މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގް ކޮމިޝަންގެ މެންބަރުކަމަށް މީޑިއާތައް ތަމްސީލް ކުރާ މެންބަރުން ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން އެކުލެވިގެންވަނީ ޖުމްލަ 7 މެންބަރުންގެ މައްޗަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 މެންބަރުންނާއި މީޑިއާތަކުން އިންތިޚާބުކުރާ 4 މެންބަރުންނެވެ. ރައީސުލްޖުމްހޫރިއްޔާ މިއަދު މަޤާމަށް ހަމަޖެއްސެވީ އެ ކޮމިޝަނުގައި ބްރޯޑްކާސްޓަރުންނާއި އެހެނިގެން މީޑިއާތައް ތަމްސީލުކުރާ މެމްބަރުންނެވެ.
ބްރޯޑްކާސްޓަރުން ތަމްސީލުކުރާ 2 މެންބަރުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވީ ށ.ފޭދޫ މޫނިމާގެ، ޢަބްދުލްޢަޒީޒް އިބްރާހީމާއި ގދ.ތިނަދޫ، މަލަ، ޒަމްޢަތު އަޙްމަދު ވަޙީދެވެ. އަދި އެހެން މީޑިއާތައް ތަމްސީލުކުރާ 2 މެންބަރުންގެ ގޮތުގައި ހަމަޖެއްސެވީ ގދ. ރަތަފަންދޫ، ވެލީގެ، ސިމާޙާ ނަސީމާއި ހދ. ވައިކަރަދޫ، ހިސާން، ޙުސައިން ޘަޤީފެވެ.
މީޑިއާ ކޮމިޝަންގެ މެންބަރުކަމަށް މީޑީއާތައް ތަމްސީލް ކުރާ ފަރާތްތަކުގެ ގޮތުގައި މި 4 ބޭފުޅުން ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާއިރު މި ފަރާތްތަކަކީ މީޑީއާތަކުގެ މެދުގައި ބާއްވާ އިންތިޚާބަކުން ހޮވުމަށް ހަމަޖެހިފައިވާ ފަރާތްތަކަކެވެ. މި ފަރާތްތައް މީޑިއާ ކޮމިޝަނަށް އިންތިހަބަކާ ނުލައި ހޮވުނީ މިމަހުގެ 11 ވަނަ ދުވަހު ބާއްވަން އިލެކްޝަން ކޮމިޝަނުން ނިންމި އިންތިޚާބަށް އިތުރު ފަރާތަކުން ކުރިމަތިލާފައި ނުވުމުންނެވެ.
މިޑިއާތައް ރެގިއުލޭޓް ކުރުމަށް ޢަމަލުކުރަން ފެށި ޤާނޫނާއިއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގް ކޮމިޝަން ވަނީ އުފެދިގެން ގޮސްފައެވެ. އައު ޤާނޫނާއެކު މިހާރު އުވިފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލާއި، މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަންގެ މަސްއޫލިއްޔަތުތައް ދެން އަދާކުރާނީ މި އައު މީޑިއާ ކޮމިޝަނުންނެވެ.
މީގެ އިތުރުން، ނޫސް މަޖައްލާއާ ގުޅޭގޮތުން ކަމާބެހޭ ވުޒާރާގައި ދަފުތަރުކުރެވިފައިވާ ލިޔެކިޔުންތަކާއި އަރުޝީފު އެ ކޮމިޝަނަށް ބަދަލުވާނެއެވެ. އަދި އަލަށް މީޑިއާއާއި ބްރޯޑްކާސްޓަރުން ރަޖިސްޓްރީކުރަން ހުށައަޅަންޖެހޭނީވެސް ކަމާ ބެހޭ ވުޒާރާގެ ބަދަލުގައި އެ ކޮމިޝަނަށެވެ.