ޚަބަރު

ދަރުމަވަންތަ އާއި ތާޖުއްދީނުން ގިނަ ލަނޑުތަކެއް


  • ދަރުމަވަންތަ ސްކޫލް މެޗު ކާމިޔާބުކުރީ 0-13

  • ތާޖުއްދީން ސްކޫލް މޮޅުވީ 0-4

  • މި ނަތީޖާއާއެކު މި ދެޓީމަށްވެސް ވަނީ ދެވަނަ ބުރުގެ އުންމީދު ބޮޑުވެފައި

"ރާއްޖެ ޖޫނިއަރސް" 17 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި މިއަދު ކުޅުނު ދެ މެޗުގުގައިވެސް ގިނަ ގޯލުތަކެއް ފެނިގެންދިޔައެވެ. އެގޮތުން ފުރަތަމަ މެޗުގައި ދަރުމަވަންތަ ސްކޫލުން، ހިންމަފުށީ ސްކޫލް ކޮޅަށް 13 ލަނޑު ޖެހިއިރު، ދެވަނަ މެޗުގައި ތާޖުއްދީން ސްކޫލުން ހުރާ ސްކޫލް ކޮޅަށް ވަނީ 4 ލަނޑު ޖަހާފައެވެ. މި ދެމެޗުވެސް ކުޅުނީ މާލޭ 1 ނަންބަރު ޓަރފްގައެވެ.

ފުރަތަމަ މެޗުގައި، ދަރުމަވަންތަ ސްކޫލުން ވަނީ މެޗުގެ 3 ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. މެޗުގެ 17 ވަނަ މިނެޓާ ހަމައަށް އިތުރު ގޯލެއް ނުނެފުނު ނަމަވެސް ފުރަތަމަ ގޯލު ކާމިޔާބުކުރި ހިސާބުން ދަރުމަވަންތަ ސްކޫލުން ދިޔައީ ހިންމަފުށީ ސްކޫލުގެ ގޯލަށް ހުއްޓުމެއްނެތި ނުރައްކާކުރަމުންނެވެ. އެސްކޫލުގެ 3 ވަނަ ގޯލު ކާމިޔާބުކުރެވުނު ހިސާބުން ފެނިގެންދިޔައީ ފުލުފުލުގައި ގޯލުޖަހަންފެށި ތަނެވެ. އެގޮތުން، ފުރަތަމަ ހާފުގައި އިތުރު 2 ގޯލު ޖަހައި، 0-5 ގެ ލީޑެއް ދަރުމަވަންތަ ސްކޫލުން ނެގިއެވެ.

ދެވަނަ ހާފު ފެށުނު ހިސާބުން މުޅިންކަހަލަ ގޮތަކަށް ބޯޅަ އޮތީ ހިންމަފުށީ ސްކޫލުގެ ހާފުގައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން އެންމެ 2 މިނެޓުތެރޭ ދަރުމަވަންތަ ސްކޫލުގެ 6 ވަނަ ލަނޑު ފެނިގެންދިޔައެވެ. މެޗުގެ 13 ވަނަ ގޯލު ފެނިގެންގޮސްފައި ވަނީ ފުރިހަމަވަގުތު ހަމަވެގެން ދެއްކި އިތުރުވަގުތުގެ ތެރޭގައެވެ.

މިއަދުގެ ދެވަނަ މެޗަށް ބަލާއިރު، ތާޖުއްދީން ސްކޫލުން ވަނީ މެޗު ފެށުމާއެކު ރަނގަޅު ހަމަލާތަކެއް އުފައްދާ، ހުރާ ސްކޫލުގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން، މެޗުގެ ފުރަތަމަ 3 މިނެޓުތެރޭ ތާޖުއްދީނުން ނުރައްކާތެރި ތިން ހަމަލާއެއް އުފައްދާފައި ވެއެވެ.

ނަމަވެސް، މެޗުގެ ފުރަތަމަ ގޯލު ފެނިގެންގޮސްފައި ވަނީ މެޗުގެ 29 ވަނަ މިނެޓުގައެވެ. މިއީ، ހުރާ ސްކޫލުގެ ކީޕަރު ކުރި ފައުލަކާގުޅިގެން ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ގޯލެކެވެ. ތާޖުއްދީނުން ވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ދެވަނަ ގޯލެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. އެޓީމުން ވަނީ ދެވަނަ ހާފު ފެށިގެން 3 ވަނަ މިނެޓުގައި 3 ވަނަ ގޯލު ކާމިޔާބުކޮށްފައެވެ. ތާޖުއްދީންގެ ފަހު ގޯލު ޖަހާފައިވަނީ މެޗުގެ 54 ވަނަ މިނެޓުގައެވެ.

މި ނަތީޖާއާއެކު، ތާޖުއްދީން އަދި ދަރުމަވަންތައަށް މިވަނީ ދެވަނަ ބުރު ގާތްގަނޑަކަށް ޔަގީންވެފައެވެ. ތާޖުއްދީން ސްކޫލް ކުޅުނު ފުރަތަމަ މެޗުގައި ފިންލެންޑް އިންޓަރނޭޝަނަލް ސްކޫލުގެ މައްޗަށް ކުރިހޯދާފައިވަނީ 0-7 ގެ ނަތީޖާއިންނެވެ. އަދި ދަރުމަވަންތަ ސްކޫލު ކުޅުނު ފުރަތަމަ މެޗުގައި ގާޒީ ސްކޫލުގެ މައްޗަށް ކުރިހޯދާފައި ވަނީ 0-3 ގެ ނަތީޖާއިންނެވެ.