ޚަބަރު

"ދަނޑުވެރިކަން ޖީލުތަކަށް ފޯރުކޮށްދިނުމަށް ޒުވާނުންގެ ދައުރު ފުޅާކުރަންޖެހޭ"


  • ކާނާގެ ޔަޤީންކަން ކަށަވަރުކުރުމަށް ދަނޑުވެރިކަން މުހިއްމު

  • ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިންގެ ތަކެތި ވިއްކޭނެ އިންތިޒާމެއް ޤާއިމުކުރާނެ

ދަނޑުވެރިކަން ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް އެ ސިނާއަތުގައި ޒުވާނުންގެ ދައުރު ފުޅާކުރަން ޖެހޭކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޤައުމީ ދަނޑުވެރިންގެ ދުވަހާއި ގުޅިގެން ދެއްވި ހާއްސަ ހިތާބުގައެވެ.

އެންމެ ފުރަތަމަ ރާއްޖޭގައި ޤައުމީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރަން ފަށާފައިވަނީ 2009 ވަނައަހަރުއެވެ. އޭގެ ފަހުން ކޮންމެ އަހަރަކު ޤައުމީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރަމުން އަންނައިރު މިއަހަރު ފާހަގަމިކުރަނީ 16 ވަނަ ޤައުމީ ދަނޑުވެރިންގެ ދުވަހައެވެ. މިއަހަރުގެ ޤައުމީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ޝިއާރަކީ "ރަނގަޅު ކާނާ އާއި ފަހި ކުރިމަގަކަށް އެންމެން އަތުގުޅާލަމާ" އެވެ.

ދަނޑުވެރިކަމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ ދިވެހިރާއްޖޭގެ އިޤްތިސާދު މައިގަނޑު ބިނާވެފައިވަނީ ކަނޑުގެ މުއްސަނދި ވަސީލަތްތަކަށްކަމަށެވެ. ނަމަވެސް، ދިވެހިރާއްޖޭގެ މުސްތަޤުބަލަށް ވިސްނާއިރު، ދަނޑުވެރިކަމުގެ ސިނާއަތަކީވެސް އިޤްތިސާދަށް މުހިންމު ސިނާއަތެއްކަމަށާއި ޚާއްޞަކޮށް، ކާނާގެ ޔަގީންކަން ކަށަވަރުކުރުމާއި، އިޤްތިޞާދީ ގޮތުން ދެމެހެއްޓެނިވި ތަރައްޤީ ޙާޞިލުކުރުމުގައި ދަނޑުވެރިކަމުގެ ދައުރު ވަރަށް މުހިންމުކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު މާރިޔާ ވިދާޅުވީ މި ސަބަބުތަކަށްޓަކައި، ދަނޑުވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްޤީކޮށް، ކުރިއެރުވުމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށެވެ.

ދަނޑުވެރިކަން ކުރުމުގައި ދިވެހިރާއްޖޭގެ ބިން ކުޑަވުމާއި، ބިމުގެ ފެންފަށަލަތަށް ލޮނުވުންފަދަ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ދަނޑުވެރިން ދަނީ މިކަންކަމާ ކުރިމަތިލައި، އީޖާދީ ހައްލުތައް ހޯދަމުންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ދަނޑުވެރިކަމުގެ ސިނާއަތުގައި ޒުވާނުންގެ ދައުރުފުޅާކޮށް އެއްޖީލުން އަނެއްޖީލަށް ކާނާގެ ޔަގީންކަން ޤާއިމްކުރުމަކީ މުހިންމުކަކެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިހާރު ދަނޑުވެރިކަމުގެ ސިނާއަތުގައި ހޯދަމުންދާ ކުރިއެރުންތަކަށް ބަލާލާއިރު، ހައިޑްރޮޕޮނިކްސް، ވަރޓިކަލްފާމިންގް އަދި އެއިރޮޕޮނިކްސް ފަދަ ގޮތްތައް ބޭނުންކުރުމުގެ އިތުރުން، ތިމާވެއްޓާއި ރައްޓެހި ދަނޑުވެރިކަމަށް އަޅުގަނޑުމެން މިދަނީ އަމާޒުހިފަމުން. ހަމަމިއާއެކު މިސިނާޢަތުގައި ޒުވާނުންގެ ދައުރު މިހާރަށްވުރެ އިތުރުކުރުން މިއީ ދަނޑުވެރިކަން އަންނަންއޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ކާނާގެ ޔަޤީކަން ގާއިމްކުރުމަށް މުޙިއްމު ކަމެއް. މިގޮތުން، ސްކޫލްތަކުގައި ދަރިވަރުންނަށް ދަނޑުވެރިކަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކަކީ ވެސް މިފަދަ ކުރިއެރުމެއް" ވަޒީރު މާރިޔާ ވިދާޅުވިއެވެ.

