ޚަބަރު

ރާއްޖެއާއި ތަޖިކިސްތާން ކުޅުނު މެޗު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޝަރަފުވެރިކޮށްދެއްވައިފި


  • ގަލޮޅު ދަނޑުން ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް މަރުޚަބާ ދެންނެވީ އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤް

  • ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދިވެހި ޤައުމީ ފުޓްބޯޅަ ޓީމާއި ސަލާންކުރައްވައި، ޓީމުގެ ކުޅުންތެރިންނަށް ހިތްވަރުދެއްވާފަ

އަންގާރަ ދުވަހުގެ ހަވީރު އޭއެފްސީ އޭޝިއަންކަޕް ކޮލިފިކޭޝަންގައި ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމާއި ތަޖިކިސްތާނުގެ ޤައުމީ ފުޓްބޯޅަ ޓީމު މިއަދު ހަވީރު ބައްދަލުކުރި މެޗު ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ގަލޮޅު ރަސްމީ ދަނޑަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުޚަބާ ދެންނެވީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އަޙްމަދު ޠާރިޤެވެ.

އޭއެފްސީ އޭޝިއަންކަޕް ކޮލިފިކޭޝަންގައި ދިވެހިރާއްޖޭގެއާއި ތަޖިކިސްތާނު ބައްދަލުކުރި މި މެޗު ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ތަޖިކިސްތާނު ޓީމުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުން މޮޅުވެ، 10 ޕޮއިންޓާއެކު އެ ޓީމު ވަނީ ކޮލިފައިން ގްރޫޕްގެ އެއްވަނައިގައެވެ. މި މެޗުގައި ދިވެހި ކުޅުންތެރިންވަނީ ތަޖަކިސްތާނާ ދެކޮޅަށް ރަނގަޅު ހަމަލާތަކެއް އުފައްދާފައެވެ. އެހެންނަމަވެސް ތަޖަކިސްތާނުން ކުޅުނީ ރާއްޖޭގެ ޑިފެންސަށް އަދި އެޓޭކަށް ވަރަށް ހުޝިޔާރުވެގެންނެވެ. ރާއްޖެއިން ވަނީ ލަނޑު ޖަހާނެ ފުރުސަތުތައްވެސް މި މެޗުގައި ހޯދާފައެވެ. އެހެންނަމަވެސް އެއްވެސް ބޯޅައެއް ގޯލަށް އަމާޒުނުވެ ދިޔައީ ބޭރަށެވެ.

މި މެޗު ބައްލަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދިވެހި ޤައުމީ ފުޓްބޯޅަ ޓީމާއި ސަލާންކުރައްވައި، ޓީމުގެ ކުޅުންތެރިންނަށް ހިތްވަރުދެއްވާފައެވެ. މި މެޗު ބެލުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުންވެސް ދަނޑަށް ދިޔައެވެ. މިއީ ދެ އަހަރު ދުވަހަށްފަހު ޤައުމީ ޓީމުން ގަލޮޅު ދަނޑުގައި ކުޅުނު ފުރަތަމަ މެޗެވެ.

ރާއްޖެއާއި ތަޖިކީސްތާނު ބައްދަލުކުރި ދެ މެޗުގައި ތަޖަކިސްތާނަށް ބައެއް ގޯލުތައް ކާމިޔާބުކުރެވުނީ ރާއްޖޭޣެ ކުޅުންތެރިންނަށް ހެދުނު ގޯސްތަކުންކަމަށް ރާއްޖެއިން ގަބޫލުކުރެއެވެ. އަދި ކުރިޔަށް ހުރި މެޗުތަކުގައި އެ ކަންކަން ރަނގަޅުކޮށް އަނެއްކާވެސް ގައުމީ ޓީމުގެ ފެންވަރު ރަނގަޅުކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.