަމުންދާ ޙަމަލާތަކާ އެކު މަސްރަޙު ގޯސްވެފައިވާ މިންވަރު އެ ޙަމަލާއިން ހާމަވެގެން ދިޔައެވެ.

ޕާކިސްތާންގެ ސަލާމަތީ ދާއިރާގެ މަޞްދަރަކުން ބުނީ، އަފްޣާނިސްތާނަށް ނިސްބަތްވާ ހަތިޔާރު އެޅި ޖަމާޢަތަކުން އުތުރު ވަޛީރިސްތާންގައި ހުރި އަސްކަރީ މަރުކަޒަކަށް ނުރައްކާތެރި ޙަމަލާއެއް ދީފައިވާ ކަމުގައެވެ. އެ ޙަމަލާގައި ހަތިޔާރު އެޅި ބަޔަކު ވަނީ ގޮވާތަކެތި ބަރުކޮށްފައިވާ އެއްގަމު އުޅަނދަކުން އަސްކަރީ މަރުކަޒުގެ ފާރުގައި ޖައްސައި، ގޮއްވައިލަން މަސައްކަތް ކޮށްފައެވެ. އަދި، އޭގެ ތެރެއިން ދެ މީހަކު އަސްކަރީ މަރުކަޒަށް ޙަމަލާދީ، އެ ތަނުގެ ތެރެއަށް ވަންނަން މަސައްކަތް ކުރި ކަމުގައި ޕާކިސްތާންގެ މަޞްދަރުތަކުން ބުންޏެވެ. ޕާކިސްތާންގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ އޮފީހުން ބުނީ، ހަނގުރާމަވެރިންގެ ތެރެއިން ހަ މީހުން މަރައިލައި، އެ ޙަމަލާ ފޭލުކޮށްލާފައިވާނެ ކަމުގައެވެ.

ދެ ފަރާތުގެ ދެމެދުގައި ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލާފައިވާ ކަން އިޢުލާނު ކޮށްފައި ވަނީ ޠާލިބާން ސަރުކާރުގެ ތަރުޖަމާނު ޒަބީޙުالله މުޖާހިދެވެ. އޭނާ ބުނީ، ޕާކިސްތާންގެ ފައުޖުން ޙަމަލާތައް މެދުކަނޑައިލައިފި ނަމަ، ރައްދުގައި ޙަމަލާ ދިނުން މެދުކަނޑައިލުމަށް ޠާލިބާނުންގެ ފައުޖުތަކަށް އަމުރު ކޮށްފައިވާނެ ކަމުގައެވެ. ނަމަވެސ،ް އޭގެ ފަހުން ވެސް ޕާކިސްތާނުން އަފްޣާނިސްތާންގެ މަރްމަލް އަދި އޯގޫން ސަަރަޙައްދަށް ވައިގެ ޙަމަލާތަކެއް އަމާޒު ކޮށްފައިވާ ކަމުގައި ޠާލިބާނުންގެ ފުލުހުން ތުހުމަތު ކުރިއެވެ.

އެ ޙަމަލާގައި ލިބިފައިވާ ގެއްލުންތަކުގެ މަޢުލޫމާތު ޠާލިބާނުންގެ ފުލުހުން ހާމަކޮށްފައެއް ނެތެވެ. ނަމަވެސް، އަފްޣާނިސްތާނުގެ ކުރިކެޓު ބޯޑުގެ ތަރުޖަމާނު ސައްޔިދް ނަސީމް ސާދާތު ބުނީ ޕާކިސްތާނުގެ ވައިގެ ޙަމަލާތަކުގައި އަށް ކުރިކެޓު ކުޅުންތެރިން މަރުވި ކަމުގައެވެ. މަރްމަލް އަދި އޯގޫން ސަރަޙައްދަށް ވައިގެ ޙަމަލާތަކެއް ދީފައިވާނެ ކަން ޕާކިސްތާންގެ އަސްކަރިއްޔާއިން ކަށަވަރު ކޮށްދީފައެއް ނެތެވެ.