ޚަބަރު

އައިޓީއެފް ޖޭ30 ޑާކާ މުބާރާތުގެ ޑަބަލްސް ޗެމްޕިއަންކަން ރާއްޖޭގެ އާރާއަށް


  • އާރާގެ ޕެއާ ޗެމްޕިއަންކަން ހޯދީ ޗައިނާގެ ޓިއަރެން ޑޮންގް އަދި ސިކަން ޔަންގުގެ ޕެއާ ސީދާ ތިން ސެޓުން ބަލިކޮށްގެން

  • ރާޖްޝާހީގައި ކުރިޔަށް ދިޔަ ފުރަތަމަ ހަފްތާގެ ކުޅުން އާރާ ނިންމާލީ ސިންގަލްސް އިވެންޓުގެ ރަނަރަޕްކަން ހޯދައިގެން

އިންޓަރނޭޝަނަލް ޓެނިސް ފެޑެރޭޝަން (އައިޓީއެފް) ގެ ޓެނިސް ޓުއަރ ޖޭ30 ޑާކާ މުބާރާތުގެ ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ރާއްޖޭގެ އާރާ އާސަލް އާޒިމްގެ ޕެއާއިން ހޯދައިފިއެވެ.

މި މުބާރާތުގެ ދެވަނަ ހަފުތާގެ ޑަބަލްސް އިވެންޓުން ޗެމްޕިއަންކަން އިންޑިއާގެ ސަންމިތާ ހަރިނި ލޮކެޝް އާއި އާރާގެ ޕެއަރ ހޯދީ ފައިނަލްގައި ޗައިނާގެ ޓިއަރެން ޑޮންގ އަދި ސިކަން ޔަންގގެ ޕެއާ ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ. އާރާ އާއި ސަންމިތާ ޗައިނާގެ ދެ ކުޅުންތެރިން ބަލިކޮށް ސެޓުތައް ގެންދިޔައީ 6-4،. 1-6 އަދި 10:4 ންނެވެ.

މި މަހުގެ 13-17 އަށް ޑާކަގައި ކުރިޔަށް ދިޔަ ދެވަނަ ހަފްތާގެ ސިންގަލްސްގައި އާރާއަށް ދެވުނީ ސެމީ ފައިނަލާއި ހަމައަށެވެ. ސިންގަލް އިވެންޓުގެ ސެމީ ފައިނަލުން ކެޓީ އިންޑިއާގެ ސަންމިތާ ހަރިނި ލޮކޭޝް އަތުން ދެސެޓް އެއް ސެޓުން ބަލިވެގެންނެވެ. އެ މެޗުގެ ފުރަތަމަ ސެޓް 6-4 ން އާރަަ ގެންދިޔައިރު އަނެއް ދެ ސެޓު އިންޑިއާގެ ކުޅުންތެރިޔާ ގެންދިޔައީ 4-6 އަދި 2-6 ންނެވެ.

‎ބަންގްލަދޭޝްގައި ކުރިއަށްދާ އައިޓީއެފް ޖޭ30 މުބާރާތުގެ ފުރަތަމަ ހަފްތާގެ ކުޅުން ކުރިޔަށް ދިޔައީ އޮކްޓޫބަރު 6-10 ގެ ނިޔަލަށް ބަންގްލަދޭޝްގެ ރާޖްޝާހީގައެވެ. ފުރަތަމަ ހަފްތާގެ ސިންގަލްސް ކެޓެގަރީން އާރާ ވަނީ ފައިނަލާއި ހަމައަށް ދަތުރުކޮށް ރަނަރަޕްކަން ހޯދާފައެވެ.

‎ފުރަތަމަ ހަފްތާގައި އާރާ ފައިނަލްގެ ޖާގަ ހޯދީ ސެމީ ފައިނަލްގައި ޗައިނާގެ ޓިއަންރެން ޑޮން އަތުން ސީދާ ދެ ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. ސެމީ ފައިނަލްގެ ދެ ސެޓްވެސް އާރާ ގެންދިޔައީ 6-1، 6-1 ގެ ނަތީޖާއަކުންނެވެ.

ފައިނަލްގައި އާރާ ވާދަކުރީ ޗައިނާގެ ޒިޖިއެ ޔަންގާއި ދެކޮޅަށެވެ. އޭނާ އަތުން އާރާ ބަލިވީ 5-7، 6-3 އަދި 3-6 ގެ ނަތީޖާއަކުންނެވެ.

މި މުބާރާތުގެ ފުރަތަމަ ހަފްތާގައި ރާއްޖޭގެ ނަބާ ނިޝާންވެސް ވާދަކުރިއެވެ. އޭނާ ވަނީ ޑަބަލްސް ކެޓަގަރީން ވާދަވެރި ކުޅުމަކަށްފަހު ސެމީ ފައިނަލާހަމައަށް ދަތުރުކޮށްފައެވެ.