ޖިއޮގުރަފިކް ތަންތަނަށް ނަންކިޔުމުގެ އައު އުސޫލެއް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން އާންމުކުރައްވައިފިއެވެ.
މިއީ ޖިއޮގުރަފިކް ތަންތަނުގެ ތެރެއިން ވަކި ނަމެއް ދިނުމަށް ބޭނުންވާ ތަންތަނަށް ނަން ކިޔުމާއި، އަލަށް އުފައްދާ ތަންތަނަށް ނަން ކިޔުމާއި، ވަކި ނަމެއް ދީފައިނުވާ ތަންތަނަށް ނަން ކިޔުމާއި، ވަކި ތަނަކަށް ދީފައިވާ ނަމެއް ނުވަތަ އާންމުކޮށް ބޭނުންކުރަމުން އަންނަ ނަމެއް ރަސްމީކޮށް އެތަނަކަށް ކިޔުމުގައި ނުވަތަ ބޭނުންކުރަމުން އަންނަ ނަމެއް ބަދަލުކުރުމުގައި އަމަލުކުރާނެ ގޮތް ބަޔާންކުރުމަށް އެކުލަވާލާފައިވާ އުސޫލެއްކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.
މި އުޞޫލުގެ މަޤުޞަދަކީ ޖިއޮގުރަފިކް ތަންތަނަށް ނަން ކިޔުމަށްޓަކައި ނަން ފާސްކުރުމުގައި ބަލާނެ މިންގަނޑުތައް ކަނޑައެޅުމާއި، ނަން ކިޔުމުގައި ޢަމަލުކުރާނެ ހަމަތަކާއި އިޖުރާތުތައް ބަޔާންކުރުމެވެ.
• ވަކި ނަމެއް ދިނުމަށް ބޭނުންވާ ތަންތަން
• އަލަށް އުފައްދާ ތަންތަން
• ވަކި ނަމެއް ކިޔައިފައިނުވާ ތަންތަން
• އެ ތަނަކަށް އާންމުކޮށް ބޭނުންކުރަމުން އަންނަ ނަމެއް ރަސްމީކޮށް އެ ތަނަކަށް ކިޔުމަށް ބޭނުންވާ ކޮންމެ ތަނެއް
• ދީފައިވާ ނަން ބަދަލުކުރުމަށް ބޭނުންވާ ތަންތަން
މި އުސޫލުގެ ދަށުން ރަށަކަށް ނުވަތަ ފަޅަކަށް ދީފައިވާ ނަމެއް ބަދަލުކުރުމަށް ނުވަތަ ނަމަށް ބަދަލެއް ގެނައުމަށް ހުށަހެޅޭނީ ދައުލަތުގެ އިދާރާއަކަށް ނުވަތަ އެ ތަނެއް ކުއްޔަށް ހިފައިފައިވާ ފަރާތަކަށް ނުވަތަ އެ ތަނެއް ހަވާލުކޮށްފައިވާ ފަރާތަކަށް އެކަންޏެވެ. އަދި ސަރުކާރުގެ އިދާރާއެއް ފިޔަވައި އެހެން ފަރާތަކުން ރަށަކަށް ނަމެއް ކިޔުމަށް ހުށަހެޅޭނީ އެ ފަރާތަކުން ހިއްކައިފައިވާ ރަށެއް ކަމުގައިވާ ނަމައެވެ.
މި އުސޫލުގެ ދަށުން ނަންކިޔުމަށް ޓަކައި ނުވަތަ ނަމަކަށް ބަދަލުގެނައުމަށް ޓަކައި ނަން ފާސްކުރުމުގެ މިންގަނޑުތަކާއި ރިއާޔަތްކުރަންޖެހޭ ކަންކަންވެސް ހިމަނާފައިވެއެވެ.
• ދިވެހިބަހުން ކިޔާ ނަމެއް ކަމުގައިވުން
• އާންމު އިޖުތިމާޢީ މިންގަނޑުތަކަށާއި އަޚުލާޤީ މިންގަނޑުތަކަށް ފެތޭ ނަމެއް ކަމުގައިވުން
• ކިޔަން ފަސޭހަ، ރީތި، ސާދާ ނަމަކަށްވުން
• އެހެން ތަނަކަށް ކިޔައިފައިވާ ނަމަކަށް ނުވުން
• މީހަކަށް ކިޔާ ނަމަކަށް ނުވުން ނުވަތަ އެހެން ތަނަކަށް ކިޔާ ނަމަކަށް ނުވުން
އަލަށް އެކުލަވާލި އުސޫލުގައިވާގޮތުން ރަށަކަށް ނުވަތަ ފަޅަކަށް ނަން ކިޔުމުގައި އެތަނެއްގެ ޤުދުރަތީ އުމުރާއި، އެ ތަނެއްގެ ނުވަތަ ސަރަޙައްދެއްގެ ތާރީޚާއި އެތަނެއް އޮތް ސަރަޙައްދު ނުވަތަ ހިސާބުގަނޑަށް ރިއާޔަތްކުރަންޖެހެއެވެ. އަދި އެތަނެއް އުފެދުމުގައި ހުރި ސިފަތަކާއި އެތަނެއްގެ ކުޑަބޮޑުމިނާއި އެތަނެއްގެ ޚާއްޞިއްޔަތު ނުވަތަ އެތަނެއްގައިވާ ނުވަތަ އެތަނެއްގެ ވަށައިގެންވާ ވަސީލަތްތަކާއި ދިރުންތައް ނުވަތަ ޖިއޮލޮޖިކަލް ފީޗަރސްތަކަށްވެސް ބަލަންޖެހޭނެއެވެ.
