ޚަބަރު

ޙަމާސުން އަސީރުން މިނިވަންކުރަން ފަށައިފި، ޓްރަމްޕަށް ބަޠަލެއްގެ ލަޤަބް ޔަހޫދީން ދެނީ


ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ޝަހީދު ކުރުމަށް ޔަހޫދީން ހިންގަމުން ދިޔަ ޤަތުލުޢާންމު ހުއްޓުވައި، އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ބެލުމުގެ ދަށުގައި ތިބި އަސީރުން މިނިވަން ކުރުމާ ގުޅޭ އެއްބަސްވުން ވިލަރެސް ކުރެއްވުމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރައްވާފައިވާ ދައުރު ފާހަގަކޮށް، އޭނާއަށް ހޫނު މަރުޙަބާއެއް ކިޔުމެއް ޒަޔަނިސްޓު ދައުލަތުން ތައްޔާރުވެއްޖެއެވެ. ޙަމާސާއި ޔަހޫދީންނާ ދެމެދު ސުލްޙައިގެ އެއްބަސްވުމަކަށް އަމަލު ކުރަން ފަށާފައި ވަނީ އޮކްޓޫބަރު 9ވަނަ ދުވަހުއެވެ. އެ އެއްބަސްވުން ބިނާ ކޮށްފައި ވަނީ ޓްރަމްޕްގެ ހުށަހެޅުއްވުމެއްގެ މައްޗަށެވެ.

ޒަޔަނިސްޓު ދައުލަތަށް ވަޑައިގެންނެވުމަށް ޓްރަމްޕް ވަނީ ދަތުރު ފަށްޓަވާފައެެވެ. ޔަހޫދީންގެ ޤާނޫނުހަދާ މަޖިލީސް، ކްނެސެޓުން އޭނާއަށް ބަޠަލެއްގެ ޝަރަފު އަރުވައި، ވަރަށް ހޫނު މަރުޙަބާއެއް ކިޔުމަށް ތައްޔާރު ކުރަމުންދާ ކަމުގައި މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ. ޒަޔަނިސްޓު ދައުލަތަށް ކުރައްވާ ދަތުރުފުޅުގައި ޓްރަމްޕް ކްނެސެޓުގައި ތަޤުރީރު ކުރެއްވުމަށް ވެސް އޮތީ ހަމަޖެހިފައެވެ. އޭނާއަކީ ކްނެސެޓުގައި ތަޤުރީރު ކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގެންނެވި އެމެރިކާގެ ހަތަރު ވަނީ ރައީސެވެ.

2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޔަހޫދީން ފެށި ޤަތުލުޢާންމު ހުއްޓުމަކަށް ގެނެސްފައި މި ވަނީ، 67,000އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލި ފަހުންނެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންގެ އިތުރުން އުމުރުން ދުވަސްވީ މީހުންނެވެ. އަދި، ޣައްޒާގެ ރައްޔިތުންގެ ގެދޮރާއި އިމާރާތްތަކުގެ %92 ސުންނާފަތި ކޮށްލާފައިވާއިރު، އެ އިމާރާތްތަކުގެ ދަށުގައި އިތުރު 10,000 މީހެއްގެ ހަށިގަނޑު ތާށިވެފައިވާ ކަމުގައި ޣައްޒާގެ އިދާރާތަކުން ބުންޏެވެ. ޔަހޫދީންގެ ޢުުދުވާނީ ޙަމަލާތަކުގައި އިތުރު 158,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ.

"ހަނގުރާމަ ހުއްޓިއްޖެ. އަޅުގަނޑަށް ހީވަނީ ޢާންމު ހާލަތަކަށް ކަންކަން ބަދަލުވާނެ ހެން،" ޒަޔަނިސްޓު ދައުލަތަށް ފުރާވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ. ޔަހޫދީންގެ ޢުދުވާނީ ޙަމަލާތައް ހުއްޓައިލުމަށް ފަހު، ޣައްޒާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު މަދުމަދުން އެތެރެ ކުރުމުގެ ފުރުޞަތު ދީފައިވާ ކަމުގައި އެކުވެރި ދައުލަތްތައް (އދ)ން ބުންޏެވެ. މި ގޮތުން، މާރިޗު 2ވަނަ ދުވަހަށް ފަހު ޣައްޒާއަށް ފުރަތަމަ ފަހަރަށް ކައްކާ ގޭސް ވައްދަން ފަށާފައިވާ ކަން އދން ހާމަކުރިއެވެ.

