އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ 4000 ހައުސިން ޔުނިޓުތަކުގެ އެއްބަސްވުމާއި ޚިލާފަށް އެތަންތަން ކުއްޔަށްދޭނަމަ، އެ ފަރާތެއްގެ އެއްބަސްވުން ބާޠިލްކޮށް ފްލެޓް އަތުލެވޭނެކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޙަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.
ޙަމްދާން މިހެން ވިދާޅުވީ، ހުޅުމާލޭގައި އެފްޑީސީން ތަރައްޤީކޮށްފައިވާ 4000 ހައުސިން ޔުނިޓުތައް ކުއްޔަށް ދޫކުރުމަށް ބައެއް ފަރާތްތަކުން އިއުލާންކުރަމުންދާ ދަނޑިވަޅެއްގައެވެ.
އެފްޑީސީން މިހާތަނަށް 78 ފަރާތަކާ ފްލެޓް ހަވާލުކޮށްފައިވާއިރު، މިހާރު ވަނީ ބައެއް ފްލެޓްތައް ބޮޑެތި އަގުތަކުގައި ކުއްޔަށް ދޭން އިޢުލާންކޮށްފައެވެ.
އެގޮތުން ތިން ކޮޓަރީގެ ފްލެޓެއް 25,000 ރުފިޔާއަށް ކުއްޔަށް ދޭން ސޯޝަލް މީޑިއާގައި އިޢުލާންކޮށްފައިވާއިރު، މިއީ ސަރުކާރުން ކަނޑައަޅާފައިވާ 11,500 ރުފިޔާގެ ކުއްޔަށްވުރެ ދެގުނައަށްވުރެ ބޮޑު އަދަދެކެވެ. ނަމަވެސް ފްލެޓް ލިބޭ ފަރާތްތަކާއި އެފްޑީސީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ފްލެޓްތައް ކުއްޔަށް ދިނުމަކީ މަނާކަމެކެވެ.
އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން ދޫކުރަމުންދާ މި ފްލެޓްތަކަކީ ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އިސްކަން ދީގެން ދޫކުރާ ފްލެޓްތަކެއް. އެއްބަސްވުމާ ޚިލާފަށް ފުލެޓު ކުއްޔަށް ދޭ ނަމަ، ފްލެޓު ކުއްޔަށް ދޭ ފަރާތްތައް ހޯދާ އެއްބަސްވުމުގައި ވާ… pic.twitter.com/G8kL6zqUiA
— Hamdhan Shakeel (@HamdhanShakeel) October 11, 2025
އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ނާޖާއިޒު ފައިދާ ނަގައިގެން ބޮޑެތި މަހުޖަނުންނަށް ވުމަށް ފުރުސަތު ދިނުމަކީ ނިކަމެތިންގެ އަސާސީ ޙައްޤުތަކުން މަޙްރޫމްވާނެ ކަމެއް ކަމަށް ޢާންމުން ފާހަގަކުރަމުންދާއިރު، އެފްޑީސީން ވަނީ މިފަދަ ޢަމަލުތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެކަން އަންގާފައެވެ.
އެގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޙަމްދާން ޝަކީލް ވިދާޅުވީ، އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން ދޫކުރަމުންދާ މި ފްލެޓްތަކަކީ ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އިސްކަން ދީގެން ދޫކުރާ ފްލެޓްތަކެއް ކަމަށެވެ. އަދި އެއްބަސްވުމާ ޚިލާފަށް ފުލެޓު ކުއްޔަށްދޭ ނަމަ، ފްލެޓު ކުއްޔަށް ދޭ ފަރާތްތައް ހޯދައި، އެ ފަރާތްތަކާއެކު ހެދިފައިވާ އެއްބަސްވުން ބާޠިލްކޮށް ފްލެޓް އަތުލެވޭނެ ކަމަށްވެސް ޝަކީލް ވިދާޅުވިއެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ 4000 ހައުސިން ޔުނިޓުތައް ހަވާލުކުރަމުންދަނީ ފިނިޝިން ހުރިހާ މަސައްކަތެއްވެސް ނިންމުމަށްފަހުއެވެ.
ފްލެޓްގެ އެއްބަސްވުމުގައި ސޮއިކުރުމަށް، ލިސްޓް ކަނޑައެޅުމުގެ މަސައްކަތް ކުރަނީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިންނެވެ. އެފްޑީސީން ސޮއިކުރަމުންދަނީ އެވުޒާރާއިން ފޮނުވާ ލިސްޓަށެވެ. ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ 4000 މީހުންގެ ލިސްޓުގައި ހިމެނޭ ބައެއް މީހުންގެ މަޢުލޫމާތުތައް އަދިވެސް ރިވިއުކުރަމުންދާކަމަށެވެ.