ޚަބަރު

ހޯމް އެޑްވާންޓޭޖެކޭ އެއްވަރަށް ހޯމް ޕްރެޝަރވެސް އެބައޮތް: މޯހަން


  • ސަޕޯޓަރުންގެ އަޑަކީ ޓީމަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެއްކަމަށް މޯހަން ފާހަގަކުރި

  • ގައުމީ ޓީމަށް ސަޕޯޓުކޮށްދިނުމަށް ވީހާވެސް ގިނަ ބަޔަކު ގަލޮޅު ދަނޑަށް ދިއުމަކީ ޓީމުގެ ވަރަށް ބޮޑު އެދުމެއް

  • މެޗުގެ ޓިކެޓް ގަލޮޅު ދަނޑުން މިހާރުވެސް ދަނީ ވިކެމުން

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި މާދަމާ ތަޖަކިސްތާނާއި ދެކޮޅަށް ނުކުންނައިރު އަމިއްލަ ގައުމުގައި ކުޅެން ލިބުމުން ލިބޭ ފައިދާތަކާއި އެއްވަރަށް ޕްރެޝަރުވެސް އެބައޮތްކަމަށް ގައުމީ ޓީމުގެ ކޯޗު މުހަންމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން މޯހަން ބުނީ އަމިއްލަ ދަނޑުގައި ގައުމުގެ ސަޕޯޓަރުންގެ ކުރިމަތީގައި ވާދަކުރަން ލިބުމަކީ ފައިދާތަކާއި އެއްވަރަށް އޭގައި ޕްރެޝަރުވެސް އެކުލެވިގެންވާކަމެއްކަމަށެވެ. މޯހަން ބުނީ މި ދެ ހާލަތަކީވެސް ގައުމުގައި ކުޅޭއިރު ކުޅުންތެރިން ކުރިމަތިލާން ޖެހޭ ދެ ހާލަތްކަމަށެވެ.

"ހޯމް މެޗެއް ކުޅޭއިރު އެއްބަޔަކު ހިތަށް އަރާފާނެ ހޯމް ޕްރެޝަރެއް ނީންނާނެއޭ. ނޫން އެއީ އެހެން އޮންނަ ކަމެއް ނޫން. ހޯމް ޕްރެޝަރއަކީވެސް އޮންނަ އެއްޗެއް. ވަރަށް ބޮޑު އެއްޗެއް. ހޯމް އެޑްވާންޓޭޖްއަކީވެސް އޮންނަ އެއްޗެއް އިނގޭތޯ! އެ ދެ ކަންވެސް އެއީ އޮންނަކަމެއް. އެހެންވީމަ އޭގެ އެޑްވާންޓޭޖްވެސް އޮންނާނެ" މޯހަން ބުންޏެވެ.

ތަޖިކިސްތާނާ ދެކޮޅަށް ރާއްޖޭން ކުޅޭ މެޗަކީ، 733 ދުވަހަށްފަހު ގަލޮޅު ދަނޑުގައި ގައުމީ ޓީމުން ކުޅޭނެ ފުރަތަމަ މެޗެވެ. ގައުމީ ފުޓްބޯޅަ ޓީމުން ގަލޮޅު ދަނޑުގައި އެންމެ ފަހުން މެޗެއް ކުޅެފައިވަނީ، 12 އޮކްޓޫބަރު 2023 ގައި، ވޯލްޑް ކަޕް ކޮލިފައިން ޕްރިލިމިނަރީ ބުރުގައި، ބަންގްލަދޭޝާއި ވާދަކޮށް 1-1 އިން އެއްވަރުވި މެޗެވެ.