އަސީރުން ބަދަލު ކުރުމަށް ޙަމާސާއި ޔަހޫދީން ތައްޔާރު ވަނީ

ޔަހޫދީންގެ ޤަތުލުޢާންމު ހުއްޓުމަކަށް ގެނެސް، ޙަމާސާއި ޔަހޫދީންނާ ދެމެދު އަސީރުން ބަދަލު ކުރުމަށް ތައްޔާރުވަމުން ދިޔުމާ އެކު، ޣައްޒާގެ ރައްޔިތުންނަށް ވަނީ އުންމީދު އައުވެފައެވެ. ނަމަވެސް، ޣައްޒާގެ ކުރިމަގާ މެދު އަދިވެސް ގިނަ ސުވާލުތަކެއް އެބައޮތެވެ. އެ ސުވާލުތަކަށް ޖަވާބު ހޯދުމަށް މިޞްރުގެ ރިސޯޓު ރަށެއް ކަމުގައިވާ ޝަރްމް އަލް-ޝައިޚުގައި އޮކްޓޫބަރު 13ވަނަ ދުވަހު ޚާއްޞަ ސަމިޓެއް ފަށާނެއެވެ. 30 ޤައުމެއްގެ ވެރިން ބައިވެރިވާ އެ ސަމިޓުގެ ރިޔާސަތު ބަލަހައްޓަވާނީ ޓްރަމްޕެވެ.

މިޞްރުގައި ބާއްވާ ސަމިޓުގައި ފަލަސްޠީނުގެ ރަައީސް މަޙްމޫދު ޢައްބާސް ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމުގައި ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، އެ ސަމިޓުގައި ޒަޔަނިސްޓު ދައުލަތުން ބައިވެރިއެއް ނުވާނެއެވެ. ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުން އޮކްޓޫބަރު 13ވަނަ ދުވަހު މިނިވަން ކުރަން ފަށާނެ ކަމަށް ބެލެވޭ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ. ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ އަދަދު 48އަށް އަރާއިރު، އޭގެ ތެރެއިން ދިރިތިބީ 20 ވަރަކަށް މީހުންނެވެ. ބާކީ ތިބި އަަސީރުން މަރުވީ ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކުގައި ކަމުގައި ޙަމާސުން ބުނެއެވެ.

ޔަހޫދީންނާއި ޙަމާސާ ދެމެދު އަމަލު ކުރަމުންދާ ސުލްޙައިގެ އެއްބަސްވުމުގެ ދަށުން، ޔަހޫދީންގެ ޖަލުތަކުގައި ލާއިންސާނީ އަނިޔާތައް ދެމުންދާ ފަލަސްޠީނުގެ ގިނަ އަދަދެއްގެ ރައްޔިތުން މިނިވަން ކުރަން ޖެހޭނެއެވެ. މި ގޮތުން، 2023 އޮކްޓޫބަރަށް ފަހު ހައްޔަރު ކޮށްފައިވާ 1,700 މީހުންނާއި، އުމުރު ދުވަހުގެ ޖަލު ޙުކުމް ތަންފީޒު ކުރަމުންދާ އިތުރު 250 ގައިދީން މިނިވަން ކުރުމަށް ވެސް ޔަހޫދީން އޮތީ އެއްބަސްވެފައެވެ. އޭގެ ތެރޭގައި ޙަމާސްގެ އިސް ކޮމާންޑަރުން ކަމުގައިވާ މަރްވާން އަލް-ބަރްޤޫޘީއާއި އަޙްމަދު ސަޢަދާތު ހިމެނޭނެއެވެ.

ޔަހޫދީންގެ ޤަތުލުޢާންމު ހުއްޓަމަކަށް ގެނެސް، އަސީރުން މިނިވަން ކުރުމަށް ޙަމާސުން އެއްބަސްވުމާ އެކު ޒަޔަނިސްޓު ދައުލަތުގެ ރައްޔިތުން ވެސް ދަނީ އުފާ ފާޅުކުރަމުންނެވެ. އަސީރުންގެ ޢާއިލާތަކުން އިސްނަގައިގެން ތެލް އަވީވުގައި ދާދިފަހުން ބޭއްވި އެއްވުމެއްގައި ޓްރަމްޕްގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ޙަމާސާ އެކު އެއްބަސްވުމެއް އެކުލަވައިލުމުގައި ޓްރަމްޕް އަދާ ކުރައްވާފައިވާ ދައުރު ފާހަގަކޮށް، އެ އެއްވުމުގެ ބައިވެރިން ވަނީ އޭނާއަށް ތާރީފު ކޮށްފައެވެ. ނަމަވެސް، ވިޓްކޮފް ޒަޔަނިސްޓުންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޔަމިން ނަތަންުޔާހޫގެ ނަން ވިދާޅުވުމާ އެކު، އެއްވުމުގެ ބައިވެރިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް، ނުރުހުން ފާޅުކޮށްފައެވެ. ޒަޔަނިސްޓު ދައުލަތުގެ ގިނަ ރައްޔިތުން ޤަބޫލު ކުރާ ގޮތުގައި، އަސީރުން މިނިވަން ކުރުމަށް އެންމެ ބޮޑު ހުރަހެއް ކުރިމަތި ކޮށްފައި ވަނީ ނަތަންޔާހޫއެވެ.