ޚަބަރު

ނޫމަރާގެ ތަރައްޤީއަށް ބޭނުންވާ ކަންކަމުގައި ޙަޤީޤީ ކުލަ ޖައްސައިދޭނަން: ރައީސް


  • ހުއްޓިފައި ހުރި މަސައްކަތްތައްވެސް ކުރިއަށްގެންދަވާނެކަމަށް ވިދާޅުވި

  • ބަނދަރު ހެދުމާއި، ފެނާ ނަރުދަމާ އަދި މަގުހެދުމުގެ މަސައްކަތްތައް ކުރިއަށް ގެންދަވާނެކަމަށް

ނޫމަރާއަށް ވައުދުވިކަންކަމާއި ރަށުގެ ތަރައްޤީއަށް ބޭނުންވާ އިތުރު ކަންކަމުގައިވެސް ޙަޤީޤީ ކުލަ ޖައްސަވައިދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ނޫމަރާގައި މިހާރު ފަށާފައިވާ މަސައްކަތްތަކަކީ ރަށުގެ ތަރައްޤީއަށް މުހިއްމު މަސައްކަތްތަކެއްކަމަށާއި އެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްގެންދަވާނެކަމަށެވެ. އަދި މިހާރު ހުއްޓިފައި ހުރި މަސައްކަތްތައްވެސް ކުރިއަށްގެންދަވާނެކަމަށާއި އޭގެ ތެރެެއިން ބަނދަރު ހެދުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނީ ރައްޔިތުން ބޭނުންވާ ގޮތަށް ދޯނި އެހެލާނެ ސަރަޙައްދަކާއި މޫދައް އެރޭނެ ސަރަޙައްދަކާއެކުކަމަށެވެ. މީގެ އިތުރުން ނޫމަރާގައި ހުއްޓިފައިވާ ފެނާ ނަރުދަމާގެ މަސައްކަތްވެސް އެމްޑަބްލިއުއެސްސީއަށް ހަވާލުކޮށްފައިވާކަމަށާއި އެ މަސައްކަތްވެސް ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ.

ހުއްޓިފައި ހުރި މަސައްކަތްތަކުގެ އިތުރަށް އަލަށް ފަށަން ހުރި މަސައްކަތްތަކަށްވެސް އިސްކަން ދެއްވާނެކަން ރައީސް ފާހަގަކޔރެއްވިއެވެ. އެގޮތުން ކުޅިވަރުގެ ދާއިރާއާއި ތަޢުލީމީ ދާއިރާއިންވެސް މުހިއްމު މަސައްކަތްތަކެއް ކުރިއަށް ގެންދިޔުމަށް އަންނައަހަރުގެ ބަޖެޓުގައި ހިމާނާނެކަމަށް ރައީސް ވިދާޅުވިއެވެ.

"ކުޅިވަރުގެ ދާއިރާއާއިން އިތުރު މަަޝްރޫޢުތައް ކުރިއަށްގެންދާނަން. މިއަންނަ އަހަރުގެ ބަޖެޓުގައި ޒަމާނީ ފެންވަރުގެ އައު ފޫޓްބޯޅާ ދަނޑަކާއި ވޮލީކޯޓެއް ހިމަނައިދޭނަން. ސްކޫލްއަށް މަލްޓިޕާޕަސް ހޯލްވެސް ބަޖެޓްގައި ހިމަނާނެ." ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ނޫމަރާގައިވެސް މަގުހެދުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދާނެކަމަށާއި އޭގެ ތެރެއިން ފުރަތަމަ އިސްކަންދެއްވާނީ މައި މަގުތައް ތަރައްޤީ ކުރުމަށްކަމަށެވެ.

ސިއްޙީ ދާއިރާއަކީ މުހިއްމު ދާއިރާއެއްކަން ފާހަގަކޔރައްވާ ރައީސް ވިދާޅުވީ ސިއްޙީ ދާއިރާއިން މީހުން ބިނާކުރުމަކީ މުހިއްމު ކަމެއްކަމަށެވެ. އެގޮތުން މިއަހަރުވެސް މިދާއިރާއިން ގިނަ މުވައްޒަފުންތަކެއް ނަގާފައިވޗާކަމަށެވެ. އަދި ރަށުގައި ތިބެގެން އާންމުކޮށް ހެދޭ ޓެސްޓްތައް ހެދުމަށް ލެބޯތަރީތައްވެސް ތަރައްޤީކުރާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ނޫމަރާގައިވެސް ލެބޯޓަރީގެ ޚިދުމަތް ހަމަޖައްސަވައިދެއްވާނެކަމަށެވެ.

މީގެ އިތުރުން ރައީސް ވަނީ ނޫމަރާގައި ހުރި އިންޖީނުގެ އެހެން ސަރަޙައްދަކަށް ބަދަލުކޮށްދެއްވާނެކަމަށާއި ރޯދަމަަސް ނިމުމުގެ ކުރިން އެކަން ކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.