ޚަބަރު

ފަލަސްޠީނުގެ ޙައްޤުގައި އޮސްޓްރޭލިޔާގައި ބޮޑު އެއްވުމެއް، ޔަހޫދީންނާ އެކު ވެފައިވާ އެއްބަސްވުމަށް އިތުބާރެއް ނެތް


ފަލަސްޠީނުގެ ޙައްޤުގައި އޮސްޓްރޭލިޔާގެ ސިޑްނީގެ އިތުރުން ގިނަ ސިޓީތަކުގައި އެތައް ހާސް ބަޔަކު އެއްވެ، އަޑުއުފުލައިފިއެވެ.

އެ އެއްވުންތައް އިންތިޒާމުކުރި، ޕަލަސްޓީނިއަން އެކްޝަން ގުރޫޕުން ބުނީ، މިއަދު ސިޑްނީގައި ބޭއްވި އެއްވުމުގައި 30،000 އެއްހާ މީހުން ބައިވެރިވި ކަމަށެވެ. އަދި މިފަދަ އެއްވުންތައް އޮސްޓްރޭލިޔާގެ 27 ސަރަޙައްދެއްގައި ކުރިއަށްދިޔަ ކަމަށް އެ ޖަމްޢިއްޔާއިން ބުންޏެވެ.

ނަމަވެސް، މި އެއްވުންތަކުގައި ބައިވެރިވި މީހުން ރަސްމީ އަދަދެއް ފުލުހުން ރަސްމީކޮށް ހާމައެއް ނުކުރެއެވެ.

މި ބައިވެރިވުމުގައި ގިނަ ބައިވެރިންވަނީ، ފަލަސްޠީނުގެ ޣައްޒާ ޢުދުވާން ނިމުމަކަށް ގެނައުމަށް ޙަމާސާއި ޔަހޫދީންނާ ދެމެދު އޮކްޓޫބަރު 9ވަނަ ދުވަހު އެކުލަވައިލެވުނު އެއްބަސްވުމަށް ޔަހޫދީން އިޙްތިރާމްކުރާނެކަމުގެ އިތުބާރެއް ނެތް ކަމަށް ބުނެ އަޑުއުފުލައިފައެވެ.

އަދި އެ އެއްބަސްވުން ދެމިއޮތްނަމަވެސް، ޣައްޒާގެ އިތުރުން ހުޅަނގު އައްސޭރީގައި ޔަހޫދީންގެ އިސްތިއުމާރުގެ ދަށުން ފަލަސްޠީނުގެ ރައްޔިތުން މިނިވަންކުރަންޖެހޭކަމަށް ވެސް އެ އެއްވުންތަކުގައި ވަނީ ގޮވާލައިފައެވެ.

ޣައްޒާގެ ޢުދުވާން ޔަހޫދީންގެ ނިރުބަވެރި ފައުޖުން 7 އޮކްޓޫބަރު 2023ގައި ފެށި ފަހުން، އޮސްޓްރޭލިޔާގައި އެކަމާ ދެކޮޅަށް ގިނަ އެއްވުންތައް ބާއްވައި، ފަލަސްޠީނުގެ ޙައްގުތައް ހިމާޔަތްކުރުމަށް ގޮވާލާފައިވެއެވެ.

ޣައްޒާ ޢުދުވާން ހުއްޓުމަކަށް ގެނެވިފައި ވަނީ، ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކުގައި 67,000އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލި ފަހުންނެވެ.