ދިގު މުއްދަތެއްގެ މެދު ކެނޑުމަކަށްފަހު މާދަމާ ގައުމީ ޓީމުން ދަނޑަށް ނުކުންނައިރު ކުޅުންތެރިންނަށް އޮތް އިތުބާރާއި ކޮންފިޑެންސަށް ކޮންމެވެސް ވަރަކަށް އަސަރުކުރާނެކަމަށް މޯހަން ފާހަގަކުރިއެވެ. އެހެންކަމުން ކުޅުންތެރިންނަށް މެޗުގެ ޕްރެޝަރު ކުޑަކޮށްދީ ސަޕޯޓަރުންގެ ފުރިހަމަ އިތުބާރާއި ޔަގީންކަން ބޭނުންވާކަމަށް އޭނާ ބުންޏެވެ. އެހެންކަމުން ކުޅުންތެރިންގެ ހިތްވަރު އާލާ ކޮށްދިނުމަށް ސަޕޯޓަރުން ދަނޑަށް ވަދެ ރާއްޖޭގެ ގައުމީ ޓީމާއި އެކު ތިބެދިނުމަށް މޯހަން އެދިފައިވެއެވެ.

"ޕްރެޝަރއަކަށް މިވާ ސަބަބަކީ ގަލޮޅު ދަނޑުގައި މިހާ ދުވަސް ނުކުޅެ ގޮއްސަ އަންނައިރުގަ މިއިންނަ ކޮންފިޑެންސްއަކާއި މި އެއްޗިއްސަކީ އެއީ ޕްރެޝަރއަކަށްވެގެންދާނެ ކަމަކީ. އެއީ ކުޅުންތެރިންނަށް އިތުބާރު ލިބުމާއި ކަންކަން. އެހެންވީމަ އެ ޕްރެޝަރ އިންނާނެ ކޮންމެ ގޮތެއްވިޔަސް، އެހެންނަމަވެސް އަޅުގަނޑުމެންގެ ސަޕޯޓަރުންގެ ފަރާތުން އެލިބޭ ސަޕޯޓަކީ އެއީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްވަރަކަށްވެގެންދާނެ. އެއާއިއެކީގަ އޭގެ އެޑްވާންޓޭޖްވެސް އެބައިން" މޯހަން ބުންޏެވެ.

މާދަމާގެ މެޗަށް ގައުމީ ޓީމު ނުކުންނައިރު ޓީމު އޮތީ ފޯމަކަށް އެޅިފަކަމަށާއި ކުޅުންތެރިން ނަފްސާނީގޮތުން ތައްޔާރުވެ ތިބުމަށް އެހީތެރިވަމުން އަންނަކަމަށް މޯހަން ފާހަގަކުރިއެވެ. އަދި މެޗަށް ނުކުތުމަށްފަހު ކުޅުމަށް އިތުރު ބަދަލެއް ގެންނަން ޖެހޭނަމަ އެކަންކުރާނެކަމަށް މޯހަން ބުނެފަވެއެވެ.

"ދެން އަޅުގަނޑު މިބަލަނީ ވީހާވެސް ބޮޑަށް ކުޅުންތެރިން މެންޓަލީ ތައްޔާރުކުރެވޭތޯ. އިރާދަކުރެއްވިއްޔާ ވަރަށް ރަނގަޅަށޭ އެތިބީ ދަންނަވާނީ. މެޗު ފެށީމަ އިންގޭނީ ކިހިނެތްތޯ މެޗު ހެންޑްލް ކުރުމާއި ކަންތައްތައް ހުރީ" މޯހަން ބުންޏެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި މާދަމާ ރާއްޖެއާއި ތަޖަކިސްތާނު ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 15:30 ގައެވެ. މިމެޗުގެ ޓިކެޓު މިހާރުވެސް ގަލޮޅު ދަނޑުން އަންނަނީ ވިއްކަމުންނެވެ. އެގޮތުން މެންދުރުފަހު 2:00 އިން 6:00 އަދި ރޭގަނޑު 8:00 އިން 10:00 އަށް ޓިކެޓް ކައުންޓަރުން ޓިކެޓް ލިބެން ހުންނާނެއެވެ. އަދި މާދަމާވެސް ހެނދުނު 10:00 ޖެހުމާއެކު ޓިކެޓް ވިއްކަންފަށާނެއެވެ. ސިޑިބަރީގެ ޓިކެޓް 50 ރުފިޔާއަށް ވިއްކާއިރު، ގޮނޑިބަރީގެ ޓިކެޓުގެ އަގަކީ 100 ރުފިޔާއެވެ.