ޚަބަރު

ބަންޑުންޖަހާލި ކޮޅުވެއްޓިން ބައެއްތަކެތި އޮޔާދާތީ ސަމާލުވާން އެދިއްޖެ


  • ކޮޅުވެއްޓިއެއް ބަންޑުންޖަހާލާފައިވަނީ ތުޅާގިރީގެ އިރުދެކުނުން 1.3 ނޯޓިކަލް މޭލުން ބޭރުގައި

  • މިތަކެތި އޮޔާދާނެ ކަމަށް ލަފާކުރެވެނީ ތުޅާގިރީގެ އިރުމައްޗަށް ވާގޮތަށް

މާލެ އަތޮޅު ތުޅާގިރި ކައިރިން ބަންޑުންޖަހާލި ކޮޅުވެއްޓިގައި ހުރި ތަކެތި އޮޔާދާތީ، އެކަމަށް ސަމާލުވުމަށް އެދިއްޖެއެވެ.

މޯލްޑީިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ވިދާޅުވީ، ކ. ތުޅާގިރީގެ އިރުދެކުނުން 1.3 ނޯޓިކަލް މޭލުން ކޮޅުވެއްޓިއެއް ބަންޑުންޖަހާލައި އަޑިއަށްގޮސް އެ އުޅަނދުގެ ބައެއްތަކެތި އޮޔާދާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ. އަދި މިތަކެތި އޮޔާދާނެ ކަމަށް ލަފާކުރެވެނީ ތުޅާގިރީގެ އިރުމައްޗަށް ވާގޮތަށްކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެހެންކަމުން، އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށާއި އަދި ޚާއްސަކޮށް ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން، ދަތުރުކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ.

މި ހާދިސާ ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު ލިބިފައިވަނީ ރޭ މެންދަމު 03:08 ހާއިރުކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އަދި ހާދިސާގެ ރިޕޯޓް ލިބުމާއިއެކު، މާލެ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ޑައިވަރުންނާ އެކު އެސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މިގޮތުން ކުރެވުނު މަސައްކަތުން ކޮޅުވެއްޓިން ދަތުރުކުރި 7 މީހުންގެ ތެރެއިން 4 މީހުން ރޭގެ ވަގުތެއްގައި ސަލާމަތްކޮށްފައިވާކަމަށާއި، ގެއްލިފައިވާ ތިން މީހުންގެތެރެއިން އެކަކުގެ ހަށިގަނޑު ކަނޑުގެ އަޑިން، މިއަދު ހެނދުނު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ނަގާފައިވާކަމަށް ވިދާޅުވިއެވެ. އަދި އަޑިއަށް ގޮސްފައިވާ ކޮޅުވެއްޓީގައިތިބި އަނެއް ދެ މީހުން ހޯދުމުގެ މަސައްކަތް ވަޔާއި، ކަނޑުގެ މަގުން އަދި ޑައިވަރުން ބޭނުންކޮށްގެން ހުއްޓުމެއްނެތި ކުރަމުންދާކަމަށްވެސް ވިދާޅުވިއެވެ.

މި ހާދިސާ ހިނގާފައިވަނީ އެ ކޮޅުވެއްޓި، މާލެއިން ފުރައިގެން ކ. އެރިޔަދޫ ރިސޯޓަށް މުދާ ހިފައިގެން ދަތުރުކުރަމުން ދަނިކޮށް، ކ.ތުޅާގިރި ކައިރިއަށް ރޭ ބަންޑުން ޖަހާލުމާ ގުޅިގެންނެވެ.