ށ.ފޭދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމާއި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. މި ދެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައިި ސޮއިކުރައްވާފައިވަނީ ރައީސުލްޖުމްހޫރުިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ށ. އަތޮޅަށް މިހާރު ފަށްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި އެއްބަސްވުމުގައި އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެވުޒާރާގެ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ.
މި މަސައްކަތުގެދަށުން ފޭދޫގެ ގިރާ ސަރަޙައްދު އިއާދަކޮށް، ބޮޑުހިލައިގެ ރިވެޓްމަންޓް ޖަހާނެއެވެ. އަދި މަގުތައް ތަރައްޤީކުރުމުގެ މަސައްކަތުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް އެރަށުގެ މަގުތައް ތަރައްޤީކުރާނެއެވެ.
ފޭދޫގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރީ 116.9މިލިޔަން ރުފިޔާއަށް، 1 އަހަރާ 7 މަސް ދުވަހުން މަސައްކަތް ނިންމާގޮތަށެވެ.ފޭދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 25.1 މިލިޔަން ރުފިޔާއަށެވެ.
މި މަސައްކަތުގެދަށުން 320 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 340 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މި މަސައްކަތް ނިންމުމަށް ހަވާލުކޮށްފަވަނީ 5 މަސް ދުވަހުންނެވެ.
މި ދެ މަޝްރޫޢުއަކީވެސް ރަށުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ކުރިއެރުމަށް މުހިންމު މަޝްރޫޢުތަކެކެވެ.