މި ސީޒަނަށްފަހު ޕޮލަންޑުގެ ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ދޫކޮށްލަން ބާސެލޯނާއިން ނިންމައިފިއެވެ.
އުމުރުން 38 އަހަރުގެ ފޯވާޑް މިހާރު ކުޅެމުންދަނީ ބާސެލޯނާގައި ތިން ވަނަ ސީޒަނެވެ. އޭނާ ވަނީ މިހާތަނަށް 156 މެޗުން ބާސެލޯނާ އަށް 105 ގޯލު ޖަހައިދީފަ އެވެ.
2022 ވަނަ އަހަރު ބަޔާން މިއުނިކުން ބާސެލޯނާ އަށް ބަދަލުވި ފޯވަޑްގެ ކޮންޓްރެކްޓުގައިވާ ގޮތުން ދެ ފަރާތުން އެއްބަސްވާނަމަ އިތުރު އަހަރަކަށް އޭނާގެ ކޮންޓްރެކްޓް ދަންމާލެވިދާނެ އެވެ. ނަމަވެސް ބާސެލޯނާއިން މި މާއްދާއަށް އަމަލު ނުކުރަން ނިންމީ ކުރިއަށް އޮތް ސީޒަނަށް މޮޅު ޒުވާން ފޯވާޑަކު ގެނައުމަށްޓަކަ އެވެ.
ލެވަންޑޯސްކީ ދޫކޮށްލަން ބާސެލޯނާއިން ބޭނުންވި މައިގަނޑު ސަބަބަކީ އުމުރުން ދުވަސްވެ އޭނާގެ ކުޅުން މަޑުމަޑުން ދަށްވާން ފެށުމެވެ. އަދި ކުރީގެ މޮޅު ކުޅުން އެއްފެންވަރެއްގައި ދަމަހައްޓަން އޭނާ އަށް ދަތިވަމުންދިއުމެވެ. އޭގެ ތެރޭގައި ގާތްގާތުގައި ގިނަ ހާނިއްކަތަކެއްވެ ނުކުޅެ ހުންނަންޖެހޭ މެޗުތައް ވެސް ގިނަވަމުންދިއުން ހިމެނެ އެވެ.
ޕޮލެންޑްގެ ކެޕްޓަންކަން ވެސް ކުރަމުން އަންނަ ލެވަންޑޯސްކީ އެންމެ ފުރަތަމަ ވިދާލީ ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑްގަ އެވެ. އެއަށްފަހު އޭނާ އެންމެ ބޮޑަށް ވިދާލީ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކްގަ އެވެ. އެ ކުލަބުގައި އޭނާ ވަނީ ޔޫރަޕުގެ ރަންބޫޓު ވެސް ދެ ފަހަރު ހާސިލްކޮށްފަ އެވެ.
ކޮންޓްރެކްޓް އާ ނުކުރަން ބާސެލޯނާއިން ނިންމި ނަމަވެސް މިހާތަނަށް ލެވަންޑޯސްކީ މިކަމާމެދު ވަކި އެއްޗެއް ނުބުނެ އެވެ. އޭނާ ލައްވައި ކުޅުވަން އެމެރިކާ އާއި ހާއްސަކޮށް ސައޫދީ އަރަބިއާގެ ކުލަބުތަކުން ބޭނުންވެ އެވެ.