ޚަބަރު

އޭޝިއަން ޔޫތު ގޭމްސް: ދަތިވަނީ ބެލެނިވެރިންނަށް ވިސާ ހޯދުމުގައި އެކަނި


ބަހްރެއިންގައި ކުރިއަށްދާ ތިންވަނަ އޭޝިއަން ޔޫތު ގޭމްސްގައި ވާދަކުރާ ކުޅުންތެރިންނާއި އޮފިޝަލުންގެ ހުރިހާ އިންތިޒާމެއްވެސް މިހާރު ހަމަޖެހިފައިވާ ކަމަށާއި، ހަމައެކަނި އުނދަގޫވެގެން އުޅެނީ ކުޅުންތެރިންގެ ބެލެނިވެރިންނަށް ވިސާ ހަމަޖެއްސުމުގެ ކަންކަން ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަޙްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ތަމޫހު ބުނީ ބަހްރެއިން ކޮޅުން ހުރިހާ އިންތިޒާމެއްވެސް ވަރަށް ފުރިހަމައަށް ހަމަޖެހިފައިވާ ކަމަށާއި މިހާރު ނުވެއޮތް ހަމައެކަނި ކަމަކީ ބަޙްރެއިންއަށް އަންނަން ބޭނުންވެފައިތިބި ބައެއް ބެލެނިވެރިންގެ ވިސާގެ ކަންކަންކަމަށެވެ. ތަމޫޙް އިތުރަށް ފާހަގަކުރެއްވިގޮތުގައި މިފަހަރުގެ ޔޫތު ގޭމްސްގައި ދިވެހިރާއްޖެ ތަމްސީލުކުރަން އަންނަ ގިނަ އެތުލީޓުންނަކީ މުޅިން އަލަށް ބައިނަލްއަގުވާމީ މުބާރާތެއްގައި ރާއްޖެ ތަމްސީލުކުރަން ޤައުމުން ބޭރަށްދާ ކުދިންކަމަށާއި އެހެންކަމުން ބައެއް ބެލެނިވެރިން އެކުދިންނަށް އިތުރު ހިއްވަރެއް ދިނުމުގެ ބޭނުމުގައި ބަޙްރެއިންއަށް އަންނަ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ވަނީ ބެލެނިވެރިންނަށް ވިސާ ހޯދުމަށް މުބާރާތް ހިންގާ ފަރާތާވެސް ވާހަކަ ދައްކައިގެން މަސައްކަތް ކޮށްފައެވެ. މިގޮތުން މުބާރާތް ހިންގާ ފަރާތުން ވަނީ ބެލެނިވެރިންނަށް ވިސާ ހޯދުމަށް އެހީތެރިކަން ފޯރުވައިދިނުމުގެ ގޮތުން ރަސްމީ ސިޓީއެއްވެސް ދީފައެވެ.

އޭޝިއަން ޔޫތު ގޭމްސްގައި ރާއްޖެއިން މިފަހަރު 7 ކުޅިވަރެއްގައި ވާދަކުރާނެއެވެ. މީގެތެރެއިން އެންމެ ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ ހޭންޑް ބޯޅަ މުބާރާތެވެ. އަދި އެންމެ ފުރަތަމަ ބަޙްރެއިންއަށް ދިޔަ ޓީމަކީވެސް ހޭންޑް ބޯޅަ ޓީމެވެ. މީގެ އިތުރުން ބީޗް ވޮލީ ބޯޅަ ޓީމުވެސް މިހާރު ވަނީ ބަޙްރެއިންއަށް ގޮސްފައެވެ. ދެން ހުރި ޓީމުތައްވެސް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ބަޙްރެއިންއަށް ދާނެއެވެ.

ތިންވަނަ އޭޝިއަން ޔޫތު ގޭމްސްގައި 45 ގައުމަކުން 8 ހާހަށްވުރެ ގިނަ އެތުލީޓުން 25 ކުޅިވަރެއްގައި ވާދަކުރުމަށްވަނީ ހަމަޖެހިފައެވެ.