ޚަބަރު

ޔަހޫދީން ޣައްޒާގައި ހިންގާ ގޭންގުތައް ހުއްޓުވުމުގެ މަސައްކަތް ޙަމާސުން ފަށައިފި


ޔަހޫދީންގެ ނިރުބަވެރި ދައުލަތުން، ފަލަސްޠީނުގެ ޣައްޒާގައި ހިންގާ ގޭންގުތައް ހުއްޓުވުމުގެ މަސައްކަތް، ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ފަށައިފިއެވެ.

ޣައްޒާގައި ޢަމަލުކުރަން ފަށާފައިވާ ސުލްޙައިގެ އެއްބަސްވުން ކުއްލި ގޮތަކަށް ރޫޅިދާނެކަމުގެ ބިރު އަދިވެސް އޮތް އިރު، ޙަމާސްގެ ހަތިޔާރު އެޅި މުޖާހިދުން ދަނީ ޣައްޒާގެ އެކި ހިސާބުތަކުގައި ސަލާމަތީ ކަންކަން ބަލަހައްޓަމުންނެވެ.

މިގޮތުން، ޣައްޒާގެ ސަލާމަތަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ޔަހޫދީން ހިންގާ ގޭންގުތަކުގެ ހަތިޔާރު އެޅި މީހުންނެވެ. އެ ގޭންގުތަކަށް ޔަހޫދީން ހަތިޔާރު ފޯރުކޮށްދޭކަމަށް، ޔަހޫދީންގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ފާޅުގައި އެއްބަސްވެފައެވެ.

ސުލްޙައިގެ އެއްބަސްވުމަށް ޢަމަލުކުރަން ފެށިފަހުން، އެފަދަ ގޭންގުތަކަށް ނިސްބަތްވާ 33 މީހުން ޙަމާސުން މަރާލާފައިވާކަމަށް، ބައެއް މަސްދަރުތަކާ ޙަވާލާދީ ރޮއިޓަރސް ނޫހުން ބުންޏެވެ.

ޣައްޒާ ޢުދުވާން ނިމުމަކަށް ގެނައުމަށް ޙަމާސާއި ޔަހޫދީންނާ ދެމެދު އެއްބަސްވުމެއް އެކުލަވައިލާފައި ވަނީ އޮކްޓޫބަރު 9ވަނަ ދުވަހުއެވެ. އެއީ، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ރޭވުމަކާ ގުޅޭ ގޮތުން ކުރި މަޝްވަރާތަކަކަށް ފަހުއެވެ. އެމެރިކާއާ ގުޅިގެން އެ މަޝްވަރާތައް ވިލަރެސް ކޮށްފައި ވަނީ ޤަޠަރާއި މިޞްރުންނެވެ. ސުލްޙައިގެ އެއްބަސްވުމުގެ ފުރަހަމަ މަރުޙަލާއަށް މިހާރު ވަނީ އަމަލު ކުރަން ފަށާފައެވެ.

ޓްރަމްޕް ރާއްވަވާފައި އޮތީ، ޣައްޒާގެ އިދާރީ ހިންގުން ވަގުތީ ގޮތުން 'ޞުލްޙައިގެ ބޯޑު'ގެ ނަން ދީފައިވާ ބޯޑަކާ ޙަވާލު ކުރުމަށެވެ. އަދި، އެ ބޯޑުގެ ދަށުން ފަލަސްޠީނުގެ ރައްޔިތުންގެ މައްޗަށް އެކުލެވިގެންވާ ފަންނީ މުޝީރުންގެ ކޮމިޝަނެއް އެކުލަވައިލެއްވުމަށެވެ. ޓްރަމްޕް ވިދާޅުވީ ޞުލްޙައިގެ ބޯޑުގެ ޗެއަރމަން ކަމުގެ މަޤާމު ފުރުއްވާނީ ޚުދު އޭނާ ކަމުގައެވެ. އަދި، އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެޔަރ ވެސް އެ ބޯޑުގައި އިސް ދައުރެއް އަދާކުރައްވާނެ ކަމުގައެވެ.

ޣައްޒާގެ ހިންގުމުގައި ޙަމާސްގެ އެއްވެސް ދައުރެއް އޮންނާކަށް ޓްރަމްޕް ބޭނުންފުޅެއް ނުވެއެވެ. އަދި ޣައްޒާގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފަލަސްޠީނުގެ ފުލުހުންގެ ޚިދުމަތެއް، ބައިނަލްއަޤުވާމީ ފަރާތްތަކުގެ އެހީތެރިކަމާ ޤާއިމުކޮށް، ފުލުހުން ތަމްރީން ކުރުމަކީ ވެސް ޓްރަމްޕް ވިސްނުފުޅުގައި އޮތް ކަމެކެވެ.

ނަމަވެސް، ޣައްޒާގެ ސަލާމަތީ ކަންކަން ވަގުތީ ބެލެހެއްޓުމަށް ޙަމާސާއެކު އެއްބަސްވެވިފައިވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ޔަހޫދީންނާއި ޙަމާސާ ދެމެދު އަމަލު ކުރަމުންދާ ސުލްޙައިގެ އެއްބަސްވުމުގެ ދަށުން، ޔަހޫދީންގެ ޖަލުތަކުގައި ލާއިންސާނީ އަނިޔާތައް ދެމުންދާ ފަލަސްޠީނުގެ ގިނަ އަދަދެއްގެ ރައްޔިތުން މިނިވަން ކުރަން ޖެހޭނެއެވެ. މި ގޮތުން، 2023 އޮކްޓޫބަރަށް ފަހު ހައްޔަރު ކޮށްފައިވާ 1,700 މީހުންނާއި، އުމުރު ދުވަހުގެ ޖަލު ޙުކުމް ތަންފީޒު ކުރަމުންދާ އިތުރު 250 ގައިދީން މިނިވަން ކުރުމަށް ވެސް ޔަހޫދީން އޮތީ އެއްބަސްވެފައެވެ.

އޭގެ ބަދަލުގައި، ޙަމާސްގެ ބެލުމުގައި ދަށުގައި ތިބި އަސީރުން މިނިވަންކުރަން ހަމަޖެހިފައިވާއިރު، އެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ.
2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ފެށި ޤަތުލުޢާންމު ހުއްޓުމަކަށް ގެނެސްފައި މި ވަނީ، 67,000އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލި ފަހުންނެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންގެ އިތުރުން އުމުރުން ދުވަސްވީ މީހުންނެވެ.