ވަޒީރު ޑރ. މާރިޔާ ވިދާޅުވީ ދަނޑުވެރިކަން ތަރައްގީކުރުމަށާއި ސިންދަފާތު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށާއި މިގޮތުން ދަނޑުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ތަހުލީލުތައް ކުރުމަށް ދަނޑުވެރިކަމުގެ ލެބޯޓަރީއެއް ގާއިމްކުރުމުގެ މަސައްކަތާއި ކާނާގެ ޔަގީންކަން ކަށަވަރުކުރުމަށްޓަކައި ރާއްޖޭގެ އުތުރުން ފެށިގެން ކޮންމެ އަހަރަކު އަތޮޅަކަށް، އެއަތޮޅެއްގެ ގޭބިސީތަކަކަށް ގަސް ބަހަމުން އަންނަކަމަށް ވިދާޅުވިއެވެ.

"މި ދުވަހުގެ ބޭނުމަކީ، އަޅުގަނޑުމެން ހުރިހާ އެންމެން އެއް އަމާޒަކަށް މަސައްކަތް ކުރުމަށް އަޒުމްކަނޑައަޅާ ގުޅިގެން މަސައްކަތް ކުރުން ކަމުގައި ދެކެން. ދަނޑުވެރިޔާއިން ފެށިގެން، ރިސޯޓުތަކާއި ވިޔަފާރިވެރިން އަދި ދިވެހި ކޮންމެ ރައްޔިތަކީވެސް ދިވެހި ދަނޑުވެރިކަމަށް އެހީތެރިވެވޭނެ ފަރާތެއް ކަމުގައި ދެކެން." ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން ދަނޑުވެރި ރަށްރަށުގައި އެރަށެއްގެ ދަނޑުވެރިން މިވަގުތައް އެންމެ ބޭނުންވާ ކަންކަން ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާ ޚާއްސަ އިސްކަމެއްގެ ތެރެއިން ޕްރޮޖެކްޓުތައް ފެށުމަށް ތައްޔާރުވަމުންދާކަމަށައި ދަނޑުވެރިން އުފައްދާތެކެއްޗަށް މާރކެޓް ހޯދުމުގެ ގޮންޖެހުމާއި އަދި މާކެޓަށް ތަކެތި ފޯރިކޮށްދިނުމުގައި ހުރި ގޮންޖެހުން ތަކުން އަރައިގަތުމަށް އެމްޓީސީސީ އަދި އެގްރޯ ނެޝަނަލް ކޯޕަރޭޝަން އާއި އެކު މަސައްކަތްތަކެއް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކައިރި މުސްތަޤުބަލެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިންގެ ތަކެތި ވިއްކޭނޭ އިންތިޒާމް ޤާއިމްވެގެންދާނެކަމަށް ދަނޑުވެރިކަމާއި ބެހޭ ވަޒިރު ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ކާނާގެ ޔަގީންކަމަށް ދެވޭ އެއްބާރުލުމެއްގެ ގޮތުން ބިމެއް ކަނޑައަޅައި މި ގައުމީ މަސައްކަތަށް މި ވުޒާރާއާއި ގުޅިގެން މަސައްކަތް ކުރުމަށް އަޅުގަނޑު އިލްތިމާސްކުރަން. ކޮންމެ ރަށެއްގައިވެސް އެރަށެއްގެ ރައްޔިތުންގެ ކާނާގެ ރައްކާތެރިކަމަށް މިފަދަ މަސައްކަތެއްކޮށްގެން މެނުވީ މުޅި ގައުމުގެ ކާނާގެ ރައްކާތެރިކަން ހާސިލް ކުރުމީ ގޮންޖެހުންތައް ހުންނާނެ ކަމެއް" ވަޒީރު މާރިޔާ ވިދާޅުވިއެވެ.

ދަނޑުވެރިކަމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވީ އުންމީދަކީ، ދިވެހިރާއްޖެއަކީ ދަނޑުވެރިކަމުގެ އީޖާދީ އުފެއްދުންތެރިކަމުގެ ރީތި ނަމޫނާއަކަށް ވުންކަމަށާއި ބޭރުގެ އުފެއްދުންތަކަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ކާނާގެ ޔަގީންކަން ކަށަވަރުކުރުމަކީ މުސްތަގުބަލަށްޓަކައި ކުރާ ވަރަށް މުހިންމު ކަމެއްކަމަށެވެ.