މި އުސޫލުގެ ދަށުން ޖިއޮގުރަފީ ތަންތަނަށް ކިޔާނެ ނަންތައް ފާސްކުރުމުގެ ކަންކަން ކުރިއަށްގެންދާނީ އެކަމަށް ޚާއްސަކޮށްގެން މާލީ ވަޒީރު އުފައްދަވާ ޖިއޮގުރަފިކް ނަންތަކާބެހޭ ކޮމެޓީއަކުންނެވެ. މިއީ 10 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމެޓީއެކެވެ.
އައު އުސޫލުގެ ދަށުން ޖިއޮގުރަފިކް ތަނަކަށް ނަން ކިޔުމަށް މާލީ ވުޒާރާއަށް ހުށަހެޅުމުން، އެ ހުށަހެޅުމެއް ހުށަހެޅިތާ 15 ދުވަހުގެ ތެރޭގައި ދިރާސާކުރުމަށްފަހު ޖިއޮގުރަފިކް ނަންތަކާބެހޭ ކޮމެޓީއަށް ފޮނުވަންޖެހޭނެއެވެ. އަދި ކޮމެޓީއަށް އެ ހުށަހެޅުމެއް ލިބޭތާ 15 ދުވަހުގެ ތެރޭގައި އެ ހުށަހެޅުމަކާމެދު ކޮމެޓީން ގޮތެއް ނިންމައި، ކޮމެޓީން ނިންމިގޮތް އެ ހުށަހެޅުމެއް ހުށަހެޅި ފަރާތަކަށް މާލީ ވުޒާރާއިން ލިޔުން އަންގަންޖެހޭނެއެވެ.
މި އުސޫލުގެ ދަށުން ޖިއޮގުރަފިކް ނަންތަކާބެހޭ ކޮމިޓީން ނަމެއް ފާސްކޮށް އެ ނަމެއް މާލީ ވުޒާރާއިން އިޢުލާނުކުރުމުން، އެ ނަމަކީ އެ ތަނަކަށް ކިޔާ ރަސްމީ ނަންކަމުގައި ހަމަޖެހިގެންދާނެއެވެ. އަދި ވަކި ތަނަކަށް ކިޔާނެ ނަމެއް ފާސްވުމަށްފަހު، އެ ތަނަކަށް ރަސްމީކޮށް މުޚާޠަބުކުރަންވާނީ އަދި ރަސްމީ ލިޔުންތަކުގައި ބޭނުންކުރަންވާނީވެސް ފާސްކޮށްފައިވާ ނަންކަމަށާއި، ރާއްޖޭގެ ރަސްމީ ޗާޓުގައި އެ ތަނެއް ފާހަގަކޮށް، އެ ތަނަކަށް ކިޔާ ނަމުގެ ގޮތުގައި އެ ނަމެއް ހިމަނަންވާނެކަމަށްވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
މި އުސޫލުގެ ދަށުން ތަނަކަށް ނަމެއް ކިޔުމަށްފަހު އެ ނަމަކީ އެހެން ފަރާތެއްގެ ވިޔަފާރި ނަމަކާ އެއްގޮތްކަމެއް ހުރުމުގެ ސަބަބުން ނުވަތަ އޮޅުންއަރާގޮތް މެދުވެރިވުމުގެ ސަބަބުން އެ ފަރާތުގެ ވިޔަފާރީގެ މަސްލަހަތަކަށް އުނިކަން އަތުވެދާނެ ފަދަ ނަމެއްކަމަށް ފާހަގަވެގެން އެއްވެސް ފަރާތަކުން އެކަން މާލީ ވުޒާރާގެ ނުވަތަ ކޮމިޓީގެ ސަމާލުކަމަށް ގެނެސްފިނަމަ، އެ ކަމެއް ބަލައި ނަން ބަދަލުކުރުމަށް ނުވަތަ ނަމަށް ބަދަލެއް ގެނައުމަށް ނުވަތަ ނަން ބާޠިލުކުރުމަށް ނިންމުމުގެ އިޚުތިޔާރު ކޮމިޓީއަށް ލިބިގެންވެއެވެ.